ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން އަލަށް އުފެއްދި ސްކޫލް އޮފް މެޑިސިން އަށް ޑީންއަކު ހޯދުމަށް އިޢުލާންކޮށްފިއެވެ.
މިކަމާއި ގުޅޭގޮތުން އެމްއެންޔޫއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ސްކޫލް އޮފް މެޑިސިން އަށް ޑީންއަކު ބޭނުންވާ ކަމަށާއި މަޤާމަށް ޝަރުތުހަމަވާ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ.
މިމަޤާމުގެ ޝަރުތުތަކަކީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ގެ ފެންވަރުގެ ސަނަދެއް މެޑިސިން ދާއިރާއިން ޙާޞިލްކޮށްފައިވުމާއެކު
މަދުވެގެން 3 އަހަރު ދުވަހުގެ ހިންގުމުގެ ތަޖުރިބާ ޙާޞިލްކޮށްފައިވުމެވެ.
މިމަޤާމަށް ހޮވޭ ފަރާތަކީ ޕީ.އެޗް.ޑީ ހާސިލްކޮށްފައިވާ ފަރާތެއްނަމަ، މުސާރައިގެ ގޮތުގައި 46,179.32ރ ލިބޭނެއެވެ. އަދި މާސްޓަރ ހާސިލްކޮފައިވާ ފަރާތެއްނަމަ، މުސާރައިގެ ގޮތުގައި 38,500.00ރ ލިބޭނެއެވެ. މީގެ އިތުރުން ޓެނުއަރޝިޕް އެލަވަންސްގެ ގޮތުގައި 9،000.00ރ ލިބޭއިރު ފޯން އެލަވަންސްގެ ގޮތުގައި މަހަކު -/500 ރ ލިބޭނެއެވެ. ޓެނުއަރޝިޕް އެލަވަންސް ދެވެނީ ކިޔަވާ ދަރިވަރުންނަށް ނިސްބަތްކޮށް ކަމުގައި މިއިއުލާންގައި ފާހަގަކޮށްފައިވެއެވެ.
މިމަޤާމަށް އެދޭ ފަރާތްތަކުން އެކަމަށްއެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚްއަކީ މެއި މަހުގެ 03 ވާ ބުރާސްފަތިދުވަހުގެ 12:00 އެވެ.
މެޑިކަލް ސްކޫލްއަށް ޑީންއަކު ހޯދާއިރު، އެފެކަލްޓީއިން ހިންގުމަށް ހަމަޖެހިފައިވާ އެމްބީބީއެސް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތުވަނީ އެމްއެންޔޫއިން ހުޅުވާލާފައެވެ.
އެމްއެންޔޫއިން ހާމަކޮށްފައިވާ ގޮތުގައި އެމްބީބީއެސްއަށް ކިޔަވައިދޭން ފަށާއިރު ކްލިނިކަލް މާއްދާތައް ކިޔަވައިދޭނީ ރާއްޖޭގެ ޑޮކްޓަރުންްނެވެ. އަދި ބޭސިކް ސައިންސްގެ ތިން މާއްދާ ކިޔަވައިދޭނެ ބޭރުގެ ޓީޗަރުން މިހާރު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެފަރާތުން ބުނެއެވެ.
ރާއްޖޭގައި މެޑިކަލް ސްކޫލެއް ޤާއިމްކުރަން ޕާކިސްތާން ސަރުކާރުން ފަސް މިލިއަން ޑޮލަރުގެ އެހީ ދީފައިވާއިރު ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވުމާއެކު މެޑިކަލް ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ އެއިމާރާތުގެ 2 ފްލޯއެއްގައެވެ.

















ޚިޔާލު