ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދިނުމުގެ މަސައްކަތް ފަށްޓަވާނެ ކަމަށް ނައިބް ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބް ރައީސް މިފަދައިން ވިދާޅުވެފައިވަނީ ހއ. ދިއްދުއަށް ކުރެއްވި ދަތުރުފުޅުގައި، އަމިއްލަ ފަރާތަކުން އިންތިޒާމުކޮށްގެން ދިއްދޫގައި ބޭއްވި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ނައިބް ރައީސް ފައިސަލް ވިދާޅުވީ ޤައުމު ތަރައްޤީ ކުރުމަށްޓަކައި ރަނގަޅު ޖީލެއް އުފައްދަން ޖެހޭކަމަށާއި، ކޮންމެ މީހެއްގެ ވާޖިބަކަށް ވާންވާނީ ތުއްތު ކުދިންނަށް ހެޔޮ ގޮތުގައި ތަޢުލީމު ފޯރުކޮށްދީ މާދަމައަށްޓަކައި އެކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުން ކަމަށެވެ. އަދި މިސްކިތްތަކުގައި ގުރުއާން ކިޔަވައިދޭން ފެށުމަކީ ރާއްޖޭގައި މިއޮތް އިސްލާމީ ވަހުދަތު ދެމެހެއްޓުމަށްޓަކައި ދީނީ އެއްބައިވަންތަކަން ޤާއިމުކުރުމަށާއި ދީނީ ވާޖިބުތައް އަދާ ކުރުމަށް ބާރުއެޅުމަށްޓަކައި މި ސަރުކާރުން ކުރަން ނިންމާފައިވާ ގިނަ ގުނަ ކަންތައްތަކުގެ ތެރެއިން ކަމެއް ކަމުގައި ނައިބް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވެވިއެވެ.
ނައިބް ރައީސް ފައިސަލް ނަސީމްގެ މިދަތުރުފުޅަކީ މަޤާމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ނައިބް ރައީސްގެ ހައިސިއްޔަތުން ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

















ޚިޔާލު