ރާއްޖޭގެ ޚަބަރު

ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ނޮވެމްބަރު 25 ގައި ހުޅުވާލަނީ

ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ބާއްވަން ޖެހޭ ލޯކަލް ކައުންސިލް އިންތިޙާބު އަންނަ އަހަރުގެ ޖެނުއަރީ 18 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާއިރު، ކައުންސިލްތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް ނޮވެމްބަރު 25 ގައި ފުރުސަތު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާންކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން، އިންތިޙާބު ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚް އިޢުލާން ކުރުމަށް މިރޭ ކޮށްފައިވާ އިއުލާނެއްގައި ހާމަކޮށްފައިވާގޮތުގައި ކައުންސިލްތަކަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް އަންނަ ނޮވެމްބަރު 25 ވާ ހޯމަދުވަހުގެ ހެނދުނު 9:00 އިން ފެށިގެން ޑިސެމްބަރު 8ގެ ހަވީރު 3:00 އަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން، ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށް ފޯމް ބަލައިގަންނާނެ ކަމަށާއި ހުކުރުދުވަހު ފޯމް ބަލައިގަންނާނީ މެންދުރުފަހު 2:00 އިން ހަވީރު 6:00 ކަމަށް ކޮމިޝަނުން ހާމަކުރެއެވެ.

އިލެކްޝަން އިން މަޢުލޫމާތު ދޭގޮތުގައި، ރަށު ކައުންސިލަށް ކުރިމަތިލާ ނަމަ ފޯމް ހުށަހަޅާނީ އެ ރަށެއްގައި ގާއިމުކޮށްފައިވާ އިލެކްޝަންސް ކޮމިޓީއަށް ހުށަހަޅަންޖެހޭއިރު އަތޮޅު ކައުންސިލަށް ކުރިމަތިލާ ފަރާތްތަކުން ފޯމް ހުށަހަޅާނީ އެ އަތޮޅެއްގެ އިލެކްޝަންސް ޔުނިޓުގައި ގާއިމުކޮށްފައިވާ އިލެކްޝަންސް ކޮމިޓީއަށެއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރާގޮތުގައި ލޯކަލްކައުންސިލް އިންތިޚާބުގެ ވޯޓު ނެގުން ކުރިއަށްދާނީ ޖެނުއަރީ 18ވާ ހޮނިހިރުދުވަހުގެ ހެނދުނު 7:30 އިން ހަވީރު 4:00 އަށެވެ. އަދި ވޯޓު ފޮށި ބަންދުކުރާތާ ބައި ގަޑިއިރުގެ ތެރޭގައި ވޯޓް ގުނުމުގެ ކަންތައް ފަށަން ހަމަޖައްސާފައިވާ އިރު ރަސްމީ ނަތީޖާ އިއުލާން ކުރާނީ ފެބްރުއަރީ 1 ގައި ކަމަށްވެސް އިލެކްޝަންއިން މަޢުލޫމާތުދެއެވެ.

މިފަހަރުގެ ކައުންސިލް އިންތިޚާބުގައި ރަށު ކައުންސިލްތަކަށް ޖުމްލަ 975 މީހުންނާއި އަތޮޅު ކައުންސިލްތަކަށް ޖުމްލަ 120 މީހުން އިންތިޙާބުކުރާނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *