
ޝައިޚް ޢަބްދުލް ހާދީ ކިނޮޅަހުގައި ބުރާސްފަތި ދުވަހު ދަރުސް ދެއްވަނީ - ދިއިސްލާމް ފޮޓޯ
ސިގިރޭޓް ބުއިމަކީ އިސްލާމް ދީނުގައި ޙަރާމްކަމެއް ކަމަށް ފަހުގެ ހުރިހާ ޢިލްމްވެރިން ވިދާޅުވާކަމަށް އައްޝައިޚް ޢަބްދުލް ހާދީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޝައިޚް ޢަބްދުލް ހާދީ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ޢަޞްރު ނަމާދަށްފަހު ކިނޮޅަހު މަސްޖިދުލް ފުރްޤާންގައި ބޭއްވި ދަރުސެއްގަ އެވެ.
ޝައިޚް ވިދާޅުވީ ކުރީގެ ޢިލްމްވެރިން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަކްރޫޙަ ކަމެއްކަމުގައި ވިދާޅުވީ އޭރު ދުންފަތުގައި ހުރި ގެއްލުންތައް އެބޭކަލުންނަށް އެނގިވަޑާއިނުގަންނަވާތީ ކަމަށާއި އަދި އެބޭކަލުން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަކުރޫޙަ ކަމެއް ކަމުގައި ވިދާޅުވީ ލޮނުމެދާއި ފިޔާ ފަދަ ވަސްގަދަ އެއްޗެހިން ބޭނުން ކޮށްގެންހުރެ ނަމާދުގެ ޖަމާޢަތަށް ޙާޟިރު ވެއްޖެނަމަ މަލާއިތުންނަށް އުނދަގޫފުޅު ވާނެކަމަށް رسول الله صلي الله عليه وسلم ޙަދީޡް ކުރައްވާފައިވާތީ ކަމަށާއި ނަމަވެސް ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާ އާއި އަދި ބޮޑެތި ޑޮކްޓަރުން ވަނީ ސިގިރޭޓަކީ ސިއްޙަތަށް ގެއްލުން ހުރި އެއްޗެއް ކަމަށާއި ކެންސަރާއި ތަފާތު އެތައް ބަލިތަކެއް ޖެހޭ އެއްޗެއްކަމަށް ނިންމާފައިކަމަށާއި އެހެން ކަމުން ފަހުގެ ހުރިހާ ޢިލްމްވެރިން ވިދާޅުވެފައިވަނީ ސިގިރޭޓް ބުއިމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެއް ކަމުގަ އެވެ.
ޢިލްމްވެރިން ސިގިރޭޓް ބުއިމަކީ އިސްލާމް ދީނުގައި ޙަރާމް ކަމެއްކަމުގައި ވިދާޅުވެ ދަލީލެއް ގޮތުގައި ގެންނަވަނީ "ގެއްލުން ދިނުމެއް ވެސް ނެތް އަދި ގެއްލުން ލިބިގަތުމެއް ވެސް ނެތް"މިހެން رسول الله صلي الله عليه وسلم ޙަދީޘް ކުރައްވާފައިވާތީ ކަމަށާއި އަދި ކީރިތި ޤްރްއާނުގައި "ތިޔަބައިމީހުންގެ އަތްތަކުން ހަލާކުގެ ތެރެޔަށް އެއްލައިނުލާށެ" މިހެން މާތް ﷲ ވަޙީ ކުރައްވާފައިވާ ބަސްފުޅު ކަމަށް ޝައިޚް ޢަބްދުލް ހާދީ ވިދާޅުވިއެވެ.
ޝައިޚް ޢަބްދުލް ހާދީގެ ދަރުސުގައި އިތުރަށް ވިދާޅުވީ ނަމާދު ނުކޮށް ހިފާ ރޯދަޔަކުން ކުރާނެ އެއްވެސް ފައިދާއެއް ނެތްކަމަށާއި ދުވާލު ހަތަރު ނަމާދު ނުވަތަ ތިން ނަމާދު ކުރުމަކީ އަދި ނަމާދު ކުރުމަކަށް ވެސް ނުވާނެ ކަމަށާއި ނަމާދު ކުރުމަށްވާނީ ފަރުޟު ފަސް ނަމާދު ކޮށްގެން ކަމަށާއި ފިރިހެނުން މިސްކިތުގެ ޖަމާޢަތުގައި ނަމާދު ކުރުމަކީ ވާޖިބެއް ކަމަށާއި މަޤްބޫލު އުޒުރެއް ނެތި ގޭގައި ނަމާދު ކުރާ މީހަކީ އެމީހެއްގެ ހިތުގައި ނިފާޤުކަންވާ މީހެއް ކަމުގަ އެވެ.
ނަމާދު އަޅާ މީހާ މިއްލަތުން ބޭރުވާނެކަމަށް ވިދާޅުވަމުން ނަމާދަށް ފަރުވާތެރިވުމަށާއި ރޯދަ މަހަށް އަޅުކަން ކުރާމީހަކަށް ނުވުމާށާއި ރޯދަމަސް ނިމިގެން ދެން އަންނަ އެގާރަ މަހުގައި ވެސް ރޯދަ މަހު އަޅުކަން ކުރިގޮތަށް އަޅުކަން ކުރުމަށް ޝައިޚް ޢަބްދުލް ހާދީ ނަޞޭޙަތްތެރިވެލެއްވި އެވެ.
މި ދަރުސް އަޑުއެހުމަށް ކިނޮޅަހުގެ ގިނަ ބަޔަކު ހާޟިރުވި އެވެ.

















advertisment
ޚިޔާލު