މޯލްޑިވްސް މީޑިއާ ކައުންސިލަށް އޮންލައިންކޮށް މައްސަލަ ހުށަހެޅޭނެ ނިޒާމެއް އެ ކައުންސިލުން ތައާރަފްކޮށްފި އެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލުގެ ވެބްސައިޓު މެދުވެރިކޮށް ޝަކުވާ ހުށަހެޅުމުގައި ޝަކުވާ ހުށަހަޅާ ފަރާތުން ހުށަހަޅަންޖެހޭ އެންމެހާ މަޢުލޫމާތުތައް ފޮނުވޭނެގޮތަށް ވަނީ ފަރުމާ ކުރެވިފައެވެ. މީޑިޔާ ކައުންސިލް އިން ބުނީ ެއެ ކައުންސިލަށް ހުށަހަޅާ ޝަކުވާތައް ބެލުން އަވަސް ކުރުމަށްޓަކައި ޝަކުވާ ހުށަޅާއިރު ފުރިހަމަ ކުރައްވަންޖެހޭ ހުރިހާ މަޢުލޫމާތާއި ހުށަހަޅަންޖެހޭތަކެތި ޝަކުވާ ހުށަހަޅުއްވާއިރު ހުށަހެޅުއްވަން ޖެހޭނެ ކަމަށެވެ.
މީޑިޔާ ކައުންސިލްއިން އިތުރަށް ބުނީ މީޑިއާއިން ޝާއިޢުކުރާ ތަކެއްޗާއި ފެންނަ މަންޒަރުތަކާއި އިވޭއަޑުތަކާއި މީޑިއާއިން ލިބޭ މަޢުލޫމާތާ ބެހޭ ގޮތުން އުފެދޭ ޝަކުވާތައް އެ ކައުންސިލަށް ހުށައެޅުމުގެ ފުރުޞަތު ކޮންމެ މީހަކަށް އަދި ކޮންމެ ފަރާތަކަށްމެ ލިބިގެންވާކަމަށެވެ. އަދި މީގެ އިތުރުން، ނޫސްވެރިން އެމީހުންގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ލިބޭ ގެއްލުންތަކާއި ބެހޭގޮތުންވެސް އެ ކައުންސިލަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ވެސް ލިބިގެންވާކަމަށެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލަށް މައްސަލަތައް ހުށަހެޅުން ޒަމާނީކޮށް، ހަލުވި ކުރުމުގެގޮތުން ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ހިނދުކޮޅެއްގެ ތެރޭގައި ޝަކުވާ ހުށަހެޅި، ބަލައިގަތުމުގެ ނިޒާމު ޤާއިމް ކޮށްފައިވަނީ އެ ކައުންސިލުގެ ވެބްސައިޓް (www.mmc.org.mv) ގައެވެ.

















ޚިޔާލު