ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިނުމާ ބެހޭގޮތުން އެކުލަވައިލާފައިވާ އުސޫލު، މިއަދު ގެޒެޓްކޮށް އެއަށް އަމަލުކުރަން ފަށައިފި އެވެ.
މި މިއުސޫލު އެކުލަވައިލާފައި ވަނީ ޤައުމުތަކުން މީހުން ޙައްޖަށް ގެންދިއުމުގައި ޢަމަލުކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ ޙައްޖު މިނިސްޓްރީން ނެރުއްވާފައިވާ އެންމެހައި ގަވާއިދުތަކާ އެއްގޮތްވާގޮތުގެ މަތީންކަމަށް މިއަދު ގެޒެޓް ކޮށްފައިވާ އުސޫލު ވެއެވެ. އަދި ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދާ ހުރިހާ ފަރާތްތަކުން މިއުސޫލަށް ޢަމަލުކުރަން ވާނެ ކަމަށް މި މިއުސޫލު ވެއެވެ.
މި އުސޫލުގައި ބުނެފައިވާ ގޮތުން، ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމަށް ހުއްދައަށް އެދެން ޖެހެއެވެ. ހުއްދައަށް އެދި ކުރިމަތިލެވޭނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ސައްތައިން ސައްތަ ދިވެހިން ހިއްސާވާ ޕަބްލިކް ނުވަތަ ޕްރައިވެޓް ކުންފުނިތަކެއްކަމާއި އެކުންފުނިތަކުގެ މަޤުޞަދުތަކުގެ ތެރޭގައި ޙައްޖަށް މީހުން ގެންދިއުމުގެ ޚިދުމަތްދިނުން ހިމެނިފައި ކަމަށް ބުނެފައި ވެއެވެ. އަދި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ހޯދުމަށް އެދި އިސްލާމިކް މިނިސްޓްރީ އަށް ހުށަހަޅާނީ އެއަހަރަކަށް ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދައަށް އެދުމުގެ ފުރުޞަތު ހުޅުވާލުމުގެ ގޮތުން އެމިނިސްޓްރީ އިން އިޢުލާން ކުރުމުން ކަމަށާއި އެ އިޢުލާނާ ގުޅިގެން ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދައަށް އެދެންވާނީ އެކަމަށް ކަނޑައެޅިފައިވާ މަޢުލޫމާތު ހިމެނޭ ޕްރޮޕޯސަލް ފުރިހަމަކޮށް ހުށަހަޅައިގެންކަމަށް ވެސް މި އުސޫލުގައި ބުނެފައި ވެއެވެ.
ދިވެހިރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭ ޝަރުޠުތައް މި އުސޫލުގައި އާންމުކޮށްފައިވެއެވެ. އަދި ޕްރޮޕޯސަލާއެކު ހުހަޅަންޖެހޭ ލިޔުންތައް ވެސް މި އުސޫލުގައި އާންމުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ޙައްޖަށް މީހުން ގެންދާ ކުންފުނިތަކުގެ ފަރާތުން، ހައްޖުވެރިންނަށް ފުރިހަމަ ކޮށްދޭންޖެހޭ ކަންތައްތައްތަކާއި އެ ކުންފުނިތަކުން ކޮށްގެން ނުވާނެ ކަންތައްތައްތައް ބަޔާންކޮށްފައިވެއެވެ.
މި އުސޫލުގައި ބުނެފައިވާ ގޮތުން، ޙައްޖުދަތުރަށް ފުރުމަށްފަހު އެނބުރި ދިވެހިރާއްޖެ އައުމާ ހަމައަށް ދިމާވާ ކުއްލި ހާދިސާތައް އަންގަންވާނެއެވެ. އެގޮތުން، ޙާޖީއަކު ބަލިވެގެން މައްކާ ނުވަތަ މަދީނާގެ ހޮސްޕިޓަލެއްގައި ބާއްވައިފިނަމަ އެމީހަކާބެހޭ މަޢުލޫމާތު، ވީއެންމެ އަވަސް ފުރުޞަތެއްގައި މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހުގެ އިސްވެރިޔާއަށް އަންގަން ވާނެކަމަށާއި ޙައްޖުގެ ދަތުރުމަތީގައި މަޑުކުރާ ނުވަތަ ފުރާ އެއާޕޯޓެއްގައި ޙައްޖުވެރިއަކަށް ދަތުރުނުކުރެވޭ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އެކަން މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހުގެ އިސްވެރިޔާއަށް ނުވަތަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް އަންގަންވާނެކަމަށް ވެއެވެ. އަދި ޙައްޖުގެ ދަތުރުމަތީގެ އެއްވެސް މަންޒިލެއްގައި ޙާޖީއަކަށް ޞިއްޙީ ޙާލަތު ދަށްވެގެން ދަތުރުނުކުރެވޭ ފަދަ ކަމެއް މެދުވެރިވެއްޖެނަމަ، އެކަން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް އަންގަންވާނެ ކަމަށާއި ޙާޖީއަކު ސަޢޫދީ ޢަރަބިޔާގައި ނިޔާވެއްޖެނަމަ އެމީހަކާބެހޭ މަޢުލޫމާތު ވީއެންމެ އަވަސް ފުރުޞަތެއްގައި މޯލްޑިވްސް ޕިލްގްރިމް އެފެއާޒް އޮފީހުގެ އިސްވެރިޔާއަށް އަންގަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި އުސޫލުގައި ޙައްޖަށް މީހުންގެންދާ ކުންފުނިތަކުން ކުރުން ލާޒިކުރާ އެއްވެސް ކަމެއް ފުރިހަމަ ކޮށްފައިނުވާނަމަ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ފިޔަވަޅު އެޅޭނެއެވެ.
ދިވެހި ސަރުކާރުގެ ގެޒެޓުގައި މިއުސޫލު ޝާއިޢުކުރާ ތާރީޚުން ފެށިގެން ޢަމަލުކުރަން ފެށުމުން ޙައްޖަށް މީހުން ގެންދިއުމާ ގުޅޭގޮތުން ކުރިން ޢަމަލު ކުރަމުން ގެންދިޔަ އުސޫލު ބާޠިލުވާނެއެވެ.
ޚިޔާލު