
މިސްރަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހު ރައީސް ވަހީދު މިއަދު މާލެ ވަޑައިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަނީ | ފޮޓޯ: ރައީސް އޮފީސް
އިސްލާމީ ބައެއް ޤައުމުތަކުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔެވަނީ ކަންބޮޑުވެފައި ކަމަށް ރައީސް ޑރ ވަޙީދު ވިދާޅުވެއްޖެއެވެ.
މިސުރުގެ ގާހިރާގައި އޮތް އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ސަމިޓުން އެނބުރި ވަޑައިގެން އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވަހީދު ވިދާޅުވީ އިސްލާމީ ބައެއް ޤައުމުތަކުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ދުނިޔެވަނީ ކަންބޮޑުވެފައި ކަމަށާއި، ޚާއްޞަކޮށް، ސީރިޔާއާއި މާލީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ބެހޭގޮތުންނާއި، ފަލަސްޠީނުގެ މައްސަލައާ ބެހޭގޮތުން ވަރަށްފުޅާ ދާއިރާއެއްގައި، އޯއައިސީ ސަމިޓްގައި، މަޝްވަރާ ކުރެއްވި ކަމުގައެވެ. އަދި ސީރިއާގެ ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް ކުރާ ކަންކަން ހުއްޓާލައި އިންތިހާބެއް ބޭއްވުމަށް ވެސް ގައުމުތަކުން އިލްތިމާސްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން، މެދުއިރުމައްޗަށް މިހާރު ކުރިމަތިވެފައިވާ އެކިއެކި މައްސަލަތަކާއި އަދި އިސްލާމީ ދުނިޔެއަށް ކުރިމަތިވެފައިވާ ވަރަށް މުހިންމު މައްސަލަތަކާ ބެހޭގޮތުންވެސް ބަޙުޘް ކުރެއްވުނު ކަމުގައި ރައީސް ވިދާޅުވި އެވެ.
އޯ.އައި.ސީ ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މިކުރެއްވި ދަތުރުފުޅާބެހޭ މަޢުލޫމާތު ދެއްވަމުން އިތުރަށް ވިދާޅުވީ، އިސްލާމީ ޤައުމުތަކުގެ ރައްޔިތުންނަށް ލިބެންޖެހޭ އިންސާނީ ޙައްޤުތައް ލިބިދިނުމުގަޔާއި، އެ ޤައުމުތަކުގެ ރައްޔިތުންގެ ޑިމޮކްރެޓިކް ޙައްޤުތައް ޤާއިމް ކުރުމުގައި، ސަރުކާރުތައް ގުޅިގެން ކުރެވެންހުރި މަސައްކަތްތައް ކުރުމަށް ސަމިޓްގައި މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
އޯ.އައި.ސީ ސަމިޓްގެ 12 ވަނަ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް މިސުރުގެ ޤާހިރާއަށް ކުރެއްވި ދަތުރުފުޅުގައި އިސްލާމީ ބައެއް ޤައުމުތަކުގެ ވެރިންނާ ބައްދަލުކުރެއްވުމުގެ ފުރްޞަތު ލިބިވަޑައިގެންނެވި ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
އޯއައިސީ ސަމިޓު ތެރެއިން ފަލަސްތީނުގެ ރައީސް މަހުމޫދް އައްބާސްގެ އިތުރުން އެހެން ގައުމުތަކުގެ އިސް ވެރިންނާ ވެސް ރައީސް ބައްދަލުކުރައްވާފައިވެއެވެ.
















ޚިޔާލު