
1432 ވަނަ އަހަރުގެ އަޟުހާ ޢީދު ނަމާދު ޖަމާޢަތުގައި ބަޔަކު އިސާލާމީ މަރުކަޒުގެ ބޭރުގައި | ދިއިސްލާމް ފޮޓޯ: އަޝްވާގު
މާދަމާއަކީ 1433 ވަނަ އަހަރުގެ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި، ފިޠުރު ޢީދު ދުވަސް ކަމުގައިވާ ޝައްވާލް 1 ވަނަ ދުވަހަކީ އޯގަސްޓް 19 ވާ އާދީއްތަ ދުވަސް ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައަޅައި އިޢުލާންކޮށްފިއެވެ.
ޝައްވާލް މަހުގެ ހަނދާ ބެހޭ ގޮތުން ގޮތެއް ނިންމެވުމަށް އެ މިނިސްޓްރީން މިރޭ އިސްލާމީ މަރުކަޒްގައި ބޭއްވި ރަސްމިއްޔާތަށް ފަހު ހަނދާ ބެހޭ ބަޔާން އިއްވަވާދެއްވަމުން އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ ޑރ. މުޙައްމަދު ޤުބާދު ވިދާޅުވީ ދިވެހިރާއްޖޭގެ އެއްވެސް ރަށަކަށް ޝައްވާލް މަހުގެ ހަނދު ފެނިފައިނުވާ ކަމަށާއި، އިސްލާމީ އެއްވެސް ގައުމަކަށް ވެސް ޝައްވާލު މަހުގެ ހަނދު ސާބިތުވެއްޖެ ކަމުގެ ރަސްމީ ޚަބަރެއް ލިބިފައި ނުވާ ކަމަށެވެ.
އެހެން ކަމުން، ރަމަޟާން މަހާއި ޝައްވާލް މަހުގެ ހަނދު ޘާބިތުކުރުމުގައި ރާއްޖޭގައި ޢަމަލްކުރުމަށް ހަމަޖެހިފައިވާ އުޞޫލްގައިވާ ގޮތުގެ މަތިން، މާދަމާ އަކީ ރަމަޟާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި އާދީއްތަ ދުވަހަކީ ފިޠުރު ޢީދު ދުވަސް ކަމަށް ޑެޕިއުޓީ މިނިސްޓަރ އިޢުލާން ކުރެއްވި އެވެ.
މިފަހަރުގެ ފިޠުރު ޢީދު ނަމާދުގެ ޖަމާޢަތް މާލޭގައި ހުސްމައިދާނެއްގައި ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމާފަ އެވެ. އެގޮތުން މާފަންނު ސްޓޭޑިއަމްގައި ޢީދު ނަމާދުގެ ޖަމާޢަތް ބޭއްވޭނެ އިންތިޒާމް އެ މިނިސްޓްރީން ދަނީ ހަމަޖައްސަމުންނެވެ.
އަދި ވީހާވެސް ގިނަ ބަޔަކު ސްޓޭޑިއަމްއަށް ޢީދު ނަމާދު ކުރުމަށް ވަޑައިގަތުމަށް އެ މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ އެވެ.
"ވީހާވެސް ގިނަ ބަޔަކު، އަންހެނުންނާއި ކުޑަކުދިންނާއި އެންމެހާ ޒުވާނުން ޢީދު ނަމާދާށް މައިދާނަށް ވަޑައިގަތުމަށް އެދެން. އެގޮތަށް މައިދާނުގައި ޢީދު ނަމާދު ކުރުމަކީ ކީރިތި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ މަތިވެރި ސުންނަތެއް. މިކަން މިހާ ފުޅާކޮށް މިހާ ބޮޑުކޮށް ކުރެވި މުސްލިމުންގެ ބޮޑު ޖަމާއަތެއް އެއްތާކުން ފެނުމަކީ ގައުމުގެ ހައިބަތާއި ޤަދަރު ބޮޑުވާނެކަމެއް.” އިސްލާމިކް މިނިސްޓަރ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މައްކާގައި ހުންނަވާފައި ވިދާޅުވެފައިވެ އެވެ.
















ޚިޔާލު