ސައުދީ އަރަބިޔާގެ އިސްލާމިކް މިނިސްޓްރީގެ މައްކާގެ ގޮތްޕެއް ކަމަށްވާ المكتب التعاوني للدعوة والإرشاد وتوعية الجاليات بجنوب مكة ގެ ފަރާތުން އިންތިޒާމުކޮށްގެން ކުރާ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް، ނޫރުލްއިސްލާމް ޖަމްޢިއްޔާގެ ވަފްދެއް މިއަދު މައްކާއަށް ފުރާނެއެވެ.
މިދަތުރާ ގުޅޭގޮތުން ދިއިސްލާމްއަށް މައުލޫމާތު ދެއްވަމުން ނޫރުލްއިސްލާމް ޖަމިއްޔާގެ ރައީސް އައްޝައިޚް މުހައްމަދު އަނީލް ވިދާޅުވީ މި ދަތުރަކީ ޢިލްމީ އަދި ތަރުބަވީ ޕްރޮގްރާމްތަކާއި، އެކިއެކި ފަންނީ ވޯކްޝޮޕްތަކާއި، ތަޖުރިބާތައް ޙިއްޞާކުރުމަށް ކުރާ ދަތުރެއް ކަމަށާއި މިދަތުރުގައި ޖަމްޢިއްޔާ ޖަމާޢަތްތަކާއި މުއައްސަސާތައް ހިންގުމުގައި އިދާރީ އަދި ފަންނީ ދާއިރާތަކުގެ ޢިލްމީ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ބައެއް ވޯކްޝޮޕްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޝައިޚް އަނީލް އިތުރަށް ވިދާޅުވީ މިދަތުރުގެ ކަންކަން ހަމަޖައްސައިދިނުމަށް ތައިސީރު ޖަމާއަތުން ވަރަށް ބޮޑު އެހީތެރިކަމެއް ވެދެއްވާފައިވާ ކަމަށާއި އެކަމަށްޓަކައި އެފަރާތަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށެވެ.
މިދަތުރުގައި އައްޑޫގެ ދީނީ ޢިލްމުވެރީންނާއި، ދާޢީންގެ އިތުރުން އިސްލާމީ ދަޢުވަތުގެ މައިދާނުގައި އައްޑޫގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން ޖުމްލަ 22 ބޭފުޅަކު ބައިވެރިވާނެ ކަމަށް ނޫރުލް އިސްލާމް ޖަމިއްޔާއިން މައުލޫމާތު ދެއެވެ.
މައްކާއަށް ކުރާ ދަތުރު ނިންމާލުމަށްފަހު މިވަފުދުގެ ބޭފުޅުން ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ.
ނޫރުލްއިސްލާމް ޖަމްޢިއްޔާއަކީ 2010 ވަނަ އަހަރުން ފެށިގެން އައްޑޫގައި އެންމެ ފުޅާ ދާއިރާއެއްގައި އިސްލާމީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރަމުން އަންނަ ޖަމްޢިއްޔާއެވެ.

















ޚިޔާލު