ހުޅުމާލޭގައި އެއްފަހަރާ 900 މީހުންނަށް ނަމާދު ކުރެވޭ ގޮތަށް އިމާރާތް ކުރާ ދެބުރީގެ މިސްކިތެއް އެޅުމަށް އަމިއްލަ ފަރާތަކަށް ހުއްދަދީފިއެވެ.
ހުކުރު ދުވަހު އިސްލާމިކް މިނިސްޓަރ ޝަހީމް ވިދާޅުވީ ހުޅުމާލެގައި މިސްކިތެއް އެޅުމަށް ދިވެހި ވިޔަފާރިވެރިޔަކު އެދުމުން އެކަމުގެ ހުއްދަ އެފަރާތަށް ދީފައިވާ ކަމަށާއި 10 މަސްދުވަހުގެ ތެރޭގައި މިސްކިތުގެ މަސައްކަތް ނިމި، އަންނަ ރޯދަ މަހު މިސްކިތް ބޭނުން ކުރެވޭނެ ކަމަށެވެ.
މިނިސްޓަރ ޝަހީމް ވިދާޅުވީ އާ މިސްކިތް އެޅުމަށް ހުއްދަ ގޮތަށް މާލޭގައި ހުރި ބާ މިސްކިތްތަށް އަލުން ޢިމާރާތް ކުރުމުގެ ފުރުޞަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލެވިފައިވާކަމަށެވެ.
އަދި މިނިސްޓަރ ޝަހީމް ވިދާޅުވީ ހުޅުމާލޭގައި އިސްލާމީ މަރުކަޒެއް އެޅުމަށް ހަމަޖެހިފައިވާ ކަމަށާއި ސަރުކާރާ މަޝްވަރާ ކުރުމުންދާ ކަމަށާއި މާލޭގައި ހުރި ބާ މިސްކިތްތައް އަލުން އިމާރާތް ކުރުމާއި ބެހޭގޮތުން މާލޭ ސިޓީ ކައުންސިލާ އެކު މަޝްވަރާ ކުރެވިފައިވާ ކަމަށާއި އަދި މާލޭ މިސްކިތްތަކުގެ އިމާމުން މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނުމަށް ހުށައެޅިފައިވާ ކަމަށާއި އިތުރަށް އެކަމާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވެސް ނިންމިފައިވާ ކަމަށެވެ.

















advertisment
ޚިޔާލު