
އައްޑޫ ސިޓީ މީދޫގައި ހިންގާ ޝަރީފީ ޕްރީ ސްކޫލްގެ "ހަތަރު ވަނަ މަދަހަ މުބާރާތް 1433" ގައި ކުއްޖަކު މަދަހަ ކިޔަނީ – ފޮޓޯ : ޝަރީފީ ޕްރީ ސްކޫލް
އައްޑޫ ސިޓީ މީދޫގައި އަމިއްލަ ފަރާތަކުން ހިންގާ ޝަރީފީ ޕްރީ ސްކޫލްގެ "ހަތަރު ވަނަ މަދަހަ މުބާރާތް 1433" ބާއްވައިފި އެވެ.
"ދިއިސްލާމް" އަށް މަޢުލޫމާތު ދެއްވަމުން އެ ސްކޫލްގެ އޮފިޝަލަކު ވިދާޅުވީ މި މުބާރާތަކީ ކޮންމެ ރަމަޟާން މަހެއްގެ މުނާސަބަތުގައި ބާއްވަމުންދާ މުބާރާތެއް ކަމަށާއި އާދީއްތަ ދުވަހު ކުރިއަށްގެންދިޔަ މި ފަހަރުގެ މުބާރާތުގައި އެ ސްކޫލްގެ ނާސަރީ، ޔޫކޭޖީ އަދި އެލްކޭޖީގައި ކިޔަވާ ކުދިންގެ ތެރެއިން ޖުމްލަ 46 ކުއްޖަކު ބައިވެރިވެ މަދަހަ ކިޔާފައިވާ ކަމަށެވެ.
މި މުބާރާތުގެ މަޤްޞަދަކީ ކުދިންގެ ހިތްތަކުގައި ދީނީ ލޯބި އުފައްދައި، އެ ކުދިންގެ ހުނަރު ތަރައްޤީކުރުމާއި އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ ސިފަ އަށަގެންނެވުން ކަމަށާއި މުބާރާތް ކުރިއަށްދިޔަ ގޮތާމެދު ވަރަށް ހިތްހަމަޖެހޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މި މުބާރާތުގެ ފަނޑިޔާރުކަން ކުރެއްވީ ހުޅުދޫގެ 3 ބޭފުޅުންނެވެ.

އައްޑޫ ސިޓީ މީދޫގައި ހިންގާ ޝަރީފީ ޕްރީ ސްކޫލްގެ "ހަތަރު ވަނަ މަދަހަ މުބާރާތް 1433" ގައި ކުއްޖަކު މަދަހަ ކިޔަނީ – ފޮޓޯ : ޝަރީފީ ޕްރީ ސްކޫލް
ޝަރީފީ ޕްރީ ސްކޫލުން ބުނި ގޮތުގައި، މި މުބާރާތުގެ ނަތީޖާ ފާޅުކުރުން ބޭއްވުމަށް ނިންމާފައި ވަނީ އެ ސްކޫލުން މި ރަމަޟާން މަހު ބޭއްވި 13 ވަނަ ޤުރުއާން މުބާރާތާއި ޝަމްސުއްދީން ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒް (އެސްސީއައިއެސް)އިން މި ރަމަޟާން މަހު ބޭއްވި "ބެސްޓް ސިލެކްޝަން އެއްވަނަ ޤުރުއާން މުބާރާތު"ގެ ނަތީޖާ ފާޅުކުރުމަށް އަންނަ ޢީދުގެ ތެރޭ ބާއްވާ ޙަފްލާގެ ތެރޭގަ އެވެ.
ޝަރީފީ ޕްރީ ސްކޫލްގައި މިހާރު ޖުމްލަ 53 ކުދިން ކިޔަވަމުންދާ ކަމަށް އެ ސްކޫލުން މަޢުލޫމާތުދެ އެވެ.
އައްޑޫ ސިޓީގައި ވަކިން އޮންނަ ހުޅުމީދޫ އަވަށުގައި 3 ޕްރީ ސްކޫލް ހިންގަމުންދެ އެވެ. އެއީ ޝަރީފީ ޕްރީ ސްކޫލްގެ އިތުރުން މީދޫ އަސްރިއްޔާ ޕްރީ ސްކޫލް އަދި ހުޅުދޫ ނަސްރިއްޔާ ޕްރީ ސްކޫލެވެ.
















ޚިޔާލު