"ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމުން 2010" ގެ ލިސްޓުގައި ދިވެހިރާއްޖޭގެ ރައީސް އަލްފާޟިލް މުޙައްމަދު ނަޝީދު އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ސްޓޭޓްމިނިސްޓަރ އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ހިމެނިވަޑައިގެންފިއެވެ.
ތަފާތުދާއިރާތަކުން ނުފޫޒުގަދަ ބޭފުޅުންގެ ނަންތައް ހިމަނާފައިވާ މިރިޕޯޓުގައި ތަރުތީބެއްނެތި ނަންތައް ގެނެސްފައިވާ ބައިގައި ރައީސް ނަޝީދުގެ ނަންފުޅު ހިމެނިފައިވަނީ ތިމާވެށީގެ ދާއިރާއިންނެވެ. އަދި މިނިސްޓަރ ޝަހީމް ހިމެނިވަޑައިގެންފައިވަނީ އެޑްމިނިސްޓްރޭޓިވް ދާއިރާއިން ނެވެ.
ތަރުތީބުގެ އެއްވަނައިގައި ވަނީ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލް ޢަޒީޒު އާލް ސުޢޫދު އެވެ. ދެވަނައިގައި ވަނީ ތުރުކީ ޖުމްހޫރިއްޔާގެ ބޮޑުވަޒީރު ރަޖަބް ޠައްޔިބް އެރްދޮޣާންއެވެ. ތިންވަނައިގައި ވަނީ އިރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ރޫޙީ ލީޑަރު އާޔަތުﷲ ޙައްޖު ސައްޔިދު ޢަލީ ޚާމަނާއީ އެވެ.
މިލިސްޓަކީ ތަރުތީބުކުރާ 50 ނަމާއި ވަކި ތަރުތީބެއްނެތި ބާކީ 450 ހިމަނައިގެން އުރުދުންގެ ރޯޔަލް އިސްލާމިކް ސްޓްރެޓިޖިކް ސްޓަޑީޒް ސެންޓަރ އިން އަހަރަކު އެއްފަހަރު ހޮވާ ލިސްޓެކެވެ. މިއީ ރޯޔަލް އާލުލްބައިތު އިންސްޓިޓިއުޓް ފޮރ އިސްލާމިކް ތޯޓްސްއަށް ނިސްބަތްވާ މިނިވަން ދިރާސާކުރާ ސެންޓަރެކެވެ.

















ޚިޔާލު