ޤާރީ ކޯހުގައި މަތީދަރަޖައިގައި ފާސްވެފައިވާ ލޯފަން ކުދިންނާ ނައިބު ރައީސް ބައްދަލުކުރައްވައިފިއެވެ.
ރައީސް އޮފީހުން އިއްޔެ ހާމަކުރި ގޮތުގައި ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 1 ފުރިހަމަކޮށް، އެންމެމަތީ ދަރަޖައިގައާއި، މަތީދަރަޖައިގައި ފާސްވެފައިވާ ލޯފަން ދަރިވަރުންނާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ބައްދަލުކުރައްވައި އެކުދިންނަށް މަރުޙަބާ ވިދާޅުވެފައިވާކަމަށެވެ.
މިތުރު ޤުރުއާން ކްލާހުން ހިންގި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ޤާރީ ކޯހުގައި ބައިވެރިވެ މަތީ މަތީދަރަޖައިގައި ފާސްވެފައިވާ ލޯފަން ދަރިވަރުންނާ ބައްދަލުކުރައްވާ ނައިބްރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ދެއްކެވި ވާހަކަފުޅުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންވެސް މަތީތަޢުލީމާއި ތަމްރީން ހޯދުމަށްހިތްވަރު ދެއްވާފައިވެއެވެ. އަދި ތަފާތު ދަތިތަކާއެކުވެސް، މިފަދަ މަތީވަނަތަކެއް އެދަރިވަރުން ހޯދީތީ، މުޅި ދިވެހި ޤައުމުވެސް އެކުދިންނަށްޓަކައި އުފާކޮށް، އެކުދިންގެ ކާމިޔާބީގައި ބައިވެރިވެ އަދި އެކުދިންނަށް މަރުޙަބާ ކިޔައި، ޝުކުރުއަދާކުރާ ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، "ޚާއްސަ އެހީއަށް ބޭނުންވެފައިވާ ކުދިންނާއި، ތަފާތު ހުނަރުތައް ހުންނަ ކުދިންނަށް އެކުދިންގެ ހުނަރުތައް ތަރައްޤީ ކުރުމަށް އެހީތެރިވެދިނުމަކީ، މި ސަރުކާރުން ވަރަށް އަހަންމިއްޔަތު ދެއްވާ ކަމެއް" ކަމަށާއި "ވަސީލަތްތައް ތަނަވަސްވީ މިންވަރަކުން އެހީތެރިވެދެއްވަމުން ގެންދަވާނެ ކަމުގައި"ވެސް ވިދާޅުވިއެވެ.
ނައބް ރައީސް ވަނީ އެކުދިންނަށް ކިޔަވައިދެއްވައި، މިހާހިސާބަށް ގެނައުމުގައި، ބުރަ މަސައްކަތްތަކެއް ކޮށްދެއްވި މިތުރު ޤުރުއާން ކްލާހުގެ ޤުރުއާން މުދައްރިސް އަލްފާޟިލާ ސީމާ ޢަބްދުލްކަރީމަށްވެސް ނައިބު ރައީސް ޝުކުރު އަދާކުރައްވާފައެވެ. އަދި ބްލައިންޑް އެސޯސިއޭޝަނުން، ވަކިން ޚާއްޞަކޮށް، އެ އެސޯސިއޭޝަންގެ ރައީސް މުޙަންމަދު މާޒިން، ލޯފަން ކުދިންނަށް އެހީތެރިވުމަށްޓަކައި ކުރައްވާ ބުރަ މަސައްކަތަށް ތަޢުރީފު ކުރައްވާފައިވެއެވެ.
އެހެން ދަރިވަރުންނާއެކު މިކޯހުގައި ބައިވެރިވި ލޯފަން 6 ދަރިވަރުންގެ ތެރެއިން 5 ދަރިވަރުންނަށް ހައި ޑިސްޓިންކްޝަން ލިބިފައިވެއެވެ. އަދި 1 ދަރިވަރަކަށް ޑިސްޓިންކްޝަން ލިބިފައިވެއެވެ. މި 6 ދަރިވަރުންނަކީ ޤުރްއާނާބެހޭ މަރުކަޒުގެ ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 1 ފުރިހަމަކޮށް ފާސްވި ފުރަތަމަ ލޯފަން ދަރިވަރުން ކަމުގައި އެމަރުކަޒުން މަޢުލޫމާތު ދެއްވާފައިވެއެވެ.

















މާޝާﷲ.
މާޝާ ﷲ!