ރާއްޖޭގެ ޚަބަރު

ރ،ކިނޮޅަހު ކައުންސިލުން ރޯދަ މަހު ތައުޙީދު ސުވާލު މުބާރާތެއް ބާއްވަނީ

ކިނޮޅަހު ކައުންސިލްގެ ފަރާތުން ބޭއްވި ޤުރުއާން މުބާރާތުގެ ތެރެއިން

ރ.ކިނޮޅަހު ކައުންސިލުގެ ފަރާތުން މި އަހަރުގެ ރަމަޟާން މަހު ތައުޙީދުގެ ސުވާލު މުބާރާތެއް ބާއްވަން ނިންމައިފިއެވެ.

ކިނޮޅަހު ކައުންސިލްގެ ރައީސް އަޙްމަދު ވިދާޅުވީ މިއީ ތައުޙީދާއި ބެހޭ ގޮތުން އާއްމުން ހޭލުންތެރި ކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތެއް ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލެވިފައި ކަމަށާއި ކިނޮޅަހާއި ރާއްޖޭގައި އުޅޭ ކޮންމެ ދިވެއްސަކަށް މި މުބާރާތުގައި ބައިވެރިވެވޭނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.ޝަރުތަކީ މުސްލިމެއް ކަމުގައި ވުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސްކޫލްގެ ދަރިވަރުން ތިން އުމުރުފުރާއަށް ބަހާލައިގެން އަދި އާއްމުންނަށް ވަކިން ސުވާލު ކަރުދާހެއް ދޭން ހަމަޖެހިފައިވާ މިމުބާރާތްގެ ސުވާލުތައް އަންނާނީ ކޮންމެ ބައިވެރިޔަކަށްވެސް ދެވިފައިވާ "ތައުޙީދުގެ ދަލީލުތައް" މިނަން ކިޔާ ފޮތުންނެވެ.

މުބާރާތުގެ ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހު ކިނޮޅަހު ސްކޫލްގެ ހޯލްގައެވެ. މިއީ ލިޔުމުން ޖަވާބު ދިނުމަށް ހަމަޖެފައިވާ މުބާރާތެއް ކަމަށް ކިނޮޅަހު ކައުންސިލުން ހާމަކުރެއެވެ.

މި މުބާރާތުން ވަނަވަނައަށް ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމާއި އެހެނިހެން އިނާމު ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި ވީހާވެސް ގިނަ މީހުން މި މުބާރާތުގައި ބައިވެރިވުމަކީ ކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމަށް ކައުންސިލުން ހާމަކުރެއެވެ.

"ތައުޙީދުގެ ދަލީލުތައް" މި ފޮތަކީ މަދީނާ އިސްލާމިކް ޔުނިވަސިޓީން ތައުލީމު ހާޞިލް ކުރަމުން ދާ ދަރިވަރެއް ކަމަށްވާ އަލް އަޚް މުޙައްމަދު ޝާފިޢު ތަރުޖަމާ ކޮށްފައިވާ ފޮތެކެވެ. މި ފޮތުގެ އަޞްލު ލިޔުއްވައިފައިވަނީ ޝައިޚުލް އިސްލާމު މުޙައްމަދު ބިން ޢަބްދުލް ވައްހާބު(ރަޙިމަހުﷲ) އެވެ.

މުބާރާތުގައި ބައިވެރިވުމަށް ނަން ނޯޓް ކުރުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ކިނޮޅަހު ކައުންސިލް އިދާރާއިންނާއި ސްކޫލުގެ ދަރިވަރުން ސްކޫލުން ނަން ނޯޓް ކުރުން ހަމަޖެހިފައިވާވެއެވެ. މި މުބާރާތުގެ ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *