ރާއްޖޭގެ ޚަބަރު

ނޫރުލްއިސްލާމް ޖަމްޢިއްޔާގެ 3 ވަނަ އަހަރީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ނޫރުލްއިސްލާމް ޖަމްޢިއްޔާއިން 1431 ވަނަ އަހަރު ބޭއްވި ޤުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ – ފޮޓޯ : ނޫރުލްއިސްލާމް ޖަމްޢިއްޔާ

ނޫރުލްއިސްލާމް ޖަމްޢިއްޔާއިން 1431 ވަނަ އަހަރު ބޭއްވި ޤުރުއާން މުބާރާތުގައި ދަރިވަރަކު ކިޔަވަނީ – ފޮޓޯ : ނޫރުލްއިސްލާމް ޖަމްޢިއްޔާ

އައްޑޫ ސިޓީގެ ހިތަދޫގައި ހިންގަމުންދާ ނޫރުލްއިސްލާމް ޖަމްޢިއްޔާގެ 3 ވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި، މުބާރާތުގައި ބައިވެރިވުމުގެ ފޯމާއި މުބާރާތުގެ ޤަވާޢިދު ދޫކުރަން ފަށައިފިއެވެ.
ނޫރުލްއިސްލާމްގެ އޮފިޝަލަކު އޮފިޝަލަކު "ދިއިސްލާމް"އަށް މިއަދު ވިދާޅުވީ މިމުބާރާތް ބޭއްވުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހެޅުމުން އެއިދާރާއިން ހުއްދަ ދެއްވާފައިވާ ކަމަށާއި، އެހެންކަމުން މިރަމަޟާންމަހުގެ ތެރޭގައި މުބާރާތް އިރާދަކުރެއްވިއްޔާ ބޭއްވޭނެ ކަމަށެވެ.
އެގޮތުން ޤުރްއާން ކިޔެވުމުގެ މުބާރާތުގެ މިއަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖައްސާފައިވަނީ، އޯގަސްޓް މަހުގެ 12 ން 16 އަށެވެ.
ކުރީއަހަރުތަކަށްވުރެ އަގުހުރި އިނާމުތަކާއެކު، މިއަހަރުގެ މުބާރާތް އިންތިޒާމުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކުރަމުންގެންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ނޫރުލްއިސްލާމްގެ ކުރީގެ ޤުރްއާން ކިޔެވުމުގެ މުބާރާތްތަކާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ޓީމުތައް ބައިވެރިކުރުމުގެ ފުރުޞަތު، އެސިޓީގައި ހިންގަމުންދާ ޤުރްއާން ކިލާސްތަކާއި ސްކޫލްތަކާއި ޖަމްޢިއްޔާތަކާއި އެހެނިހެން މުއައްސަސާތަކަށް ހުޅުވާލެވިފައިވާ ކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.
އެގޮތުން ޓީމުގެ ގޮތުގައި މުބާރާތުގައި ބައިވެރިވާ ކޮންމެ ފަރާތަކުން ބައިވެރިކުރެވޭނީ 12 ބައިވެރިންގެ 1 ޓީމުކަމަށް ނޫރުލްއިސްލާމުން ހާމަކުރެއެވެ.
މިއަހަރުގެ މުބާރާތުގައި ޓީމްތައް ވާދަކުރާ ގޮތަށް ހަމަޖެހިފައިވީނަމަވެސް، ކުރީ އަހަރުތަކުގެ މުބާރާތްތަކާ އެއްގޮތަށް އަމިއްލަގޮތުން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ހުޅުވާލާފައިވެއެވެ.
ނޫރުލްއިސްލާމުން ބުނީ މިމުބާރާތުގައި ބައިވެރިވުމަށް ފޯމު ފުރާ ބައިވެރިންގެ ފެންވަރު ބެލުމަށްޓަކައި އައްޑޫސިޓީގެ ކޮންމެ އަވަށެއްގައި އޮޑިޝަން ބޭއްވޭނެ ކަމަށާއި، މުބާރާތުގައި ކިޔަވާނީ އޮޑިޝަންތަކުގައި ވަކި ވަރަކަށްވުރެ މަތިން މާކްސް ހޯދާ ބައިވެރިން ކަމަށެވެ.
މުބާރާތުގެ އޮޑިޝަން ބޭއްވުމަށް ހަމަޖައްސާފައިވަނީ މިއަހަރުގެ ޝަޢުބާން މަހުގެ ތެރޭގައެވެ.
މިދިޔަ އަހަރު ބޭއްވުނު އެޖަމްޢިއްޔާގެ ދެވަނަ އަހަރީ ޤުރްއާން ކިޔެވުމުގެ މުބާރާތުގައި ކޮންމެ ގޮތްޕަކުން އެއްވަނަ ޙާޞިލުކުރި ބައިވެރިންނާއި މުޅި މުބާރާތުން ދެގޮފިން ވަނަތައް ޙާޞިލުކުރި ބައިވެރިން އެއްވެސް އޮޑިޝަނަކާއި ނުލައި، ސީދާ މުބާރާތަށް ކޮލިފައިކުރެވޭނެ ކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ. އަދި ޓީމްތަކުން ބައިވެރިވާ ކުދިންނަށްވެސް އޮޑިޝަނެއް ނުބޭއްވޭނެ ކަމަށް ނޫރުލްއިސްލާމުން ބުނެއެވެ.
ނޫރުލްއިސްލާމުން ބުނީ ކީރިތި ޤުރްއާނާއި ބެހޭ މަރުކަޒުން ބާއްވާ ޤުރްއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ މުޤައްރަރާ އެއްގޮތަށް މުޤައްރަރު ކަނޑައަޅާފައިވާ، މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ފޯމާއި ޤަވާޢިދު ލިބެން ހުންނާނީ، ހިތަދޫ "ފެއަރ ޕްރައިސް" އާއި، މަރަދޫ "ކަރަމަތި" އާއި، ފޭދޫ "މޯރަލް ބުކްޝޮޕް" އަދި ހުޅުދޫ "ދޮހާފެށި" ފިހާރައިން ކަމަށާއި ފޯމެއްގެ އަގަކީ 5 ރުފިޔާ ކަމަށެވެ.
މުބާރާތުގައި ބައިވެރިވާ ފަރާތުގެ އައިޑީކާޑު ނުވަތަ އުފަންދުވަހުގެ ސެޓްފިކެޓްގެ ކޮޕީއަކާއެކު، މިމަހު 31 ވާ ބުރާސްފަތި ދުވަހުގެ ކުރިން ޖަމްޢިއްޔާގެ އިދާރާ، ހިތަދޫ ޖަންބުމާގެއަށް ނުވަތަ ފޯމް ނެންގެވި ތަނަށް ހުށަހަޅަން ޖެހޭނެ ކަމަށް ނޫރުލްއިސްލާމުން ހާމަކުރެއެވެ.
މުބާރާތުގައި ބައިވެރިވުމާއި، މުބާރާތަށް އިނާމް ހުށަހެޅުއްވުމާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ ނޫރުލްއިސްލާމްގެ ޤުރްއާން ކިޔެވުމުގެ މުބާރާތުގެ އިންތިޒާމް ކޮމިޓީގެ ނަންބަރު 7860104 ފޯނަށް ގުޅުއްވުމަށް ޖަމްޢިއްޔާއިން އެދެއެވެ. އަދި މިމުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު، ނޫރުލްއިސްލާމްގެ ވެބްސައިޓް www.noorul-islam.org އިން ލިބޭނެކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.
ނޫރުލްއިސްލާމްގެ ޤުރްއާން ކިޔެވުމުގެ މުބާރާތަކީ އެންމެ ފުޅާކޮށް އައްޑޫ ސިޓީގައި މިހާރު ބޭއްވެމުން އަންނަ ޤުރްއާން ކިޔެވުމުގެ މުބާރާތް ކަމަށް މަޢުލޫމާތު ލިބެއެވެ. މިމުބާރާތުގައި 1431 ވަނަ އަހަރު 265 ބައިވެރިން ކިޔަވާފައިވާއިރު، 1432 ވަނަ އަހަރު 300 އަށްވުރެ ގިނަ ކުދިން މުބާރާތުގައި ބައިވެރިވެފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *