މިއަހަރުގެ ފިތުރު ޢީދު ދުވަހު އ.ދ މަހިބަދޫގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.
ފިތުރު ޢީދު ދުވަހު ހަވީރު އ.ދ އަތޮޅު ތައުލީމީ މަރުކަޒުގެ ބޮޑު ހޯލްގައި ބޭއްވި މި ހަވީރުގައި ތަފާތު ގިނަ ހަރަކާތްތައް ކުރިޔަށް ގެންގޮސްފައިވެއެވެ. ޤްރުއާން ކިޔެވުމާއި މަދަހަ ކިޔުމާއި އަދި ސްޓޭޖްގައި ކުދިންގެ ހުނަރު ދައްކާލުން ފަދަ ގިނަ ހަރަކާތްތަކެއް ވަރަށް ކާމިޔާބު ކަމާއެކު ކުރިޔަށް ގެންގޮސްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިއީ އިސްލާމްދީންގެ އިމުގެ ތެރޭގައި ޢީދު ފާހަގަ ކުރެވޭނެކަމަށް މީހުންނަށް އަންގައިދިނުމުގެ ގޮތުން ބޭއްވި ހަވީރެއްކަމަށް މިކަން އިންތިޒާމް ކުރި ފަރާތުން ހާމަކުރިއެވެ.
" މުންކަރާތްތަކުން އެއްކިބާވެފައިވާ މާހައުލެއްގައި (ޚާއްޞަކޮށް މިއުޒިކާ ނުލާ )އާއިލާއާ އެކު އުފަލާއި ކުޅިވަރު ކުޅުމުގެ ފުރުޞަތު ކުޑަކުދިންނަށް ހޯދައިދީ. ޢީދު ދުވަހަކީކަން މުސްލިމުން އުފާކުރަންވީ ދުވަހަކީކަން އަންގައިދިނުން." ކުޑަކުދިންގެ ހަވީރާއި ބެހޭގޮތުން ދިއިސްލާމް އަށް މަޢުލޫމާތު ދެމުން މިކަން އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ޙުސައިން ރަފީއު ބުންޏެވެ. އިތުރަށް ހުސައިން ރަފީއު ބުނީ މި ހަވީރު 600 އެއްހާ ކުޑަކުދިންނާއި 800 އެއްހާ މީހުން ބައިވެރިވި ކަމަށާއި އަދި ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދެވުނުކަމަށެވެ.
ކުޑަކުދިންގެ ހަވީރު އިންތިޒާމް ކުރީ އ.ދ އަތޮޅު ތައުލީމީ މަރުކަޒުގެ ރެލިގަސް ކްލަބާއި މަހިބަދޫގެ ޒުވާން ކުދިންކޮޅެކެވެ.
މިއީ މިގޮތަށް ކުޑަކުދިންގެ ހަވީރެއް ބޭއްވި ދެވަނަ ފަހަރެވެ.

















advertisment
ޚިޔާލު