ރާއްޖޭގެ ޚަބަރު

ފޭދޫގައި ބާއްވަން އުޅުނު އިޙްޔާ ކުރުމުގެ ޖަލްސާ ފަސްކޮށްފި

އައްޑޫ ސިޓީ ފޭދޫ ސްކޫލް – ފޮޓޯ : ހަވީރު ނޫސް

އައްޑޫ ސިޓީ ފޭދޫ ސްކޫލް – ފޮޓޯ : ހަވީރު ނޫސް

މި އަހަރުގެ ރަމަޟާން މަސް އިޙްޔާ ކުރުމުގެ ގޮތުން، އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ސޯޝަލް ސަރވިސް ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާ ތަކުގެ ތެރެއިން، ފޭދޫ ސްކޫލްގައި މިދިޔަ ހުކުރު ދުވަހުގެރޭ ބާއްވަން އުޅުނު ޖަލްސާ ފަސްކޮށްފި އެވެ.
މި ޖަލްސާ މިހާރު ބޭއްވުމަށް ހަމަޖައްސާފައި ވަނީ އޯގަސްޓް 10 ވާ ހުކުރު ދުވަހުގެ ރޭގަ އެވެ. ޖަލްސާގައި ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ ޝައިޚް މުޙައްމަދު އަނީލް އެވެ. މައުޟޫއަކީ "ދަރިންގެ ޙައްޤުތައް" މި އެވެ.
"ދިއިސްލާމަ"ށް މައުލޫމާތު ލިބިފައިވާ ގޮތުގައި، އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ފޭދޫގައި ހުންނަ ޑިޕާޓްމަންޓުން އިންތިޒާމް ކުރުމުގައި ދިމާވި މައްސަލަތަކަކާ ގުޅިގެން ހުކުރު ދުވަހުގެރޭގެ ޖަލްސާ ފަސްކުރަން ޖެހުނީ ޖަލްސާއަށް އެކަށީގެންވާ ވަރަށް މީހުން ޙާޟިރުވެފައި ނުވާތީ އެވެ.
ފޭދޫ ސްކޫލަށް ހުކުރު ދުވަހުގެރޭ ދިޔަ މީހަކު ބުނީ ފޭދޫގެ މިސްކިތްތަކުގައި ޖަހާފައިވާ އިޢުލާންތަކުގައި އެރޭ ޖަލްސާ އޮންނާނެ ކަމަށް ހާމަކޮށްފައިވާ ކަމަށެވެ. ނަމަވެސް، ފޭދޫގައި ހުންނަ ކައުންސިލް އިދާރާގެ ޑިޕާޓްމަންޓުން އެ އަވަށުގެ ގެތަކަށް ފޮނުވި ސްލިޕްކޮޅުތަކުގައި އިޙްޔާ ޖަލްސާ އޮންނާނީ އޯގަސްޓް 5 ވަނަ ދުވަހު ކަމަށް ލިޔެފައިވުމުން، މީހުން ޙާޟިރުވެފައި ނުވަނީ ކަމަށް އޭނާ ބުންޏެވެ.
އެ ޖަލްސާއަށް ފޭދޫ ސްކޫލަށް ވަޑައިގެންނެވި ބޭފުޅުންގެ އަރިހުން އަވަށުގައި ހުންނަ ޑިޕާޓްމަންޓްގެ އިސް ބޭފުޅުން އެރޭ މަޢާފަށް އެދިވަޑައިގެންނެވި ކަމަށާއި، އެ ސްލިޕްކޮޅުތަކުގައި ޖެހިފައިވަނީ އޯގަސްޓް 5 ކަން އެ ބޭފުޅުންނަށް ވެސް އެނގިވަޑައިގެންނެވީ އެރޭ އިރުއޮއްސުނު ފަހުން ކަމަށް މަޢުލޫމާތު ލިބިފައިވެ އެވެ.
އައްޑޫ ސިޓީގައި ދެން އެންމެ އަވަހަށް ބާއްވާ އިޙްޔާ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މަރަދޫގައި އޯގަސްޓް މަހުގެ 6 ވާ ހޯމަ ދުވަހުގެރޭގަ އެވެ. މަރަދޫ އިރުޝާދިއްޔާ ސްކޫލްގައި ބާއްވާ ޖަލްސާގައި "ދަރިން ތަރުބިއްޔަތުކުރުން" މި މައުޟޫއަށް ވާހަކަފުޅު ދައްކަވާނީ، ޝައިޚް ޢަބްދުﷲ ޞިއްދީޤް އެވެ.
މި ޖަލްސާ ތަކުގައި ސުވާލާއި ޖަވާބު ސެޝަން ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފަ އެވެ.
މި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން އައްޑޫ ސިޓީގައި 5 ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު، މިހާރު ވަނީ ހުޅުމީދޫ އަދި ހިތަދޫގައި ޖަލްސާ ބާއްވާފަ އެވެ.
ހުޅުމީދޫގައި ބޭއްވި ޖަލްސާގައި ތަޤްރީރު ކުރެއްވީ ޝައިޚް ޖަޢުފަރު ފާއިޒް އެވެ. ހިތަދޫގައި ބޭއްވި ޖަލްސާގައި ތަޤްރީރު ކުރެއްވީ ޝައިޚް އިލްޔާސް ޙުސައިން އެވެ.
ރޭގަނޑު ބާއްވާ ޖަލްސާތަކުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އަވަށްތަކުގެ މިސްކިތްތަކުގައި ރަމަޟާން މަހުގެ ދުވަސްތަކުގެ އަސުރު ނަމާދަށް ފަހު ވެސް ދަރުސްތައް ދަނީ ބާއްވަމުންނެވެ.
މި ޕްރޮގްރާމްތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެ ކައުންސިލުން ދަޢުވަތު ދެ އެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *