ކީރިތި ނަބިއްޔާ މުޙައްމަދު ﷺ އަށް ފުރައްސާރަކޮށް ކާޓޫން ކުރެހި މީހާއަށް ފްރާންސްގެ ރައީސް ތާއީދުކޮށް ހިއްވަރުދީފައިވާތީ، އެ ޤައުމާ ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ދިވެހި ސަރުކާރަށް މަދަނީ ޖަމިއްޔާތަކުން ގޮވާލައިފިއެވެ.
34 މަދަނީ ޖަމިއްޔާތަކުން މިގޮތަށް ގޮވާލީ މިއަދު ނެރުނު ބަޔާނެއްގައެވެ.
މި ބަޔާނުގައި ބުނެފައިވަނީ، ޒަމާނުއްސުރެވެސް އިސްލާމްދީނުގެ ޢަދާވާތްތެރީން އަންނަނީ ކައުއިތުރު ނަބިއްޔާއަށް ތަފާތު ގޮތް ގޮތުން ފުރައްސާރަކޮށް އެކަލޭގެފާނުގެ މަތިވެރި ޠާހިރު ޝަޙްޞިއްޔަތަށް ބޭއަދަބީ ބަސްތައް ރައްދުކުރަމުންކަމަށެވެ. މިއީ އެކަލޭގެފާނު ދުނިޔޭގައި ހުންނަވަނިކޮށްވެސް އަދި އެކަލޭގެފާނު އަވަހާރަވުމަށްފަހުވެސް އެކާފަރުން ކުރަމުން އަންނަ ފިޑި ހުތުރު ޢަމަލެއްކަމަށެވެ.
ސަބަބެއްކަމުގައި ވެފައިވަނީ ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވުނު ނަބިއްޔާ ގެންނެވި ޝަރީޢަތައްވުރެ މޮޅު ނިޒާމެއް ގެނައުމަށް ނުކުޅެދުމާއިއެކު އަދި އެކަލޭގެފާނުން ގެންނެވި ޝަރީޢަތް ދުވަހެއް ދުވަހަކަށް ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންގޮސް ދާދި ކުޑަމުއްދަތެއްގެތެރޭގައި މުޅިދުނިޔޭގައި އިސްލާމުން ވެރިކަން ކޮށް،އެމީހުންގެ ބާރާއި ނުފޫޒު ހިނގައިގަނެދާނެކަމުގެ ބިރަށްޓަކައި، ޙަސަދަވެރިކަމާ ބޮޑާކަމުގެ ތެރެއިން ޢަދާވާތްތެރީން މިވަނީ އެކަލޭގެފާނާ ދާވާލައިފައެވެ.
މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ މުސްލިމުން އީމާންވީ ކަމަށްވެސް ވަނީ އެހެން ހުރިހާ އެއްޗަކަށް ވުރެއް ބޮޑަށް އެކަލޭގެފާނު ދެކެ ލޯބިވެގެން ކަމަށާއި އެކަލޭގެފާނަށް ފުރައްސާރަކުރެވޭ ހިނދު އެކަލޭގެފާނުގެ ދިފާޢުގައި އަޑު ނޫފުލައި ކަހާތަން ހިރުވާވެސްނުލާ ތިބުމީ މުސްލިމުންކަމަށް ދަޢުވާކޮށްގެ ތިބެމެ، އެދަޢުވާގައި ތެދުވެރިކަމެއް ނެތްކަމުގެ ސާފުހެތްކެއްކަމަށެވެ.
" އެހެންކަމުން ފަރަންސޭސިވިލާތް ނުވަތަ ފްރާންސުގެ ސަރުކާރުން ހިންގާފައިވާ ލާދީނީ ގޮތެއްފޮތެއް ނެތް ނާތަހުޒީބު އެ ޢަމަލު ކުށްވެރިކުރުމަށް އަޅުގަނޑުމެން އަވަސްވެ ގަންނަންޖެހެއެވެ. އަދި އެޤައުމުގެ އުފެއްދުންތައް ބޮއިކޮޓުކޮށް، އެޤައުމުން އެ ޢަމަލުތައް ހުއްޓާލައި، މުސްލިމުންގެ ކިބައިން މާޢާފަށް އެދެފުމަށްދާންދެން އެމީހުންނާއެކު ސިޔާސީ އަދި ވިޔަފާރީގެ އެއްވެސް ގުޅުމެއް ނުބޭއްވުމަށް ދިވެހި ސަރުކާރަށް އަޅުގަނޑުމެން މި ގޮވާލަނީ ދިވެހި ހުރިހާ މުސްލިމުންގެ ނަމުގައެވެ. އަދި މި ގޮވާލުމަށް ސަރުކާރުން އިޖާބަނުދިންނަމަވެސް ކޮންމެ ދިވެއްސަކުވެސް އަމިއްލަ ފަރުދީ ޒިންމާގެ ގޮތުން ފުރާންސުގެ އުފެއްދުންތައް އެކީ އެކަށް ބޮއިކޯޓު ކުރުމަށް ގޮވާލަމެވެ! އަދި އެކަމުގެ ނުރުހުމާއި އިންކާރުކޮށް އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާގެ ދިފާޢުގައި އަޅުގަނޑުމެންވެސް ކޮންމެވެސް ޙައިޘިއްޔަތަކުން ބައިވެރިވުމުގެ ނަޞީބު ލިބިގަތުމަށްވެސް އެންމެހާ އަޚުންނާ އުޚްތުންނަށް ހަނދުމަކޮށްއަރުވަމެވެ." މި ބަޔާނުގައި ބުނެފައިވެއެވެ.

















ޚިޔާލު