ކާމިޔާބު ކަމާއި އެކު "ރިޙްލާ 2014" ނިންމާލައިފިއެވެ.
ދިވެހިރާއްޖޭގެ އަތޮޅުތަކަށް އަމާޒުކޮށްގެން ދީނީ ގޮތުންނާއި އިޖްތިމާޢީ ގޮތުން ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން “ރިޙްލާ” ގެ ނަމުގައި ބާއްވަމުންގެންދާ ދަތުރުގެތެރެއިން މިއަހަރު ދ.އަތޮޅުގައި ބޭއްވި ދަތުރު ވަރަށް ކާމިޔާބު ކަމާއި އެކު ނިންމާލައިފިއެވެ.
ޖަމްޢިއްޔަތުއް ސަލަފާއި ދ.ކުޑަހުވަދޫ ގެ ޔުނައިޓަޑް އިސްލާމިކް ސޮސައިޓީ ގުޅިގެން ކުރިއަށް ގެންދިޔަ "ދ. ރިޙްލާ 2014" ގެ ހަރަކާތްތައް ނިންމާ މާލެއިން ދ. އަތޮޅަށް ދިޔަ ވަފުދުގެ ތެރެއިން ފުރަތަމަ ވަފުދު އައިސްފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ. އަދި ދެވަނަ ވަފުދު ވަނީ މިއަދު ފަތިހުގެ ވަގުތެއްގައި މާލެ އައިސްފައެވެ.
ކުޑަހުވަދޫ، މާއެނބޫދޫ، ރިނބިދޫ، މީދޫ، ބަނޑިދޫ އަދި ހުޅުދެލީގައި ދީނީ ދަރުސްތަކާއި މުޖްތަމަޢަށް ފައިދާހުރި އެކިއެކި ޙަރަކާތްތައް ހިންގާފައިވައިވާއިރު ފުލުހުންގެ މަރުކަޒީ ރަށެއްކަމުގައިވާ ދ. ވާނީގައިވެސް ވަނީ "ރިޙްލާ"ގެ ހަރަކާތް ހިންގާފައެވެ.
ރިޙުލާ ކުރިޔަށް ގެންގޮސްފައިވަނީ އެޕްރީލް މަހުގެ 30 އިން މެއި މަހުގެ 3 ގެ ނިޔަލަށެވެ.
ދ. އަތޮޅުގައި ގިނަ ހަރަކާތްތައް ބާއްވާފައިވާއިރު ޖަމިއްޔަތުއްސަލަފްގެ ރައީސް ވިދާޅުވީ "މިރިޙްލާއަކީ މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު ރިޙްލާ"ކަމަށެވެ. ރިޙްލާގައި ބޭއްވި ހަރަކާތްތަކުގެ ތެރޭގައި ނަމާދު ވޯކްޝޮޕް، ޤުރްއާން ކިޔަވަން ދަސްކޮށްދޭ ސެޝަން ތަކެއް، ކަށުކަމާކެމީގެ ކަންތައްތައް އުނގަންނައިދޭ ވޯކްޝޮޕެއްގެ އިތުރުން ޑައިވިން ތަމްރީނުތަކާއި މަޢުލޫމާތު ދޭ ސެޝަންތަކެއް، އޭސީ އަދި ފްރިޖް މަރާމާތު ކުރަން ދަސްކޮށްދޭ ވޯކްޝޮޕްތަކެއް ވަނީ ކުރިޔަށް ގެންގޮސްފައެވެ.
ރިޙްލާގެ ޚާއްޞަ ބައިވެރިންގެ ތެރޭގައި ދިވެހިރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު ޔޫސުފް ޝާން ބައިވެރިވެ ދ. އަތޮޅުގެ ރައްޔިތުންނަށް އެބޭފުޅާގެ ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ.
ރިޙްލާގައި ބައިވެރިވެވަޑައިގަނެފައިވާ ޝެއިޚުންގެ ތެރޭގައި އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމް، އައްޝައިޚް ޢަބްދު ﷲ ބިން މުޙައްމަދު އިބްރާހީމް، އައްޝައިޚް ނިމާލް މުޙައްމަދު، އައްޝައިޚް ޢާޞިފް މޫސާ އިބްރާހީމް އަދި އައްޝައިޚް އަޙްމަދު ސަލީމް ހިމެނިވަޑައިގަނެއެވެ.
"ރިޙްލާ 2014" ގައި ދިއިސްލާމްގެ ފަރާތުންވެސް ވަނީ ނޫސްވެރިއަކު ބައިވެރިވެފައެވެ.
ޚިޔާލު