ރާއްޖޭގެ ޚަބަރު

މުރުތައްދުވާ މީހުންނާމެދު އަމަލުކުރާނެ އުސޫލު އާއްމުކޮށްފި

މުރުތައްދުވާ މީހުންނާއި އިސްލާމްދީނަށް ފުރައްސާރަ ކުރާމީހުންގެ މަދަނީ ހައްޤުތައް ހިފެހެއްޓުމަކީ ކުރަންޖެހިފައިވާ ކަމެއްކަމުގައި ކަނޑައަޅައި އެފަދަ މީހުންނާމެދު އަމަލުކުރާނެ އުސޫލު އާއްމުކޮށްފިއެވެ.

އިއްޔެ ގެޒެޓުގައި ސާއިއުކޮށްފައިވާ ދީނީ މިނިވަންކަމާއި، ދީނަށް މަލާމާތްކުރުމާއި، ހަނގުރާމައަށް ދިޔުމާއި، ދީނުގެ ނަމުގައި ހިންގާ މާރާމާރީއާއި، ހަނގުރާމަވެރި ޙަރަކާތްތައް ހިންގުމާބެހޭ މައްސަލަތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ޢަމަލުކުރުމަށް އެކުލަވައިލެވިފައިވާ އުސޫލުގައި ބުނެފައިވާ މިއުސޫލުގައި ބުނެފައިވާ ފަދަ ޢަމަލުތައް ހިންގާ މީހުންގެ ޕެންޝަނާއި އެހެނިހެން އަސާސީ ޚިދުމަތްތައް ފިޔަވައި ދިވެހި ސަރުކާރުންދޭ އެކިއެކި އެހީތަކާއި، އާސަންދައާއި ބިމުގެ ހައްޤުތަކާއި ގޯތިގެދޮރުގެ ސްކީމްތައްފަދަ ކަންކަމުން މަހްރޫމް ކުރެވޭނެ ފަދައަކުން ޤާނޫނުތައް ބަދަލުކުރަންޖެހިފައިވާ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

މިއުސޫލުގައި ބުނެފައިވާ ގޮތުން މުރުތައްދުވުމަކީ ޤާނޫނު އަސާސީގެ އުސޫލުތަކުގެ ތެރެއިން އެއްވެސް ޤާނޫނެއްގައި ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމެއް ނޫންކަމަށާއި މުރުތައްދުވާ މީހާއާއެމެދު ކަންކުރާނެ ގޮތެއް ނުވަތަ އިޖުރާއަތެއްވެސް އެކަށީގެންވާ ގޮތަށް ލިޔެވިފައި ނުވާކަމަށެވެ. އެހެންނަމަވެސް ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށް ވީހިނދު ދިވެއްސަކު މުރުތައްދު ވެއްޖެނަމަ އެމީހަކާމެދު ކަންކުރާނެ ސިޔާސަތެއް ބަޔާންވެފައި އޮންނަން ޖެހޭކަމަށާއި ކޮންމެ ޢަމަލެއްގެ މައްޗަށް އަންނާނެ ނަތީޖާތައް ލިޔެވި ބަޔާންވެފައި އޮތުމީ ދައުލަތުގެ މައްޗަށް ވާ ޒިންމާއެއްގެ އިތުރުން ރައްޔިތުންނަށް ލިބިދީފައިވާ ހައްޤެއް ކަމުގައި ބުނެފައިވެއެވެ.

މުރުތައްދުވާ މީހަކާމެދު މިއުސޫލުގެ ދަށުން އަމަލުކުރާނެ ގޮތް:

- އެފަދަ މީހަކަށް ނަސޭހަތްދީ އިސްލާމްދީނުގެ އުސޫލުތައް އޮޅުންފިލުވައިދީ އަނބުރާ އިސްލާމދީނަށް ރުޖޫއަވުމަށް ފުރުޞަތު ދިނުން
- އިސްލާމްދީނަށް އަނބުރާ ރުޖޫއަވެއްޖެނަމަ އެމީހަކަށް ބޭނުންވާނެ ދީނީ އަދި ނަފްސާނީ އެހީތެރިކަން ދައުލަތުގެ ފަރާތުން ފޯރުކޮށްދިނުން
- ދިވެއްސަކު އިސްލާމްދީން ދޫކޮށްލާ އެކަމުގެ މަތީ ދެމިހުރެއްޖެނަމަ އެމީހަކު މުރުތައްދުވެފައިކަމަށް ކަނޑައަޅާނީ ކޯޓުން
- މުރުތައްދުވެެފައިކަން ކޯޓުން ކަނޑައަޅައިފިނަމަ އެމީހެއްގެ މައްޗަށް ޤާނޫނުގައި ކަނޑައެޅޭ މުއްދަތަކަށް މުޖުތަމައުން އެކަހެރިކުރުމާއި މަދަނީ ފިޔަވަޅުތަކެއް އެޅޭނެފަދަ ގޮތަކަށް ހަމަޖެއްސުން
- ޕެރޯލް ނުވަތަ ކްލެމެންސީ ފަދަ ހުކުމަށް ލުޔެއް ނުލިބޭނޭ ފަދައަކުން ހަމަޖެއްސުން

މިއުސޫލުގައި ބުނެފައިވާ ގޮތުން މިއުސޫލުގައި ކަނޑައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމުގެ ކުރިން ދިވެހިރައްޔިތަކު މުރުތައްދުވެފައިވާ ކަމަށްފެނި އެމައްޗަށް ދައުލަތުގެ ފަރާތުން ނިންމާފައިވީ ކަމުގައިވިޔަސް އެމައްސަލައެއް އަލުން މިސަޔާސަތުގެ ދަށުން ނުވަތަ މީގެ ދަށުން އެކުލަވާލެވޭ އިޖުރާއަތުގެ ދަށުން ބެލޭނެކަމަށް ކަނޑައަޅަފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *