ރާއްޖޭގެ ޚަބަރު

ފިޠުރު ޒަކާތުގެ ގޮތުގައި 4 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކައިފި

މިހާތަނަށް ފިޠުރު ޒަކާތުގެ ގޮތުގައި 4051748 (ހަތަރު މިލިޔަން ފަންސާސް އެއްހާސް ހަތްސަތޭކަ ސާޅީސްއަށެއް) ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހާމަކޮށްފިއެވެ.

އެގޮތުން އެމިނިސްޓްރީއިން ބުނީ ހޯމަދުވަހުގެ ނިޔަލަށް މާލެ، ވިލިމާލެ އަދި ހުޅުމާލެއަށް 106،357 މީހުން ފައިސާއިން ޒަކާތް ދައްކާފައިވާ ކަމަށެވެ.

މީގެ އިތުރުން ގޮވާމުގެ ބާވަތްތަކުން 2292 މީހުން  5500.8 ކިލޯ ގްރާމްގެ ގޮވާން ޒަކާތުގެ ގޮތުގައި ދައްކާފައިވާ ކަމަށްވެސް އެމިނިސްޓްރީއިން ބުނެއެވެ.

ފިޠުރު ޒަކާތް ބެހުމުގެ މަސައްކަތް މިއަދު ކުރިއަށްދާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީއިން ބުނެއެވެ. އެގޮތުން ފިޠުރު ޒަކާތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބެހުމުގެ ކަންކަން ކުރިއަށްދާނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައެވެ. އަދި ގޮވާމުގެ ގޮތުގައި ލިބިފައިވާ ތަކެތި ބެހުމުގެ މަސައްކަތް ކުރަމުންދާނީ ގޮވާމުން ފިޠުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރިއަށްދާ އަރަބިއްޔާ ސްކޫލުންނެވެ.

ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 10:30 އިން މެންދުރު 12:00 އަށް، މެންދުރު 12:45 އިން ހަވީރު 15:30 އަށް އަދި ރޭގަނޑު 21:00 އިން ރޭގަނޑު 23:00 އަށް ކަމަށް މިނިސްޓްރީއިން ބުނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *