ރާއްޖޭގެ ޚަބަރުވިޔަފާރި

ވަތަނިއްޔާއިން "ޕްރިޕެއިޑް އޮބި ޕެކޭޖް" ތަޢާރަފްކޮށްފި

ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްއިން ތަޢާރަފްކުރި "ޕްރިޕެއިޑް އޮބި ޕެކޭޖް"ގެ ޕޯސްޓަރެއް

ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްއިން ތަޢާރަފްކުރި "ޕްރިޕެއިޑް އޮބި ޕެކޭޖް"ގެ ޕޯސްޓަރެއް

ވަތަނިއްޔާ ޓެލެކޮމް މޯލްޑިވްސްއިން "ޕްރިޕެއިޑް އޮބި ޕެކޭޖް"ގެ ނަމުގައި އާ ޕްރިޕެއިޑް ޕެކޭޖެއް އިއްޔެ ތަޢާރަފްކޮށްފިއެވެ.
އެޕެކޭޖް ތަޢާރަފްކުރުމަށް ނަސަންދުރަ ޕެލެސް ހޮޓެލްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަތަނިއްޔާގެ ކޮމާޝަލް ޑިރެކްޓަރ މުޙައްމަދު ރިފާޢު އިބްރާހީމް ވިދާޅުވީ އެޕެކޭޖަކީ ކަސްޓަމަރުންނަށް ވީހާވެސް ހެޔޮ އަގެއްގައި ޚިދުމަތް ދިނުމަށް އެކުންފުނިން ގެންގުޅޭ ސިޔާސަތުގެ ދަށުން ތަޢާރަފްކުރި ޕެކޭޖެއް ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް ބަލަނީ ވީހާވެސް ހެޔޮ އަގެއްގައި ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް. ޕްރިޕެއިޑަކީ އެންމެ ގިނަ ކަސްޓަމަރުން ބޭނުންކުރާ ޚިދުމަތަށްވެފައި އަޅުގަނޑުމެން ޤަބޫލުކުރަނީ މި އާޕެކޭޖްގެ ސަބަބުން ކަސްޓަމަރުން ފޯނުގެ ޚިދުމަރަށް ހޭދަކުރާ މިންވަރު ވަރަށް ބޮޑުތަން ކުޑަކުރެވޭނެ ކަމަށް. އަޅުގަނޑުމެން މިއަދު މިގެނައި ބަދަލުގެ ސަބަބުން އަޅުގަނޑުމެންގެ ޕްރިޕެއިޑްގެ ޚިދުމަތުގެ އަގު ގާތްގަނޑަކަށް 50 އިންސައްތަ ހެޔޮވެގެން މިދިޔައީ" ރިފާޢު ވިދާޅުވިއެވެ.
ވަތަނިއްޔާއިން ބުނީ އެޕެކޭޖްގައި ކޯލް ރޭޓްތައް ވަރަށް ބޮޑުތަން ކުޑަކޮށްފައިވާ ކަމަށެވެ. އެގޮތުން އޮފް ޕީކް ގަޑިތަކުގައި [ރޭގަނޑު 23:00 ން ހެނދުނު 07:59 ށް] މިނެޓަކު 49 ލާރިއަށް ގުޅޭނެ ކަމަށެވެ.
ޕީކް ގަޑިތަކުގައި [ހެނދުނު 08:00 ން ރޭގަނޑު 22:59 ށް] ޗާޖުކުރާނީ 89 ލާރިއެވެ. ރާއްޖޭގެ އެހެން ނެޓްވަރކްތަކަށް ދުވަހުގެ ކޮންމެ ގަޑިއެއްގައިވެސް ގުޅާލުމަށް ޗާޖުކުރާނީ މިނެޓަކަށް 99 ލާރިއެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގެ ކޮންމެ ވަގުތެއްގައި ރާއްޖޭގެ ކޮންމެ ނެޓްވަރކަކަށް ގުޅުމަށްވެސް ނަގާނީ މިނެޓަކަށް 69 ލާރިއެވެ.

އެޕެކޭޖްގައި ރާއްޖޭގެ ނެޓްވަރކްތަކަށް ކުރާ އެސްއެމްއެސްއަކަށް ނަގަނީ 20 ލާރިއެވެ. ބޭރުގެ ގައުމުތަކަށް ކުރާ އެސްއެމްއެސްއަކަށް ނަގަނީ 1 ރުފިޔާއެވެ.
ޕެކޭޖްގެ ކަނެކްޝަން ކިޓެއް 30 ރުފިޔާއަށް ވިއްކާއިރު 20 ރުފިޔާގެ ކްރެޑިޓް ހިލޭ ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
"ޕްރިޕެއިޑް އޮބި ޕެކޭޖް"ގެ ދަށުން ވަތަނިއްޔާއިން ތަޢާރަފްކުރި އަގުތަކަކީ ރާއްޖޭގެ މާކެޓްގައި ޚިދުމަތް ބޭނުންކުރުމުގެ އެންމެ ހެޔޮ އަގު ކަމަށް އެކުންފުނިން ބުނެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *