މަޖިލިސް މެމްބަރުން ނުވަތަ ޤާނޫނުލް އުޤޫބާލު ކޮމިޓީގެ މެމްބަރުންނަކީ، އައްޝެއިޚް އިލްޔާސް ހުސައިން އާ އެއްވަރަށް ދީނީ ކަންކަން އެނގިފާވާ ބައެއް ނޫން ކަމަށް ޤަބޫލުކުރާކަމަށް ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން މިހާރު އެކުލަވާލަމުންދާ ގާނޫނުލް އުގޫބާތުގެ ބިލް އޮތްގޮތައް ފާސްވެއްޖެ ނަމަ އިސްލާމް ދީން ފުނޑުފުނޑުވެގެން ދާނެ ކަމަށް، ޝައިޚް އިލްޔާސް ހުސައިންގެ ތަގުރީރެއްގައި ވިދާޅުވެފައިވާތީ އެ ކަމާ ބެހޭ ގޮތުން ސުވާލުކުރުމަށް، އެ ކޮމިޓީ އަށް ޝައިޚް އިލްޔާސް މިއަދު ހާޒިރުކޮށް މެންބަރުންނާއި ޝައިޚް އިލްޔާސްއާ ދެމެދު ސުވާލާއި ޖަވާބު ބަދަލުކުރުމަށް ފަހު، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުހައްމަދު ވިދާޅުވީ، ޤާނޫނުލް އުޤޫބާތުގެ ފުރަތަމަ ޑްރާފްޓް އައި އިރު ދީނީ ކަންތައްތަކަށް ފުށުއަރާ ވަރަށް ގިނަ ކަންތައްތަކެއް ޑްރާފްގައި ހިމެނިފައިވާކަމަށެވެ.
މެންބަރު އަޙްމަދު މުހައްމަދު ވިދާޅުވީ، މަޖިލީހަށް މިބިލްގެ ޑްރާފްޓް ހުށަހެޅިގެން މި މައްސަލަ ބަލާއިރު ދީނީ ކަންތަކަށް ފުށުއަރާ ކަންކަން ރަނގަޅު ކުރަމުން ގެންދާކަމަށެވެ.
"އަޅުގަނޑުމެންނަކީ (މެމްބަރުންނަކީ) ޝެއިޚް އިލްޔާސްއާ އެއްވަރަށް ދީނީ ކަންކަން އެނގިފާވާ ބައެއް ނޫން ކަމަށް ޤަބޫލުކުރަން. އެހެން ނަމަވެސް އަޅުގަނޑުމެންނަކީ ދީން ހިމާޔަތްކޮށް ދީން ރަށްކާތެރިކުރުމަށްޓަކައި ހަމަވެވުނު ވަރަކުން މަސައްކަތްކުރާ ބައެއް" ޑީއާރުޕީއަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު މުހައްމަދު ވިދާޅުވިއެވެ.
ކޮމިޓީގައި އިތުރަށް ވާހަކަދައްކަމުން އޭނާ ވިދާޅުވީ، ޤާނޫނުލް އުޤޫބާތުގައި އިސްލާމްދީނާއި އިސްލާމީ ޝަރީޢަތަށް ފުށުއަރާކަމެއް އޮތުމަކީ ރަނގަޅުކަމެއްކަމަށް ޤަބޫލު ނުކުރާކަމަށާއި އަދި އެނގުނު ވަރަކުން އެކަންކަން ރަނގަޅުކުރެވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އެކޮމިޓީގެ މެމްބަރުން ކިތަންމެ ބުރަކޮށް މަސައްކަތް ކުރަމުން ދިޔަ ކަމުގައިވިޔަސް އެބޭފުޅުންނަކީ އިންސާނުން ކަމަށް ވާތީ، އަތްދަށުން ކަންކަން ނައްޓައިގެން ގޮސްފާނެކަމަށެވެ. އަދި އެހެންވެ އެހެން ފަރާތްތަކުގެ މަޝްވަރާ އާއި ލަފާ ހޯދަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެެވެ.
ޝެއިޚް އިލްޔާސް މަޖިލީހަށް ގެނެސް އެއްވެސް ބޭފުޅަކު "ޖަޒުބާތު ވެގެން"، މިއީ ބޮޑު މައްސަލައަކަށް ހަދާނެކަމެއް ނެތް ކަމަށާއި ޝެއިހް އިލްޔާސް ގެނައުމުގެ ބޭނުމަކީ ޑްރާފްޓް ކުރެވިފައިވާ ޤާނޫނުލް އުޤޫބާތުގައި ޝެއިޚް އިލްޔާސް ދަރުސްގައި ވިދާޅުވި ކަންކަން ހުރީ އެހެން ނޫންކަން ދަންނަވާލުމަށް ކަމަށް މެމްބަރު އަޙްމަދު މުހައްމަދު ވިދާޅުވިއެވެ.
ޝެއިހް އިލްޔާސް މިއަދު ކޮމިޓީއަށް ހާޒިރުކުރީ މާލޭގެ ފުރުޤާން މިސްކިތުގައި މިއަހަރުގެ މާޗް މަހުގެ 23 ވަނަ ދުވަހު ޝެއިހް އިލްޔާސް ދެއްވި ދީނީ ދަރުސެއްގައި ޤާނޫނުލް އުޤޫބާތުގެ ބިލް ދިރާސާ ކުރެއްވި ކޮމިޓީގެ މެންބަރުންނަށާއި، އެބިލަށް ނިސްބަތްކޮށް ﷲ ގަންދީ ހުވާކޮށް ދޮގު ވާހަކަތަކެއް ދެއްކެވި ކަމުގެ ތުހުމަތުގައެވެ.
ޝެއިޚް ވަނީ އެ ދަރުހުގައި ދެއްކެވި ވާހަކަތައް މިއަދު ކޮމެޓީގައި ތަކުރާރު ކުރައްވައިފަ އެވެ. ގުރުއާނުގައިވާ ގޮތަށް ޒިނޭގެ އަދަބާއި ވައްކަމުގެ އަދަބު ބިލުގައި ހިމެނިފައި ނުވާ ކަމަށް ތަކުރާރުކޮށް އިލްޔާސް ވިދާޅުވުމުން، ކޮމެޓީގެ މުގައްރިރު ފިޔަވައި ދެން ތިއްބެވި ހަތަރު މެންބަރުން ވިދާޅުވީ ހައްދުތަކުގެ އަދަބު ގާނޫނުލް އުގޫބާތުގައި ހިމެނިފައިވާނެ ކަމަށެވެ.

















ޚިޔާލު