
މި އަހަރުގެ ރަމަޟާން މަސް އިޙްޔާ ކުރުމަށް އައްޑޫ ސިޓީގައި ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން - މި ޖަލްސާ ބާއްވާފައިވަނީ ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގެ ހޯލުގައި
މި އަހަރުގެ ރަމަޟާން މަސް އިޙްޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން ބާއްވާ ސިލްސިލާ ޖަލްސާތައް އައްޑޫ ސިޓީގައި މިދިޔަ ހުކުރު ދުވަހުގެރޭ ފަށައިފި އެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ސޯޝަލް ސަރވިސް ޑިޕާޓްމަންޓުން އިންތިޒާމްކޮށްގެން އިސްލާމިކް މިނިސްޓްރީގެ އެހީތެރިކަމާއެކު ހިންގާ މި ޕްރޮގްރާމްގެ ފުރަތަމަ ޖަލްސާ ހުކުރު ދުވަހުގެރޭ ބާއްވާފައި ވަނީ ހުޅުމީދޫގައި ހުންނަ ސ. އަތޮޅު މަދަރުސާގެ ހޯލުގަ އެވެ.
މި ޖަލްސާގައި "ފާފައިގެ އަސަރު" މި މައުޟޫއަށް ތަޤްރީރު ކުރެއްވީ މީދޫގެ ޢިލްމުވެރިއެއް ކަމަށްވާ އައްޝައިޚް ޖަޢުފަރު ފާއިޒް އެވެ.
ޝައިޚްގެ ވާހަކަފުޅުގައި ވަނީ، ﷲ އަށް އުރެދި ފާފަތަކަށް އަރައިގަންނަ މީހުންނަށް ދުނިޔެ އާއި އާޚިރަތުގައި ކުރިމަތިވާނެ ގެއްލުންތައް ބަޔާންކުރައްވާފަ އެވެ.
ޝައިޚް ޖަޢުފަރުގެ ތަޤްރީރަށް ފަހު ސުވާލާއި ޖަވާބު ސެޝަނެއް ކުރިއަށް ގެންގޮސްފައިވެ އެވެ.
ބައިވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވީ ޝައިޚް ޖަޢުފަރުގެ އިތުރުން މީދޫގެ ބޭފުޅެއް ކަމަށްވާ ޝައިޚް ޢަބްދުﷲ ނަޖީބު އާއި ހިތަދޫގެ ދެބޭފުޅުން ކަމަށްވާ ޝައިޚް ޙަސަން ލަޠީފް މޫސާ އާއި އަދި ޝައިޚް މުޙައްމަދު އަނީލް އެވެ.
މި ޖަލްސާ މޮޑަރޭޓް ކުރެއްވީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީގައި ތައުލީމް ޙާސިލް ކުރަމުންދާ ދަރިވަރެއް ކަމަށްވާ މީދޫ ފުނޯސް، އަޙްމަދު ނާޒިޙް އެވެ.
އިސްލާމިކް މިނިސްޓްރީގެ ފަރާތުން އައްޑޫ ސިޓީގައި ދީނީ ޕްރޮގްރާމްތައް ވިލަރެސްކުރައްވާ ޝައިޚް މުޙައްމަދު އަނީލް މި ޖަލްސާއަށް ފަހު ވިދާޅުވެފައި ވަނީ، މީގެ ދެއަހަރެއްވަރު ކުރިން ރަމަޟާން މަސް އިޙްޔާކުރުމަށް ހުޅުމީދޫގައި ބޭއްވި ޖަލްސާއަށް އެންމެ 10 މީހުން ޙާޟިރުވެފައިވާއިރު، މިއަހަރު 300 އެއްހާ މީހުން ޖަލްސާގައި ބައިވެރވެފައިވާ މަންޒަރު ފެނުމުން ޙަޤީޤަތުގައި ވެސް އުފާވި ކަމަށެވެ. އަދި އެއީ ހުޅުމީދޫގައި ދީނީ ހޭލުންތެރިކަން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމަށް އަނީލް ފާހަގަކުރެއްވި އެވެ.
މި ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމުގެ ގޮތުން އައްޑޫ ސިޓީގައި 5 ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ. އެއީ ހުޅުމީދޫގައި ބޭއްވި ޖަލްސާގެ އިތުރުން ހިތަދޫގައި އޮންނަ ދެ ޖަލްސާ އާއި މަރަދޫ އަދި ފޭދޫގައި ބާއްވާ ޖަލްސާ އެވެ.
މި ސިލްސިލާގެ ދެވަނަ ޖަލްސާ މާދަމާރޭ ހިތަދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބެ އެވެ.
ރޭގަނޑު ބާއްވާ ޖަލްސާތަކުގެ އިތުރުން އައްޑޫ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން އަވަށްތަކުގެ މިސްކިތްތަކުގައި ރަމަޟާން މަހުގެ ދުވަސްތަކުގެ އަސުރު ނަމާދަށް ފަހު ވެސް ދަރުސްތައް ދަނީ ބާއްވަމުންނެވެ.
މި ޕްރޮގްރާމްތަކުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އެ ކައުންސިލުން ދަޢުވަތު ދެ އެވެ.
















ޚިޔާލު