ރާއްޖޭގެ ޚަބަރު

މީސްތަކުން ޙައްޤުބަހެއްގެ އިންތިޒާރުގައި ތިއްބާ! (2 ވަނަ ބައި)

ފަހުގެ ތާރީޚަށް ނަޒަރު ހިނގާލާއިރު މިރާއްޖޭގައި އިސްލާމްދީނާ ދެކޮޅު ހިނގޭ ޙަރަކާތްތަކުގެތެރޭގައި (ތަބްޝީރު) ނުވަތަ ކްރިސްޓިއަން މިޝަނަރީ ޖަމާޢަތްތަކުގެ ވާކަތައް ހިމެނެއެވެ. އާދެ! ފައްޅިތަކުގެ ފާދިރީންގެ ލަނޑުދަނޑިތަށް ޙާސިލްކުރުމަށްޓަކައި މިރާއްޖޭގައި ކޮށްފައިވާ މަސައްކަތްތަކަކީ ފަސްއަޅާ ފޮރުވަން އުޅުނަސް ފޮރޮވާލެވޭ ވަރަށް ވުރެން ފާޅުގައި ހިންގާފައި ހުރި ޙަރަކާތްތަކެކެވެ.

ރާއްޖެތެރޭ ކުދި ކުދި އާބާދީތަކަށް އަމާޒުކޮށްގެން ގިނަގުނަ މަޝްރޫޢުތަކެއްވަނީ ހިނގާފައެވެ. މިކަމުގެ ތެރެއިންލާފަ ދެން މަޑުމަޑުން ކުރިފަޅަމުން ހެދެމުން އަންނަ އެންމެ ނުބައި އެއް ފިކުރަކީ (އިލްޙާދު) ނުވަތަ ކަލަކު ވޮޑިގެން ނުވާކަމަށް ދަޢުވާކުރާ މީހުންގެ ފިކުރެވެ. މިފިކުރު ރައްޖޭގެ ހަތަރުބިތުން ވަދެ މިތާގެ މީރުފެނުން ފެން ބޮއެ، މީތާގެ ޖައްވަށް ނޭވާލާ އޭގެ ކުރިތަށްފަޅަމުން ހެދެމުން އަންތާ ދުވަސްތަކެއްވެޖެއެވެ. އެހެންކަމުން މިކަމަށް ފިކުރުހިނގާލާ ބަޔަކު އަޅުގަނޑުމެންގެ ތެރޭގައި އެބަތިބިބާ!

އިންސާނީ ޙައްްޤުތަކާއި މިނޫންވެސް އެކި ޙައްޤުތަށް ރައްކާތެރިކޮށްދޭ މީހުން ކަމަށް ދަޢުވާކޮށް މިފަދަ އެންމެހާ ގޮވެލި ތަކާއި ޝިޢާރުތަށް ނިވާފަތްގަނޑަކަށް ހަދައިގެން މިކުޑަ ކުޑަ ލޮބުވެތި ވަތަންގެ ޒުވާނުންގެ ގެ ދީނާ ފިކުރާ އަޚުލާޤާ މިތާގައި އޮތް ރިވެތި އާދަތަށް ހަލާކުކޮށް މިއަގުބޮޑު ތަރިކަ އަތުން ބީވެގެން ދާއިރުވެސް ހަމަ ބަލަހައްޓައިގެން ތިބެންވީތޯ !

އާދެ ! އިލްޙާދުންގެ މަދަރުސާއިން ދޭ ތަރުބިޔަތުތަކުގެ ތެރޭގައި ދީނަށް ޖޯކު ޖެހުމާއި ދީނަށް ލޯބިކުރާ މީހުންނަށް ފުރައްސާރަކުރުމާއި އަދި އެމީހުންނަކީ ކަޓު ތަނެއްދޮރެއް ނުދަންނަ ދަށްފަންތީގެ ބައެއްގެ ގޮތުގައި ދެއްކުމާއި އެކު މިދީނުގެ ޙުކުމްތަކަށް އިންކާރުކޮށް ތިމާމެންގެ ހަވާނަފްސު ބުނާ ފަދަ މެދުމިނަކަށް ބައްޓަން ކުރުން ހިމެނެއެވެ. އަދި އެހެން ދީންތަކުގެ މިނިވަންކަން އިޢުލާނު ކުރުމަކީ އެމީހުންގެ ލަދީނީ އެޖެންޑާގައި ހިމެނޭ އެއްކަމެވެ.

ދީނާމެދު ޝައްކުއުފެއްދުމުގެ ގޮތުން ޒުވާނުންނާއި ކިޔަވާކުދިންގެ ތެރެއަށް ފޮނުވާލެވޭ ނުރައްކާތެރި މެސެޖުތަކާއި ހިތުގެ ތެރޭގައިވާ އީމާންތެރިކަން ޝައްކަށް ބަދަލުވަމުންދާއިރު އަޅުގަނޑުމެން ޣާފިލު ކަންމަތީ ތިބެން ހެޔޮ ވެދާނެ ތޯއެވެ. މީގެ މަސްތަކެއް ކުރިން ނިކުތީ ދީނީ މިނިވަންކަން ހޯދުމަށްޓަކައި 10 ވަރަކަށް މީހުންނެވެ. މާދަމާ ނިކުންނާނެ ޢަދަދެއްވެސް ނޭނގެއެވެ. އެމީހުންގެ ބޭނުމަކީ ކޮންމެހެން މިތާގައި އެހެން ދީންތަކެއް އޮތުމެއް ނޫނެވެ. އަދި ކިއެއްތަ ޝާއިޠާނާއަށާއި ދިރުހަމައި ދީނާރަށް އަޅުކަންކުރާ ފަސާދަ މުޖުތަަމަޢެއްގެ ގޮތުގައި މިތަން ވުމަށެވެ.

މިހާ ނާޒުކު ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ ތެރެއިން ހެޔޮ ވިސްނޭ ކޮންމެ މީހަކަށް ލާޒިމު ވެގެން ވަނީ ޒަތީ ތަޢައްޞުބުން ދުރުވެތިބެ، މިނުބައި ފިކުރަށް ޖާގަ ދޭ އެންމެހާ ދޮރުތަށް ބަނދުކުރުމުވެ. ވައިވަންނަ ވަރު ޖާގައެއް ދިނަސް ހަލުވި މިނުގައި މިނުރައްކާތެރި ބަލި ފެތުރެން ފަށާނެކަން ދަންނަން ޖެހެއެވެ. މި ނުރައްކާތެރި ބަލީގެ ފެށުމަކީ ދީނުގައިހުރި ވަކި ކަންކަން ޤަބޫލު ނުކުރުމެވެ. ނިމުމަކީ ތަވްޙީދުގެ ފޭރާން އެއްކޮށްބާލާ ޝިރުކުގެ އަހުލުވެރީންގެ ލިސްޓުން ޖާގަ ހޯދުމެވެ. އެހެންކަމުން މި ފިކުރަށް ޖާގަ ދިން މީހަކީ މުޅި އިސްލަމީ އުއްމަތަށް ޚިޔާނާތްތެރިވި މީހެއްކަމުގައި ބެލެވޭނެއެވެ. ﷲ ގެ ޙަޟްރަތުގައި ދެއްކޭނެ ފާޅުކުރެވޭނެ ޙުއްޖަތެއް ފަހެ އޮންނާނެ ހެއްޔެވެ. ތިމާ ޒާތީގޮތުން ވަކި ފަރުދަކަށް ކިތަންމެ ނުރުހުންތެރި ވިޔެއްކަމު އުއްމަތުގެ ޙައްޤުގައި ދީނުގެ ބަސް ކުރިއަށް ނެރެން ޖެހޭނެއެވެ.

މި ކުޑަ ކުޑަ މުޖުތަމަޢު ތެރޭގައި އެކި ފަންތީގެ މީހުން ދިރިއުޅެމުންދާހިނދު ދީނުގެ ޙައްޤު ބަސް އަޑު އެހުމުގެ އިންތިޒާރީގައި އެކަމަށް ފެންބޮވައިގަނެފައި ވާޙާލުގައި ކިތަށް މީހުންތޯ ތިބީ ! އެހެން ކަމުން މިއީ ކުޅިވަރެއްކަމުގައި ދެކިގެން ތިބެ މާލަން މާލަން ތަކުގައާއި ފަރުދާތަކުގެ އަނެއްފަރާތުގައި ތިބެގެން އެއްވެސް ކަހަލަ ދިރާސާއެއް ކުރުމެއްނެތި ހިތުގައި އުފެދޭ ޝުޢޫރުތަކެއްގެ މައްޗަށް ބަސްބުނެ ހެދުމުން ނިކުމެދާނެ ނަތީޖާއަކާމެދު ކާކު ތޯ ވިސްނާލީ! އެހެނީ މިދެކެވޭ ވާހަކައަކީ ފޭރުމާއި ވައްކަމާ މަރާމާރީއާއި ބަޣާވަތުގެ ވާހަކައެއް ނޫނެވެ. އަދި ކިއެއްތަ އީމާންކަމުގައިހުރެ ކާފިރުކަމުގެ ތެރަށް ވަދެގެންދާވާހަކައެވެ. އަލިކަމުގެ ތެރޭގައި ހުރެ އަނދިރި ކަމުގެ ތެރެއަށް ވަދެގެންދާ ވާހަކައެވެ.

އެހެން ކަމުން ތިމާމެން އެންމެގެ ނަޒަރު އެއްދިމާލަކަށް ގެންދަޖެހޭ ވަޤުތު އައިސް މިއޮތީޖެހިފައެވެ. މިމުހިއްމު ދަނޑިވަޅުގައި އިލްޙާދުންގެ މަދަރުސާއިން ކިޔަވައިގެން ތިބި މީހުން ބޭނުން ވާނީ ސިޔަސީ ކޮންމެވެސް ފިކުރެއްގެ ތެރެއިންލާފަ ހެޔޮލަފާ މީހުން އެއްބަޔަކު އަނެއްބަޔަކަ ޖައްސާ އެމީހުން އެކަމުގެ ތެރޭގައި މަޝްޣޫލުކޮށް ވަޤުތު ބޭކަރު ކޮށްލުމެވެ. ދުރުގައި ކުޅިބަލަންތިބެ ދަނޑިވަޅުގެ ބޭނުން ހިފައި އެމީހުން އެމީހުން ޙަރާކާތްތަކާއެކު ކުރިއަށް ގެން ގޮސްގޮސް ތިބޭނެއެވެ.

ލޮބުވެތި އަޚުން، މާތް ﷲ ތިބާއަށްވަނީ ހެވާނުބައި ވަކި ކުރާނެ ފުރިހަމަ ވަޞީލަތްތައް ދެއްވާފައެވެ. ތިބާގެ ވަށައިގެންވާ މުޖުތަމަޢުގައި ހިނގާ ކަންކަމާއި އަޑު ތަކާމެދު ތިބާ ޣާފިލުވެ ނުހުންނާށެވެ. އެއަޑުތަކުގެތެރެއިން ތިބާގެ ދީނަށް ތިބާގެ ޢަޤީދާއަށްކުރާ އަސަރުތަކަކީ ކޮބައިތޯ ވިސްނާލާށެވެ. ތިބާގެ ޒިއްމާ އުފުލާށެވެ. ޙައްޤުބަސް ފާޅުކުރަން ޖެހޭ ވަޤުތު މައްމަނެއްގެ ގޮތުގައި ނުވާށެވެ. އާދެ! ޢަލީ ބިން އަލް މަދީނީ މިފަދައިން ވިދާޅުވެފައިވެއެވެ. ﷲ ސުބުޙާނަހު ވަތަޢާލާ ދެމީހެއްގެ ފަރާތުން މިދީން ޢިއްޒަތްތެރި ކުރައްވާފައިވެއެވެ. އެއީ ޒަކާތް ނުދީ މުރުތައްދުވީ މީހުންގެ ކުރިމަތީގައި އަބޫބަކުރުގެ ފާނު އެޅުއްވި ފިޔަވަޅާއި އިމާމް އަޙްމަދު ބިން ޙަންބަލް ޤުރާއާނަކީ މާތް ﷲ ގެ މަޚްލޫޤެކޭ ބުނުވުމަށްޓަކައި ކުރިމަތި ކުރި އަނިޔާތަކުގައި އެކަލޭގެ ފާނުގެބަހަށް އެތަށްބަޔަކު އިންތިޒާރީގައި ތިއްބައި ހައްޤުބަސް ފާޅުކުރެއްވި ދުވަހެވެ.

ލިޔަމުންއައިސް މިލިޔުމުގެ ނިމުމަކާ ހިސާބަށް އައިސްފައިވަނިކޮށް ދެންމެ އަޅުގަނޑާ ބައްދަލުކުރީ އަޅުގަނޑު ކިޔަވައިދިން ދަރިވަރެކެވެ. އެއްކޮށް ކިޔެވި އެހެންކުދިންގެ ޚަބަރުދަބަރު އަހާލުމުން އެތަނުން އެއްކުއްޖަކު ދީނީ ކަންކަމަށް ސަމާލުކަން ނުދޭވާހަކައާއި ދީނުގެ ބައެއް ކަންކަމުގައި ޝައްކު އުފެދޭ ކަހަލަ ސުވާލަތައް ކުރިމަތި ކުރާވާހަކައެއް ފާހަގަ ކޮށްލިއެވެ. އާދެ މިއީ ކުޑަކުޑަ ވަޤުތުުކޮޅެއްގެ ތެރޭގައި އަޅުގަނޑުގެ ކަންފަތަށް ފޯރާފައިވާ ޚަބަރުތަކެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ޙައްޤު ބަހެއްގައި އިންތިޒާރުގައި ކިތައްމީހުން ތިބޭނެބާ!

-ނިމުނީ-

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *