ކީރިތި ޤުރްއާނާބެހޭ މަރުކަޒާއި ހައިއަތުލް ޢާލަމިއްޔާ ލިތަޙްފީޡުލް ޤުރްއާނިލް ކަރީމާ ގުޅިގެން، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއާ ސަނަދުން ގުޅުވައި، ކީރިތި ޤުރްއާން ކިޔެވުމުގެ އިޖާޒާދިނުމަށް ޚާއްޞަ ޕްރޮގުރާމެއް އަންނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ޤުރްއާނާބެހޭ މަރުކަޒުން ބުނެފިއެވެ.
އެ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި، އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއެކު ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ހައިއަތުލް ޢާލަމިއްޔާ ލިތަޙްފީޡުލް ޤުރްއާނިލް ކަރީމްއިން މަރުކަޒަށް ފޮނުއްވާ ބޭރުގެ ޙާފިޡެއް ކަމަށް އެ މަރުކަޒުން ބުނެއެވެ.
ޤުރްއާނާބެހޭ މަރުކަޒުން ބުނިގޮތުގައި، މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުޠަކީ، ކީރިތި ޤުރްއާން ހިތުދަސްކޮށް، ކީރިތި ޤުރްއާނާބެހޭ މަރްކަޒަށް ކިޔައިދީ، ސެޓުފިކެޓު ހާސިލުކޮށްފައިވާ ފަރާތެއް ކަމުގައިވުމެވެ.
މި ޕްރޮގުރާމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 11 ވާ ބުރާސްފަތި ދުވަހުގެ 14:30ގެ ކުރިން ސިޓީއާއެކު ލިބިފައިވާ ޙާފިޡްކަމުގެ ސަނަދުގެ ކޮޕީ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހުމަށްފަހު ހުށަހެޅުމަށް އެ މަރުކަޒުން އެދެއެވެ.

















ޚިޔާލު