ރާއްޖޭގެ ޚަބަރު

އާނއެކެވެ... އަހަންނަކީ ވައްހާބީއެކެވެ!

ލިޔުނީ: ޢަބްދުﷲ ނަސީމް

ޝެއިޚުލް އިސްލާމް މުޙައްމަދު ބިން އަބްދުލް ވައްހާބް އަކީ މީގެ ދެޤަރުނު ކުރިން އިސްލާމީ އުންމަތުން ފެނިގެންދިޔަ އެންމެ ވަރުގަދަ އެއް މުޞްލިޙެވެ. ބޮޑު އިމާމެކެވެ. މުޖައްދިދެކެވެ. އިމާމު މުޙައްމަދު ބިން ޢަބްދުލްވައްހާބަކީ ހެޔޮކަންތަކަށް އަމުރުކުރައްވައި މުންކަރާތްތައް ނަހީކުރެއްވި މާތް ޢިލްމުވެރިބޭކަލެކެވެ. އެކަލޭގެފާނު ގޮވާލެއްވީ ﷲގެ ޝަރީޢަތް ޤާއިމު ކުރުމަށާއި ތަޢުޙީދު ދިރުވުމަށެވެ. ބިދުޢަތަކާއި ޝިރުކު ނައްތާލެއްވުމަށެވެ. އިމާމު މުޙައްމަދު ބިން ޢަބްދުލްވައްހާބަކީ އުންމަތުގެ ރަމްޒެކެވެ. ފަޚުރެކެވެ. މާތް ﷲ އެކަލޭގެފާނަށާއި އުންމަތުގެ އެންމެހައި އިމާމުންނަށް ރުއްސުންލައްވައި މަތިވެރި ނިޢުމަތް ދެއްވާނދޭވެ! އަދި އެބޭކަލުންގެ މަގުން ހިގުމުގެ ތައުފީޤް އަޅުގަނޑުމެން އެންމެނަށް ދެއްވާނދޭވެ!

ކޮންމެއަކަސް އިސްލާމްދީނުގެ މަތިވެރި ހިދާޔަތަށްފަހު ޒަމާންތައް ފާއިތުވަމުން ގޮސް ޢަރަބިކަރަ ޝިރުކާއި ޖަހާލަތުގެ އަނދިރި ކަމުގެ ތެރެއަށް ވެއްޓިފައިވަނިކޮށް، ޝެއިޚުލް އިސްލާމް މުޙައްމަދު ބިން އަބްދުލް ވައްހާބް ވަޑައިގެން، ކުރީގެ ދަންނަބޭކަލުންނެކޭ އެއްފަދައިން ޤުރުއާނާއި ސުންނަތުގެ މަގަށް ގޮވާލައްވަން ފެއްޓެވުމުން އެކަމާއި ޙަސަދަވެރިވީ މީހުން، އެކަލޭގެފާނުގެ ބަސް ޤަބޫލުކުރައްވައި އެކަލޭގެފާނަށް ތަބާވީ މީސްތަކުންނަށް "ވައްހާބީން" އޭ ކިޔައި އުޅުނެވެ. މިނަމަކީ މިއީ އޭރު ދުނިޔޭގައި ހަންފަތުރާ ޤައުމުތައް އިސްތިޢުމާރު ކުރަމުން ދިޔަ އިނގިރޭސިންނާއި އަދި މުސްލިމުންގެ ތެރެއަށް ނިސްބަތްވެގެން ތިބި ޝިޔަޢީންނާއި ޞޫފީން ދިން ނަމެކެވެ. އެއަށްފަހު ޤުރުއާނާއި ސުންނަތުގައި ހިފަހައްޓާ މީހުންނަށް ފުރައްސާރަކުރުމުގެ ގޮތުން މިނަން ބޭނުން ކުރެވެމުން ދަނީއެވެ. މިއީ އެއްވެސް ޙާލެއްގައި، ﷲ ތަޢާލާގެ ފޮތަށާއި ކީރިތި ނަބިއްޔާގެ ސުންނަތަށް ޢަމަލު ކުރަމުންދާ ބަޔަކަށް ފުރައްސާރަ ކުރުމަށް ބޭނުންކުރެވެންޖެހޭ ލަފްޒެއްނޫނެވެ. އަދި ކިއެއްހެއްޔެވެ، އަލް-ވައްހާބް އަކީ ﷲ ތަޢާލާގެ އިސްމުފުޅުތަކުގެ ތެރެއިން އެއް އިސްމުފުޅުވެސް މެއެވެ.

ދަންނާށެވެ! ޝެއިޚުލް އިސްލާމްގެ ދަޢުވަތުގައިވާފަދައިން......

- ވައްހާބީގެ މާނަ އަކީ، "ތައުޙީދަށް ގޮވާލާ، ޞައްޙަ އަޤީދާ އަށް ތަބާވެ، ޝިރުކުގެ އެންމެހައި ޢަމަލުތަކުން ތައުޙީދު ސަލާމަތް ކުރުން' ކަމަށް ވާނަމަ...." އާނއެކެވެ... އަހަންނަކީ ވައްހާބީއެކެވެ!

- ވައްހާބީގެ މާނަ އަކީ، "އެންމެހައި ބިދުޢަތަކުން ސަލާމަތްވެ، ޤުރުއާނާއި ސުންނަތުގެ މަގަށް ގޮވާލާ، ސަލަފުއް ޞާލިހުންގެ ފަހުމާއި މަންހަޖުގައި ހިފަހައްޓާ، މަޛްހަބީ ބައިބައިވުން ނައްތާލުން ކަމަށްވާނަމަ..." އާނއެކެވެ... އަހަންނަކީ ވައްހާބީއެކެވެ!

- ވައްހާބީ ގެ މާނަ އަކީ، "ޠާޣޫތުންނާއި ދެކޮޅަށް ޖިހާދު ކުރުމަށް ގޮވާލާ، ﷲއަށް ޢަދާވާތްތެރިވެ ޝިރުކު ކުރާ މީހުންނާއި އިދިކޮޅަށް، ﷲ ތަޢާލާ އަމުރު ކުރައްވާފައިވާ ފަދައިން ޖިހާދު ކުރުމަށް ގޮވާލައި، މުސްލިމުނަށް ވަލާއު ދިނުން ކަމަށްވާނަމަ..." އާނއެކެވެ... އަހަންނަކީ ވައްހާބީއެކެވެ!

- ވައްހާބީގެ މާނަ އަކީ، "މެދުމިނުގެ އުސޫލުގައި ހިފަހައްޓައި، ހައްދުފަހަނައަޅާ ދިޔުމުން ރައްކާތެރިވުން' ކަމަށް ވާނަމަ..." އާނއެކެވެ... އަހަންނަކީ ވައްހާބީއެކެވެ!

ވީމާ އެގޮތަށް ކިޔައި ދިމާކޮށް ފުރައްސާރަ ކުރުމަކުން އަހަރެމެންގެ ހިތަށް ކުރާނެ އެއްވެސް އަޘަރެއް ނެތެވެ. އަދި އެއީ ހައްޤު ގޮތުގައި ތިބެވޭކަމުގެ ނިޝާނަކަށް ވެސް ވުން އެކަށީގެން ވެއެވެ. މުއުމިނުތަކުންނަށް ފުރައްސާރަކޮށް މަލާމާތް ކުރާނެ ވާހަކަ ކީރިތި ޤުރުއާނުގައި ވެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.

"وَإِذَا رَأَوْهُمْ قَالُوا إِنَّ هَؤُلاءِ لَضَالُّونَ" (المطففين:32)

"އަދި އެބައިމީހުންނަށް މުއުމިނުން ފެންނަހިނދު ބުނާނެތެވެ. ފަހެ އެއީ މަގުފުރެދި ޙައްދު ފަހަނާޅާފައިވާ ބައެކެވެ."

އަހަރެމެންގެ ޝިޢާރަކީ "މުސްލިމުން"، މިއެވެ. މިލޭބަލް އަހަރެމެންނަށް ފުދެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.

"وَمَنْ أَحْسَنُ قَوْلا مِمَّنْ دَعَا إِلَى اللَّهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ" (فصلت: 33)

"ﷲ ތަޢާލާގެ ދީނަށް ގޮވާލައި، ޞާލިޙް ޢަމަލުކޮށް އަދި 'ތިމަންނައަކީ މުސްލިމެކޭ' ބުނާ މީހަކަށްވުރެ، އެމީހެއްގެ ބަހުގައި ހެޔޮކަންބޮޑީ ފަހެ ކާކުހެއްޔެވެ؟"

ގުޅުންހުރި

3 ޚިޔާލު

  1. i feel more comfortable now..alhamdlilaah, jazakallah khairan

  2. މާޝާﷲ، ސަޅި ލިޔުމެއް!

  3. ނޯޓް: މި ލިޔުމުގެ މަޤްސަދަކީ އެއްވެސް ޙާލެއްގައި އަހަރެމެން އަމިއްލައަށް ވައްހާބީންނަށްވެ އައަށް ނިސްބަތްވުމެއް ނޫނެވެ. އެހެންނަމަވެސް “ވައްހާބީން” މި ލަފްޒު ދިވެހިން އާންމުކޮށް ބޭނުން ކޮށް އުޅެނީ ދީނަށް ލޯބިކުރާ މީހުންނަށް ފުރައްސާރަ ކުރުމަށެވެ. ފުރައްސާރަ ކުރުމަށްޓަކައި އެބަސް އެ ބޭނުން ކުރަނީ މަތީގައިވާ ސިފަތަށް ހުރުމުން ކަމަށް ވާ ނަމަ އެއަކުން އަހަރެމެންނަކަށް ކުރާނެ ގެއްލުމެއް ނެތެވެ. އެއީ އަހަރެމެން އެއަށް ނިސްބަތް ވުމެއް ނޫނެވެ. އަދި އެ ސިފަތައް ހުރުމުން ކިޔާ އެއްޗެއް ނަމަ “މުސްލިމުން” ކިޔުން މާ އައުލާއެވެ. އެހެނީ އެ ސިފަ ތަކަކީ ފުރިހަމަ މުސްލިމުންގެ ސިފަތަކެކެވެ.

Your email address will not be published. Required fields are marked *