ށ. ފޭދޫގައި ބަލިވެ އިނދެ ވިހެއި 15 އަހަރުގެ އަންހެންކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެ އެކުއްޖާގެ ގައިގައި 100 އެތިފަހަރުން ހައްދު ޖެހުމާ އެކު އަށް މަސް ދުވަހަށް ގޭބަންދު ކުރުމަށް ޖުވެނައިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.
ޖުވެނައިލް ކޯޓުއިން ހާމަކުރިގޮތުގައި އެކުއްޖާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވީ އުމުރުން 15 އަހަރުގައި އަމިއްލަ ރުހުމުގައި ޒިނޭކުރިކަމަށް ޝަރީއަތުގެ މަޖިލީހުގައި އެކުއްޖާ އިއުތިރާފުވުމުން ކަމަށެވެ. އަދި 100 އެތިފަހަރުން ހައްދު ޖެހުމާއެކު އަށް މަސް ދުވަހަށް ގޭބަންދު ކުރުމަށް ހުކުމް ކޮށްފައިވާއިރު އެކުއްޖާ ތަންފީޒު ކުރަންޖެހޭ ގޭބަންދުގެ ހުކުމުގެ މުއްދަތުގައި ކުޑަކުދިންގެ ހިޔާގައި ބެހެއްޓުމަށް ވެސް ކޯޓުން މިއަދު އަމުރުކޮށްފައިވާ ކަމަށެވެ.
އެ އަންހެންކުއްޖާ ވިހެއި ދަރިފުޅު މަރާލި ކަމުގެ ތުހުމަތުގައި އެކުއްޖާގެ ދޮންބައްޕަ ށ. ފޭދޫ ބްލޫހެވަން އަބްދުލް ޣަފޫރު ގާސިމް، 44، އާއި އެކުއްޖާގެ މަންމަ ށ. ފޭދޫ ވައިމަތީގޭ އަޒީޒާ އިބްރާހީމް، 49، ގެ މައްޗަށް ދައުލަތުން ވަނީ “ގަސްތުގައި ކުއްޖަކު މަރާލުމުގެ ކުށުގެ ދައުވާ” އުފުލާފަ އެވެ.
އަދި ހަމަ މިއާއެކު އެ އަންހެން ކުއްޖާގެ ދޮންބައްޕަގެ މައްޗަށް އޮރިޔާން ކާޑް ގެންގުޅުމުގެ ކުށުގެ ދައުވާ އިތުރުން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ ޖިންސީ ގުޅުން ހިންގި ކަމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.

















ޚިޔާލު