އިސްލާމީ ޝަރީޢާއިން ތައުލީމް ހާޞިލްކޮށްގެން ތިއްބެވި ބޭފުޅުންނަށް ފުރުޞަތު ނެތްގޮތަށް ޝަރުއީ ނިޒާމް ބައްޓަން ކުރުމަކީ ވަރަށް ބޮޑު ނުރައްކަލެއް ކަމުގައި އިސްލާމީ ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މަޖްލީހަށް ހުށަހަޅާފައިވާ ޤާނޫނީ ޚިދުމަތުގެ ބިލަށް އިޝާރާތް ކުރައްވާ ޑރ ޝަހީމް ވިދާޅުވީ އިސްލާމީ ޝަރީޢާއިން ތައުލީމް ހާޞިލްކޮށްގެން ތިއްބެވި ބޭފުޅުންނަށް ފުރުޞަތު ނެތްގޮތަށް ޝަރުއީ ނިޒާމް ބައްޓަން ކުރުމަކީ ވަރަށް ގިނަ ޢިލްމީ ބޭފުޅުންނަށް ފުރުޞަތު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި ހަމައެކަނި ޝަރީޢާ ކިޔަވާފަތިބި މީހުންނަށް ވަކާލާތު ނުކުރެވޭ ގޮތަށް ޤާނޫނު ހެދުމަކީ ހަމަޖެހޭ ގޮތެއް ނޫންކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ.
ޑރ ޝަހީމް އިތުރަށް ވިދާޅުވީ ޝަރީޢާއިން ތަހައްސުސްވާއިރުވެސް ވަކާލާތުކުރުމާއި ފަނޑިޔާރުކަން ކުރެވޭ ފެންވަރަށް ޝަރުއީ ނިޒާމާއިބެހޭ މާއްދާތަަކާއި ޖިނާއީ އިޖުރާތާއި ގުޅޭ ކަންކަންވެސް ކިޔަވައިދޭ ކަމަށެވެ.
ރާއްޖޭގެ ޝަރުޢީ ނިޒާމުގައި ހިމެނޭ ޖިނާއީ މައްސަލަތަކާއި މަދަނީ މައްސަލަތަކާއި ހަޟާނާތާއި ވަރިއާއި ތަރިކައިގެ މައްސަލަތަކަށް އިޝާރާތްކުރައްވާ ޑރ ޝަހީމް ވިދާޅުވީ ހަމައެކަނި ލޯ ކިޔަވައިގެން ވަޑައިގަންނަވާ ފަރާތްތަކަށް އިސްލާމީ ޝަރީއަތުގެ މިފަދަ ކަންކަން ނޭނގުމުން އޮޅުންފިލުވަންދާނެޖެހެނީ ހަމަ ޝައިޚުން ގާތަށް ކަމަށެވެ.
ވަކީލުންގެ ކަންކަން ހަރުދަނާ ކުރުމަށް ކަމަށް ވިދާޅުވެ މަފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ހުށަހެޅުއްވި މިބިލުގައިވާ ގޮތުން ހަމައެކަނި ޝަރީއާ ކިޔަވައިގެން ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ލިބިފައިވާ މީހުންގެ ހުއްދަތައް މިބިލް ޤާނޫނަކަށް ވުމުން ބާތިލްވާނެއެވެ.
މިބިލުގައިވާ ގޮތުން މިބިލު ޤާނޫނަކަށް ވުމުން ވަކީލު ކަމުގެ ހުއްދަ ދޭންވާނީ ޝަރީއާ އެންޑް ލޯއިން ޑިޕްލޮމާ ނުވަތަ ފުރަތަމަ ޑިގްރީ ނުވަތަ އެލްއެލްބީ ހާސިލްކޮށްފައިވާ މީހުނަށެވެ. އަދި ޤާނޫނަށް އަމަލުކުރަން ފަށާތާ، ތިން އަހަރު ދުވަހުގެ ތެރޭގައި އެ ސަނަދުތައް ނެތް މީހުން، ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލް ކުރަން ޖެހޭނެ ކަމަށާއި ނޫންނަމަ އެމީހުންގެ ޤާނޫނީ ވަކީލް ކަމުގެ ހުއްދަ ބާތިލްވެގެން ދާނެ ކަމަށް ބިލްގައިވެ އެވެ.
ޑރ ޝަހީމް ވިދާޅުވި ގޮތުގައި ނިޒާމުން ބާކީ ނުކޮށްލާ، ޒަމާނާއި އުސޫލުތައް ދަސްކުރުމަށް ޝަރީއާ އެކަނި ހަދާފައިވާ ފަރާތްތަކަށް ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ލޯ ފަދަ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުން މާ ރަނގަޅު ކަމަށެވެ. އަދި ހަމަ އެގޮތަށް ހަމަ އެކަނި ލޯ ހަދާފައިވާ ފަރާތްތަކަށް ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޝަރީއާ ފަދަ ޕްރޮގްރާމެއް ހެދޭ ގޮތަށް އޮންނަން ޖެހޭ ކަމަށެވެ.
ޑރ ޝަހީމް ވިދާޅުވީ ކަމެއް ތަރައްޤީ ކުުރުމަކީ އެންމެން އެކަމާއި އުފާކުރާނެ ކަމެއްކަމަށާއި އެހެންނަމަވެސް ވަކި ބަޔަކު ނިޒާމުން ގެއްލުވާލަން މަސައްކަތް ކުރުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ނުދެކޭ ކަމަށެވެ.

















ޚިޔާލު