2014 ވަނަ އަހަރު އެކަނިވެސް 39000 ވުރެ ގިނަ މީހުން ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި މަރުވެފައިވާކަމަށް ސީރިއާގެ އިންސާނީ ޙައްޤުތައް ދިރާސާކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ.
ސީރިއަން ނެޓްވާރކް އޮފް ހިއުމަން ރައިޓްސް އިން ބުނެފައިވަނީ މަދުވެގެން 39021 މީހުން ސީރިއާގައި މިއަހަރު އެނިވެސް ހަނގުރާމައިގެ ސަބަބުން މަރުވެފައިވާ ކަމުގައެވެ.
މި ޢަދަދުގެ ތެރެއިން ގިނަ މީހުން މަރާފައިވަނީ ބައްޝާރަށް ވަފާތެރި އޭނާގެ ސިފައިންނެވެ. އެއީ 32507 މީހުން ނެވެ. އޭގެ ތެރޭގައި 24430 ޢާންމުން މަރާފައިވެއެވެ. 3629 ކުޑަކުދިންނާއި 3714 އަންހެނުންނާއި ވެސް މަރާފައިވަނީ އެފަރާތުން ފާހަގަކޮށްފައިވެއެވެ.
އަނެއްކޮޅުން ހަނގުރާމަވެރި ޖަމާޢަތްތަކުން ބައްޝާރުގެ ސިފައިނަށް ޢަމާޒުކޮށްދެމުންދާ އެކި ހަމަލާތަކުގެ ސަބަބުންވެސް ޢާންމުން މަރުވެފައިވެއެވެ. އަދި ހަމައެއާއެކު، އައި.އެސް އާއި ދެކޮޅަށް އުފައްދާފައިވާ ކޯލިޝަނުން ދެމުންދާ ވައިގެ ހަމަލާތަކުންވެސް ޢާންމުންގެ އެތައްބަޔަކު މަރުވެފައިވެއެވެ.
2011 ވަނަ އަހަރު ބައްޝާރާއި ދެކޮޅަށް ރައްޔިތުން ނުކުތް ދުވަހުން ފެށިގެން މިހާރު ހަނގުރައިމައިގެ މައިދާނަކަށް މުޅި ޤައުމު ބަދަލުވެ، މިހާތަނަށް މުޅި ޖުމްލަ 150000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

















ޚިޔާލު