ރާއްޖޭގެ ޚަބަރު

ރަށްރަށުގައި ހިންގާ މަޝްރޫޢުތަކަށް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަންޖެހޭ: ރައީސް ވަޙީދު

ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަންމަދު ވަޙީދު | ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ ރަށްރަށުގައި ހިންގާ މަޝްރޫޢުތަކަށް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދަންޖޭ ކަމަށާއި، އެހެން ނޫނީ އެ މަޝްރޫޢުތައް ނިމޭއިރު، ރައްޔިތުން ތިބެނީ ވާންޖެހޭ އުފަލަށްވުރެ ބޮޑަށް ހިތްހަމަނުޖެހިފައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ.
ހައްދުންމަތީ ދަނބިދުއަށް މިއަދު ހެނދުނު ވަޑައިގެން، ދަނބިދޫ ބަނދަރު ހެދުމުގެ މަސައްކަތް ރަސްމީގޮތުން ފަށްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި އެރަށުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަނބިދޫ ބަނދަރަށް ގެންނަންޖެހޭ ބައެއް އިޞްލާޙުތައް އެބަހުރިކަމަށާއި، އަދި އެ ބަނދަރު ހެދިގެންދާނީ ރައްޔިތުންނާ މަޝްވަރާ ކުރެވިގެން ރައްޔިތުން ބޭނުންވާ ކަންކަން ވީހާވެސް ބޮޑަކަށް ފުރިހަމަކޮށްގެން ކަމަށެވެ.
ރައްޔިތުންގެ އަޑުއެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، ރައްޔިތުން ދައްކަންހުރި ވާހަކަތައް އަޑުއަހައި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންތައް ނުކުރެވުނީމާ، ފަހުން އަންނަ ޝަކުވާތައް މާބޮޑު ކަމަށް ރައީސް ވަހީދު ވިދަޅުވިއެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ، ރައްޔިތުންނާއި ވީހާވެސް ގިނައިން ބައްދަލުކުރައްވައި، ރައްޔިތުން އެދޭގޮތަށް ކަންތައްތައް ކޮށްދެއްވުމަށް ކަމަށްވެސް ރައީސް ޑރ ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑު ބޭނުންވަނީ ވީހާވެސް ގިނައިން ރައްޔިތުން އަރިހަށް އަންނަން. އެހެން ނަމަވެސް، މިހާރު މިއީ ވަރަށް ނާޒުކު ދުވަސްވަރެއް. ވާގޮތަކީ އަޅުގަނޑު ރައްޔިތުންނާ ބައްދަލުކޮށްލަން އަޔަސް، މި ހީވަނީ ބޮޑު ކެމްޕޭން ދަތުރެއްގައޭ މިއުޅެނީ. އެހެންވީމާ، އެކަން އެބަޖެހެޔޭ ހުއްޓުވާލަން. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް އަންނާނަން. އަޅުގަނޑު އަމިއްލައަށް ޚަރަދުކޮށްގެން އަންނަން ޖެހުނަސް، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހަށް އަންނާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަނބިދޫ ރައްޔިތުންނާ މުޚާޠަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވަނީ ދިވެހިރާއްޖޭގެ އެންމެ މުހިންމު ފިކުރަކީ، ޤައުމީ ފިކުރާއި، ރަށުގެ ފިކުރާއި، އަތޮޅުގެ ފިކުރު ކަމުގައި ވިދާޅުވެފައެވެ.

އަދި މި ފިކުރުތަކަށްވުރެ މަތީގައި އެހެން ފިކުރުތަކެއް ގެންގުޅުމަކީ، ރަނގަޅު ކަމެއް ނޫން ކަމަށާއި، އޭގެ ސަބަބުން ޤައުމުގައި ބައިބައިވުންތައް އުފެދި، އަންނަންޖެހޭ ތަރައްޤީ ލަސްވެގެންދާ ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙަންމަދު ވަޙީދު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *