ރާއްޖޭގެ ޚަބަރު

ހިޖްރަގެ އައުޓްރީޗް ޕްރޮގްރާމްތަކެއް ކޮލަމާފުށީގައި ކުރިއަށް ގެންގޮސްފި

އަލް ހިޖްރަ ޖަމިއްޔާއާއި ގއ ކޮލަމާފުށީ ކައުންސިލް ގުޅިގެން އެރަށުގައި އައުޓްރީޗް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިހަރަކާތްތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ހިޖްރަގެ ފަރާތުން ވާހަކަދެއްކެވި އަބްދުﷲ ޟިރާރު ވިދާޅުވީ އައުޓްރީޗް ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ 12 އިން 14 އަށް ކޮލަމާފުށީގައި ކަމަށާއި މިޕްރޮގްރާމްގެ ދަށުން ދީނީ އަދި އިޖްތިމާއީ ގޮތުން ހޭލުންތެރިކަން އިތުރުވާނެފަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

ޟިރާރު އިތުރަށް ވިދާޅުވީ މޫސުން ތަން ނުދިނުމުގެ ސަބަބުން ސެޓް ޔުއަރ ގޯލްފަދަ ބައެއް ހަރަކާތްތައް ކެންސަލް ކުރަންޖެހުނު ނަމަވެސް ވޯރކްޝޮޕްތަކާއި ދަރުސްތައް މިޕްރޮގްރާމްގެ ތެރެއިން ކުރިއަށް ގެންދެވުނު ކަމަށެވެ. އެގޮތުން ސުވާލާއި ޖަވާބު ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ "ލޯބިވާ ދަރިފުޅާއެވެ" ދަރުހާއި ކުޑަކުދިންނާއި ބެލެނިވެރިންނަށް ޙާއްސަކޮށްގެން ކުރިއަށް ގެންދިޔަ ނަމާދު ވޯރކްޝޮޕް ހިމެނެއެވެ.

ޟިރާރު ފާހަގަކުރެއްވި ގޮތުގައި ޝައިޚް ނަސްރުﷲ އަލީއާއި ޝައިޚް އަހުމަދު ޝުއައިބް އަބްދުﷲ ބައިވެރިވެ ވަޑައިގަތް މިޕްރޮގްރާމްގައި "ޓައިމް މެނޭޖްމަންޓް އިން އެން އިސްލާމިކް ޕާރސްޕެކްޓިވް" ނަމުގައި ކުރިއަށް ގެންދިޔަ ހަރަކާތަށް ވަރަށް ބޮޑު ތަރުހީބެއްވަނީ ލިބިފައެވެ.

މިއަހަރުގެ ރަމަޟާންމަހުވެސް ދީނީ ގޮތުން ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ހުޅުމާލޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް ހިޖްރަ ޖަމިއްޔާއިން މައުލޫމާތު ދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *