ތުއްތު ކުއްޖެއްގެ ކަރާމާތާ ރައްކާތެރިކަމަށް ގެއްލުން ދީފައިވާ މީހަކު ޕްރީ ސްކޫލާ ގުޅޭ އެއްވެސް ކަމެއްގައި ބައިވެރިކުރުން މަނާކޮށް “ޕްރީސްކޫލް ހިންގުމުގެ ގަވާއިދު” ގެޒެޓްކޮށްފި އެވެ.
ދިވެހި ސަރުކާރުގެ ގެޒެޓްގައި މިމަހުގެ 2 ވަނަ ދުވަހު ޝާއިއުކޮށްފައިވާ “ޕްރީސްކޫލް ހިންގުމުގެ ގަވާއިދު” ގައި އެއްވެސް ފަރާތަކުން ހިންގާ ޕްރީ ސްކޫލެއްގެ މަސްއޫލުވެރިއަކަށް ނުވަތަ ސުކޫލް ބޯޑުގެ މެންބަރަކަށް ނުވަތަ އެނޫންވެސް ހައިސިއްޔަތަކުން ޕްރީ ސްކޫލާ ގުޅޭ އެއްވެސް ކަމެއްގައި ތުއްތު ކުއްޖެއްގެ ކަރާމާތާ ރައްކާތެރިކަމަށް ގެއްލުމެއް ދީފައިވާ އެއްވެސް މީހަކު ބައިވެރި ކޮށްގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.
އެ ގަވާއިދުގައި ބުނެފައިވާގޮތުން ކޮންމެ ޕްރީސްކޫލެއްވެސް ހިންގަންވާނީ، މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި ރަޖިސްޓްރީ ކޮށްގެނެވެ. އަދި ކޮންމެ ޕްރީސްކޫލެއްވެސް ހިންގަން ޖެހޭނީ އަސާސީ ގަވާއިދެއްގެ ދަށުން ކަމަށާއި އަދި އެ ގަވާއިދު ވޫޖޫދަށް އައުމާ ހަމަޔަށް މިހާތަނަށް ހިންގަމުން އައި ޕްރީސްކޫލްތަކުން 180 ދުވަސް ތެރޭގައި ޕްރީސްކޫލް ހިންގުމުގެ ހުއްދަ އެޑިއުކޭޝަން މިނިސްޓްރީން ހޯދަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.
މިޤަވާއިދުގައި ޝަރުތުކުރާ ގޮތުގައި އެއްވެސް ޕްރޮގްރާމެއް ހިންގަންވާނީ އެޑިއުކޭޝަން މިނިސްޓްރީގެ ހުއްދަ ހޯދައިގެންނެވެ. އަދި އެފަދަ ހުއްދައަކަށް އެދޭ އިރު އެ ޕްރޮގްރާމަކީ ރާއްޖޭގެ ތައުލީމީ މަންހަޖުގައި ޕްރީ ސްކޫލް އުމުރުފުރާއަށް ކަނޑައެޅިފައިވާ މިންގަނޑުތައް ހާސިލްކުރެވޭގޮތަށް އެކުލަވާލެވިފައިވާ ޕްރޮގްރާމަކަށް ވާންޖޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.
މި ޤަވާއިދުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ކޮންމެ ސްކޫލެއްގައި ވެސް އަސާސީ ގަވާއިދާ އެއްގޮތަށް އެކުލަވާލެވިފައިވާ ސުކޫލް ބޯޑެއް އޮތުމަށް ލާޒިމް ކޮށްފައިވެއެވެ. އަދި ކޮންމެ އަހަރަކު ވެސް ކުރިއަށް އޮތް އަހަރުގެ މަސައްކަތު ޕްލޭން ތައްޔާރުކޮށް ވަކި މުއްދަތެއްގެ ތެރޭގައި އެރަށެެއްގެ ކައުންސިލަށް ހުށަހެޅުމުގެ ޒިންމާ އެ ގަވާއިދުން ވަނީ ސްކޫލް ބޯޑާއި ހަވާލުކޮށްފަ އެވެ.
ޕްރީ ސްކޫލް ޓީޗަރުންގެ މަސައްކަތު ވަގުތު ކަނޑައަޅަން ޖެހޭނީ ސަރުކާރުގެ އާންމު މަސައްކަތު ވަގުތާ އެއްގޮތަށް ކަމަށް ގަވާއިދުގައި ބުނެފައިވާއިރު ޕްރީ ސްކޫލްގެ ޓީޗަރުންގެ އަދަދު ކަނޑައަޅަން ޖެހޭނީ ދަރިވަރުންގެ ޖުމްލަ އާބާދީގެ ކޮންމެ 25 ކުއްޖަކަށް ޓީޗަރެއް ކަމަށް އެ ގަވާއިދުގައި ބުނެފައި ވެއެވެ. އަދި އެއްވެސް ތުއްތު ކުއްޖެއްގެ ކަރާމާތާއި ރައްކާތެރިކަމަށް ގެއްލުމެއްދީފައިވާ މީހަކު ޕްރީސްކޫލްގެ އެއްވެސް ވަޒީފާއެއްގައި ގެންގުޅެގެން ނުވާނެ ކަމަށްވެސް ވެއެވެ.
އެ ގަވާއިދުގައި ވާގޮތުން ރާއްޖޭގެ ހުރިހާ ޕްރީ ސްކޫލެއްގައި އެޑިކޭޝަން މިނިސްޓްރީ އިން އެކުލަވައިލެވިފައިވާ ގައިޑްލައިނާ އެއްގޮތަށް ކައުންސެލިންގެ ޚިދުމަތް ދެވެން ހުންނަން ޖެހޭނެ ކަމަށް ޝަރުތުކޮށްފައިވެއެވެ.

















ޚިޔާލު