ރާއްޖޭގެ ޚަބަރު

ޢިލްމު ވެރިއެއްގެ ދުލުން ސަލަފީ މަންހަޖު (3)

salafi-manhaj-dhiislam

ނޯޓު : މިއީ ސަޢުދީގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް ޢަބްދުލް ޢަޒީޒު އަލް ފައުޒާން ދެއްވާފައިވާ ފަތުވާއެއް އަޞްލަކަށް ބިނާ ކޮށްގެން ލިޔެފައިވާ ލިޔުމެކެވެ.

ޝައްކެތް ނެތް ގޮތުގައި ބިދުޢައެއް ނުވަތަ މުންކަރާތެއް ފާޅުގައި ފެނިއްޖެނަމަ އެކަން މަނާ ކުރަން ޖެހޭނެއެވެ. އެކަމަކީ ލޮބުވެތި ޞަޙާބީއެއްގެ ފަރާތުން ހިނގި ކަމެއްކަމުގައި ވިޔަސް މެއެވެ. ނޫނީ ސަލަފުއް ޞާލިޙުންގެ ނުވަތަ އުއްމަތުގެ ބޮޑު އިމާމެއްގެ ފަރާތުން ފެނުނު ކަމެއްކަމަށް ވިޔަސް މެއެވެ. އެހެނީ ހަމަ އެކަނި ކުށްތަކުން ބަރީއަވެގެންވާ ބަޔަކީ ނަބީ ބޭކަލުންނާއި ރަސޫލު ބޭކަލުންކަމަށް ވާތީއެވެ.

އިމާމް މާލިކްގެފާނު ވިދާޅުވެފައިވެއެވެ. " كليؤخذمنقولهويردإلاصاحبهذاالقبر "އިންސާނަކު ބުނާ ކޮންމެ ބަހަކީވެސް ޤަބޫލު ކުރުމާއި ޤަބޫލު ނުކޮށް ދޫކޮށްލެވޭނެ ބަހެކެވެ. މިޤަބުރުގެ ޞާޙިބާގެ ބަސްފުޅު ފިޔަވައެވެ. އެއަށްފަހު ރަސޫލާ صلى الله عليه وسلم ގެ ޤަބުރުފުޅަށް އިޝާރާތް ކުރެއްވިއެވެ."

ލޮބުވެތި އަޚުންނޭވެ. މީހެއްގެ ކުށެއް ބަޔާންކޮށް އިޞްލާޙު ކުރުމުގައި ބުނެވޭ ގޮތަކުން ވަރަށް ބޮޑެތި ބަދަލުތަކެއް އެބަ އާދެއެވެ. މީހެއްގެ ފަރާތުން ކުށެއް ފެނިއްޖެނަމަ އެއީ ގޯހެއްކަމާއި އެކަން ގޯސްވި ސަބަބަބާއި އެކަމުގައި އޮތް ރަނގަޅުގޮތް ޙުއްޖަތާ ދަލީލާއެކު ރިވެތި ގޮތުގައި ބުނެދެވިއްޖެނަމަ އެކަން އިޞްލާޙުވެގެން ދާން ފަސޭހަވެއެވެ. ނަމަވެސް އަޅުގަނޑުމެންނަށް މި މީހުންގެ ފަރާތުން މި ފެންނަ މަންޒަރަކީ ކިރިޔާވެސް މީހެއްގެ ފަރާތުން ކުށެއް ފެނިއްޖެނަމަ މިއީ ޙިޒްބީއެކެވެ. ނުވަތަ އިޚްވާނީއެކެވެ. މަގުފުރެދިފައިވާ މީހެކެވެ. މިނާއާއި ސަލާމް ކޮށްގެން ނުވާނެއެވެ. މީނާ ދައްކާ ވާހަކަ އަޑު އަހައިގެން ނުވާނެއެވެ. އަދި އެއީ ޝައިޚެއްނަމަ އޭނާ ދޭ ދަރުސެއްގައިވެސް އިިށީނދެގެން ނުވާނެއެވެ. މިފަދައިން ބުނާ އަޑުތަކެވެ.

ނޯޓު : "މިމަންޒަރު މާލޭ ބައެއް މިސްކިތްތަކުން ފެންނާނެއެވެ. ޞަލާޙުއްދީން ޖަލާލުއްދީން ފަދަ މިސްކިތްތަކުން ޢިލްމުވެރިޔަކު ދަރުސެއް ދޭން އިށީންނަ އިރަށް ބިރެއް ފެނިގެން އުޅޭ ގޮތަށް މިސްކިތުން އަވަސްއަވަހަށް މި ފިކުރުގެ ބައެއް މީހުން ފައިބައިގެން ދާތަން ފެންނާނެ އެވެ."

ޙަޤީޤަތުގައި މިއީ މާތް ﷲ ގެ މަގު މީހުން ދުރުކުރުމެވެ. ޢާއްމުން ޢިލްމުވެރިންނާއި ދުރުކޮށް އިލްމުގެ މަޖްލީސްތަކުން މީހުން ފެޔަށް ޖެއްސުމެވެ. އަޅުގަނޑުގެ ސުވާލަކީ އެ ޢާއްމު މީހާ އެއްޗެއް އުނގެނެން ދާނީ ކޮންތާކަށް ހެއްޔެވެ. ބިދުޢައަށް ދަޢުވަތު ދޭ މީހުންގެ ކައިރިއަށް ހެއްޔެވެ. ނުވަތަ ލަވަޔާއި މިޔުޒިކް ޗެނަލްތަކުގެ ކައިރިއަށް ހެއްޔެވެ. އަޅުގަނޑުމެންނަށް މި ފެންނަނީ މީހުން ޒިކުރުގެ މަޖިލީސްތަަކަށް ޙާޟިރު ކުރުވުމުގެ ބަދަލުގައި އަދި އެކަމަށް ހިއްވަރުދީ ޝައުޤުވެރި ކުރުވުމުގެ ބަދަލުގައި އެމަޖިލީސްތަކުން މީހުން ދުރަށް ގެންދަން މަސައްކަތް ކުރާ މަންޒަރު، މިއާއެކު ފާހަގަ ކޮށްލަންޖެހޭކަމަކީ އެބޭފުޅުންނަކީ ކުށުން ބަރީއަވެގެންވާ ބައެއް ނޫންކަން އަދި އެބޭފުޅުން ކުރައްވާ ކަމަކާއި ދައްކަވާ ވާހަކައަކީ ތަޒްކިޔާ ކުރެވޭނެ ކަމަކަށްނުވެ ހިގައިދާނެ، ދީނުގައި ކިހިނެތް ތޯ ހުއްދަވަނީ ދީނަށް ލޯބިކުރުމުގެ ނަމުގައި ސަލަފުންގެ މަންހަޖަށް ތަބާވުމުގެ ނަމުގައި މީސްތަކުން ދީނުގެ މަގު ދުރުކުރުން. ޝައްްކެތް ނެތް ގޮތުގައި އެއީ ދެވޭ ބޮޑު އަނިޔާއެއް !

އޭގެ މިސާލަކީ : "ދީނުގެ ނަމުގައި އަދި ޖިހާދުގެ ނަމުގައި އިސްލާމީ ބައެއް ޤައުމުތަކުގައި އެޤައުމުގައި އުޅެނީ ހުސް ކާފަރުންކަމުގައި ބުނެ ޖާނުން ފިދާވުމުގެ ޙަމަލާތައް އެބަ ދެވޭ، އަދި އެ ޖަރީމާ ހިންގާ މީހުން ފޯރިއާއެކު ހަރު އަޑުން ޖާހިލުކަންމަތީ ތިބެ މި ބުނަނީ މިއީ މާތް ﷲ ގެ މަގުގައި ތިމަންނަމެން ކުރާ ޖިހާދެކެވެ. މިއީ މާތް ﷲ ގެ ކަލިމަފުޅު މަތިވެރި ކުރުމެވެ.ﷲ ގަންދީ ބުނަމެވެ. އެއީ ޖިހާދެއް ނޫނެވެ. އެފަދަ މީހުންގެ މިބާވަތުގެ އެންމެހާ އަނިޔާވެރި ޢަމަލުތަކުން ޖިހާދުގެ މަތިވެރި ފަރުޟުވަނީ ބަރީއަ ވެގެން. ސަލަފުންގެ މަންހަޖަށް ދަޢުވާ ކުރާ މީހުންގެ ކިބައިން އެދެން މާތް ނަބިއްޔާ މުޙައްމަދުصلى الله عليه وسلم ގެ ސިޔަރަތު ދިރާސާ ކުރުމަށް، އަދި ޞަޙާބީންނާއި ސަލަފުންގެ ސިޔަރަތު ދިރާސާ ކުރުމަށް، އެބޭފުޅުން ބިދުޢަ ވެރިންނާއި އެނޫންވެސް މީސްމީހުންނާއި މުޢާމަލާތު ކުރުމުގައި ގެން ގުޅުއްވި މަންހަޖަކީ ކޮބައިތޯ ހޯދާ ބެލުމަށް ނަޞޭޙަތް ތެރިވަން. އާދެ! ޝައްކެތް ނެތް ގޮތުގައި އެބޭކަލުން މުޢާމަލާތު ކުރައްވާފައިވަނީ ޢަދުލުގެ މަތީގައި ތިއްބަވައިގެން އިންޞާފާއެކު، ޙައްޤުގެ މަގަށް އެބައިމީހުން އެނބުރި ރުޖޫޢަ ވުމުގެ ފޮނި އުއްމީދާއެކު، ދެން ކިހިނެތްތޯވަނީ އަޤީދާގެ ގޮތުން ތިމާމެންނާއި އެއް މަންހަޖެއްގައި ތިބި ޢިލްމުވެރިންނާއި ޢިލްމު އުނގެނެމުންދާ މީހުންނާއި ތިމާމެންގެ އަޚުންނާއި މުޢާމަލާތް ކުރާހިނދު ކިހާ މިންވަރަކަށް ޢަދުލުވެރި ވާން ޖެހޭނެތޯ ! "

މާތްﷲ ވަހީބަސްފުޅުގެ މާނާގައިވަނީ

 "އޭ إيمانވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށްޓަކައިއެކަލާނގެ حقތައް ފުރިހަމަޔަށް قائمކުރާ، އަދި عدلއަށް ހެކިދޭ ބަޔަކުކަމުގައިވާށެވެ! އަދި ބަޔަކުމީހުންދެކެ ތިޔަބައިމީހުންގައި އުފެދިފައިވާރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން عدلވެރި ނުވުމުގެ މައްޗަށްބާރުއަޅާކަމެއް ކަމުގައި ނުހަދާށެވެ! ތިޔަބައިމީހުން عدلވެރިވާށެވެ! އެގޮތް تقوىވެރިކަމާ ގާތްކަން ބޮޑެވެ. އަދި ތިޔަބައިމީހުން ﷲއަށްتقوىވެރިވާށެވެ! ހަމަކަށަވަރުން، ﷲއީ، ތިޔަބައިމީހުންކުރާ عملތައްމޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."

ނިމުނީ

ނޯޓު : މިއީ ސަޢުދީގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް ޢަބްދުލް ޢަޒީޒު އަލް ފައުޒާން ދެއްވާފައިވާ ފަތުވާއެއް އަޞްލަކަށް ބިނާ ކޮށްގެން ލިޔެފައިވާ ލިޔުމެކެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *