އިސްލާމީ ފަތުވާދޭ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ރައީސަށް ދޭން މަޖިލީހުން ފާސްކޮށްފިއެވެ.
އިސްލާމީ ފަތުވާދޭ މަޖިލީހަށް މެމްބަރުން އައްޔަން ކުރުމުގެ ބާރު ހަމައެކަނި ރައީސަށް ދޭ ގޮތަށް ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ ޝާހު އެވެ. މިއިސްލާހު ފާސްކުރުމަށް 43 މެންބަރުން ވޯޓުދެއްވިއެވެ.
މިހާރު އޮތް ގޮތުން ފަސް މެމްބަރުންގެ މި މަޖިލީހުގައި މިހާރު ތިއްބަވަނީ މިނިސްޓަރުގެ ލަފާގެ މަތިން އައްޔަން ކުރައްވާ ބޭފުޅަކާއި އުއްތަމަ ފަނޑިޔާރުގެ ލަފާގެ މަތިން އައްޔަން ކުރައްވާ މެމްބަރަކާއި ގައުމީ ޔުނިވަސިޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރުހުމާ އެކު ރައީސް އައްޔަން ކުރައްވާ ބޭފުޅެއްގެ އިތުރުން ސީދާ ރައީސް ތަމްސީލު ކުރައްވާ ދެ މެމްބަރުންނެވެ.
އިސްލާހުގައި ވަނީ މިމަޖިލީހަށް ޝަރުއީ ދާއިރާގައި މަސައްކަތް ކުރައްވާ ފަނޑިޔާރަކު އައްޔަންކުރުމަށް އުއްތަމަފަނޑިޔާރަށް ބާރު ދީފައިވާ މާއްދާ އުވާލުމަށާއި، ގައުމީ ޔުނިވަސިޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން މަޖިލީހުގެ ރުހުމާ އެކު އައްޔަންކުރެވޭ މެންބަރު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ގޮތަށް ހަމަޖައްސާ ގޮތަށް ހުށަހަޅާފަ އެވެ. މީގެ އިތުރުން މިމަޖިލީހަށް ރައީސް އައްޔަންކުރައްވާނީ ދެ ބޭފުޅުން ކަމަށް ގާނޫނުގައި ބުނެފައިވާ މާއްދާ އިސްލާހުކޮށް ރައީސް އައްޔަންކުރައްވާ ތިން މެންބަރުން ތިއްބަވާ ގޮތަށް ހަމަޖެއްސުމަށްވެސް އިސްލާހު ހުށަހަޅާފައިވެ އެވެ.

















ޚިޔާލު