ރާއްޖޭގެ އިސްލާމީ ވަހުދަތު ނަގާލަން ބަޔަކު މީހުން މަސައްކަތް ކުރަމުންދާ ކަމަށާއި އެފަދަ ފަރާތްތަކުން ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭނެކަމަށް ޖަމިއްޔަތުއް ސަލަފްއިން ބުނެފިއެވެ.
ސަލަފްއިން މިހެން ބުނެފައިވަނީ އީޔޫއިން، މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމާއި ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލުމަށް ސުންނީ މުސްލިމަކަށް ވާންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހުކުރުމަށް ދިން ލަފަޔާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.
ސަލަފްގެ ރައީސް އައްޝައިޚް އަބްދުﷲ ބިން މުޙައްމަދު އިބްރާޙިމް ސޮއިކުރައްވާ އިނގިރޭސިބަހުން ނެރުނު މިބަޔާނުގައި ބުނެފައިވަނީ އީޔޫއިން ދިވެހިރާއްޖޭގައި ދީނީ މިނިވަންކަން ދިނުމަށް ގޮވާލުމަކީ ވަރަށް ނުރައްކާތެރިކަމެއް ކަމަށާއި ވިލާތުގެ އިއްތިހާދުން ރާއްޖެއަށް ހެޔޮއެދޭ ނަމަ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް އެފަދަ ކަންކަމަށް ގޮވާނުލާނެ ކަމަށެވެ.
މިބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ދިވެހިން އިސްލާމްދީން ޤަބޫލުކޮށްގެންތިބިތާ 800 އަހަރަށްވުރެ ގިނަދުވަސްވެފައިވާއިރު އިސްލާމް ދީނުގެ އަދުއްވުންނާއި ބޭރުގެ ބައެއް ޖަމާއަތްތަކުން އިސްލާމްދީން ރާއްޖެއިން ފޮހެލުމަށްޓަކައި ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.
އީޔޫގެ އިލެކްޓޯރަލް ފޮލޯއަޕް މިޝަނުން އާންމުކުރި ރިޕޯޓާ ގުޅިގެން ދިވެހި ސަރުކާރުން ބުނީ އެ ރިޕޯޓުގައި ރާއްޖޭގެ ދީނާ ގުޅޭ މާއްދާތައް އިސްލާހުކުރަން ދީފައިވާ ލަފައެއް ބަލައި ނުގަނެވޭނެ ކަމަށާއި އެހެން ނަމަވެސް އެހެނިހެން ކަންކަން ތަންފީޒުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

















ޚިޔާލު