ރާއްޖޭގެ ޚަބަރު

ބ އަތޮޅުގެ 6 ރަށެއްގައި ފަޤީރުންނެތް، ޒަކާތް އަތޮޅުގެ އެހެން ރަށްތަކަށް

ބ އަތޮޅުގެ 6 ރަށެއްގައި ޒަކާތް ޙައްޤުވާ ފަޤީރުން ނެތުމާއި ގުޅިގެން އެރަށްތަކުން ފިޠުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއާއި ގޮވާމުގެ ބާވަތްތައް ފަޤީރުން ތިބި އަތޮޅުގެ އެހެން ރަށްތަކަށް ފޮނުވައިފިއެވެ.

ބ އަތޮޅުގައި ފަޤީރުންނެތް ހަރަށަކީ ފުޅަދޫ، ފެހެންދޫ، ކިހާދޫ، ދޮންފަނު، ކުޑަރިކިލު އަދި ކެންދޫއެވެ.

މިރަށްތަކުގައި ޒަކާތް ޙައްޤުވާ ފަޤީރުން ނެތުމާއެކު އިސްލާމިކް މިނިސްޓްރީގެ އެންގުމާއި އެއްގޮތަށް މިރަށްތަކުން ޒަކާތުގެ ގޮތުގައި ލިބުނު ފައިސާއާއި ގޮވާން އަތޮޅުގެ އެހެން ރަށްތަކަށް ފޮނުވާފައިވާ ކަމަށް ރަށު ކައުންސިލްތަކުން ހާމަކޮށްފައިވެއެވެ. އެގޮތުން ކެންދޫ އަދި ކުޑަރިކިލުން ޒަކާތް ފޮނުވީ އެއަތޮޅު ކަމަދޫއަށެވެ. ކިހާދޫއިން ޒަކާތް ހިތާދޫއަށް ފޮނުވިއިރު އަދި ދޮންފަނުގެ ޒަކާތް ފޮނުވީ މާޅޮހަށެވެ. ފެހެންދޫއިން ތުޅާދޫއަށް ޒަކާތް ފޮނުވިއިރު ފުޅަދޫގެ ޒަކާތް ފޮނުވީ ގޮއިދޫއަށެވެ.

ރަށްތަކުގެ ކައުންސިލްތަކުން ހާމަކޮށްފައިވާ ގޮތުގައި މިއަހަރު ފަޤީރުންގެ އަދަދު މިހާ ބޮޑަށް މަދުވީ ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ފޯމް ހުށަހެޅި ގިނަ މީހުން އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައިވާ މިންގަނޑަށް ނުފެތުމުގެ ސަބަބުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *