ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކި ޕާޓީއެއްގެ ކެންޑިޑޭޓެއްގެ ގޮތުގައި ނިކުމެވަޑައިގަތުމަށް ބޭނުން ނުވާކަމަށާއި ބޭނުންވަނީ ގުޅިފައިވާ ޕާޓީ ތަކުގެ ކޯލީޝަނަށް ނަމެއް ކިޔުމަށްފަހު އެކޯލީޝަނުން އިންތިހާބަށް ނިކުމެވަޑައިގަންނަވާ ކެންޑިޑޭޓަށް ވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދާ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި، ރައީސް ވަހީދަށް ތާއީދުކުރަން ނިންމާފައިވާ ޑީއާރުޕީ އާއި އަދާލަތާއި ގައުމީ ޕާޓީ އަދި އެ މަނިކުފާނުގެ ގައުމީ އިއްތިހާދުގެ އިސްބޭފުޅުންނާ އެކު ބޭއްވެވި ސައިފޮދެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނަސަންދުރަ ޕެލަސް ހޮޓެލްގައި މިއަދު ހަވީރު ކުރިއަށް ދިޔަ މިބައްދަލުވުމުގައި ރައީސް ވަހީދު ވިދާޅުވީ، އެމަނިިކުފާނުގެ ޓީމަށް ކިޔާނެ ރީތި ނަމަކާއި ލޯގޯއެއް ހޯދުމަށް ފަހު އެ ޓީމް ބްރޭޑް ނަމަކަށް ހަދަން ޖެހޭ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ. އަދި އެ ޓީމު މަސައްކަތް ކުރާނީ ވަކި ހާއްސަ ތީމެއްގެ ދަށުންކަމަށާއި އަދި އެ ޓީމުގެ އުއްމީދުތަކަށް އެއްވެސް "ޑިސަޕޮއިންޓްމަންޓެއް" ނުދެއްވައި އެބޭފުޅުންނާ އެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، އެއިރަކު ހުންނަ ރައީސަކު ވާންޖެހޭނީ ހުރިހާ ރައްޔިތުންގެ ރައީސަކަށް ކަމަށާއި އަދި ހުރިހާ ރައްޔިތުންނާ އެކު މަސައްކަތް ކުރާ މީހަކަށްކަމަށެވެ. އަދި ވަކި ޕާޓީއެއްގެ ނަމުގައި މަސައްކަތްކުރާ މީހަކަށް ވެވަޑައިގެން ހުންނަ ރައީސެއް ކަމަކު ނުދާނެކަމަށާއި ހަމަ އެ ގޮތަށް ނާއިބު ރައީސް ވެސް ހަމަ އެހެން ހުންނަވާނެ ކަމަށް އުންމީދު ކުރާކަމަށެވެ. އަދި އިތުރަށް ވިދާޅުވީ، "އަޅުގަނޑުގެ ރަނިންމޭޓްވެސް އަޅުގަނޑާއިއެކު ހުންނެވި ކަމަށް ޔަޤީންކުރައްވާ" ކަމަށެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދެމެދު ދެން އޮތީ ވަރަށް މަދު ދުވަސްކޮޅެއް ކަމަށާއި ކުރިއަށް ގާތްގަނޑަކަށް 15 ވަރަކަށް ހަފްތާ އެއްހާ ދުވަހުގެ ތެރޭގައި ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތައް ގުޅިގެން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި އިތުރަށް ވިދާޅުވީ، ކޯލިޝަން ހެދުމުގެ ބޭނުމަކީ ހަމައެކަނި އިންތިހާބެއް ކާމިޔާބުކުރުން ނޫން ކަމަށާއި މަގުސަދަކީ ހަރުދަނާ އަދި ސަލާމަތް މަންޒިލަކަށް ދިވެހި ގައުމު ގެންދިއުންކަމަށެވެ. މީގެއިތުރުން އެންމެން އެކީގައި ގުޅިގެން އެއް ޓީމެއްގެ ގޮތުގައި މަސައްކަތް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެންމެން އެކީގައި މަސައްކަތް ކުރުމަށް ނިންމެވީތީ ޕާޓީތަކުގެ އިސް ބޭފުޅުންނަށާއި ލީޑަރުންނަށް ޝުކުރު ދަންނަވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"ކޯލިޝަންގެ މަގުސަދަކީ އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރުން. ހުރިހާ ޕާޓީތަކާ އެކީގައި މަސައްކަތްކޮށް ގައުމު ހަރުދަނާ ސަލާމަތް މަންޒިލަކާ ހަމައަށް ގެންދިއުން. މަގުސަދަކީ ހަމައެކަނި އިންތިހާބު ކާމިޔާބު ކުރުމެއް ނޫން. އަޅުގަނޑުމެންގެ ހުރިހާ އެންމެންގެ އެދުމަކަށް ވާނީ ގައުމު ސަލާމަތް ކަން މަތީގައި ދެމިި އޮތުމާއި އަޅުގަނޑުމެންނާއި އަޅުގަނޑުމެންގެ އާއިލާތައް ހަރުހަދަނާ ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދުން. އެހެންވެ އަޅުގަނޑު ގަބޫލް ކުރާ ގޮތުގައި އެ މަގުސަދުގައި އެންމެން އެކީގައި މަސައްކަތް ކުރުމަށް ނިންމެވީ" ރައީސް ވިދާޅުވިއެވެ.
ކޯލިޝަނަކާ ހަމައަށް އައުމަށް ކުރިން އަދާލަތު ޕާޓީގެ ރައީސް އައްޝައިހު އިމްރާން އަބްދުﷲ އާއި ގައުމީ ޕާޓީގެ ލީޑަރު ޑރ. ހަސަން ސައީދާ ދެ ބޭފުޅުން އަދި އިތުރު ގިނަބައެއްވެގެން ކުރެއްވި މަސައްކަތްތައް ރައީސް ވަޙީދު ވަނީ ފާހަގަކުރައްވާފައެވެ.
މިއަދުގެ ހަފުލާގައި ރައީސް ވަހީދުގެ އިތުރުން ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގަތެވެ. އަދި ގައުމީ ޕާޓީގެ އިސް ބައެއް ބޭފުޅުންގެ އިތުރުން ކޯލިޝަން ޕާޓީތަކަށް ނިސްބަތްވާ މިނިސްޓަރުން ވެސް ބައިވެރިވެވަޑައިގަތެވެ.

















ޚިޔާލު