الحمد لله، والصلاة والسلام على رسول الله
أما بعد:
ލިބާހަކީ ނުވަތަ ފޭރާމަކީ ޢައުރަ ނިވާ ކުރުމަށާއި ޒީނަތެއްކަމުގައި ބޭނުން ކުރެވޭ އެއްޗެކެވެ. މާތް ﷲގެ ވަޙީބަސްފުޅު އައިސްފައިވަނީ މިފަދައިންނެވެ.
{{ يَا بَنِي آدَمَ قَدْ أَنْزَلْنَا عَلَيْكُمْ لِبَاسًا يُوَارِي سَوْآتِكُمْ وَرِيشًا وَلِبَاسُ التَّقْوَى ذَلِكَ خَيْرٌ ذَلِكَ مِنْ آيَاتِ اللَّهِ لَعَلَّهُمْ يَذَّكَّرُونَ }} الأعراف 26.
މާނައަކީ: ” އޭ އާދަމުގެ ދަރީންނޭވެ! ހަމަކަށަވަރުން ތިމަން އިލާހު ތިޔަބައިމީހުންނަށްޓަކައި ފޭރާން ލެއްވީމެއެވެ. އެއީ ތިޔަބައިމީހުން ތިޔަބައިމީހުންގެ އައުރަ ނިވާ ކުރުމަށްޓަކައެވެ. އަދި ޒީނަތެއް ކަމުގައެވެ. އަދި (ﷲ އަށް ބިރުވެތިވެ ކިޔަންތެރިކަން އަދާކުރުން) ތަޤުވާގެ ލިބާސް ހެޔޮވެގެން ވެއެވެ. މި ނިޢުމަތަކީ މާތް ﷲގެ އެއްކައުވަންތަކާއި ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ވާ ކަމެކެވެ. އެއީ އަޅުތަކުން އެކަން ހަނދުމަކޮށް ޝުކުރުވެރި ވުމަށްޓަކައެވެ.”
ބޮލުގައި އެއްޗިހި އެޅުމާއި މެދުގައި ކީރިތި ޤުރްއާނާއި މޫރިތި ސުންނަތުގައި ވަކި ޚާއްޞަ ޙުކުމެއް ބާވައިލެވިފައެއް ނުވެއެވެ. ނަމަވެސް އިތުރު އެކަލޭގެފާނާއި އެކަލޭގެފާނުންގެ އަޞްޙާބުން އެބޭކަލުންގެ އިސްތަށިފުޅުގައި އެއްޗިހިއަޅުއްވައި އާންމުކޮށް ނިވާކުރެއްވިކަން ސާބިތުވެއެވެ. އަރަބިންނަކީ ބޮލު އިސްތަށިގަނޑު ނިވާކޮށްގެން އުޅުނު ބައެކެވެ. އެގޮތުން އެޒަމާނުގައި އަރަބިން ބޭނުންކޮށް އުޅުނީ ފަގުޑިއެވެ. މިޒަމާނުގައިވެސް ބައެއް ޢަރަބިންނާއި ބައެއް އިސްލާމީ ގައުމުތަކުގައި ފަގުޑި އެޅުމުގެ އާދަ އެބަ އޮތެވެ. އަނެއްބައި ޢަރަބިންނާއި ގިނަ މުސްލިމުން ބޭނުން ކުރަނީ ތާކިހަލާއި ޣުތްރާ ނުވަތަ ރުމާލެވެ.
ފަގުޑި އާއި ތާކިހަލާއި އަދި ރުމާ ފަދަ ވަކި އެއްޗެއް ނަމާދުގައިވެސް އަދި ނަމާދުން ބޭރުގައިވެސް އަޅާކަށް ނުވަތަ ނާޅާކަށް، އިޙުރާމުގެ ހާލަތުގައި ފިރިހެނުންގެ ބޮލު އިސްތަށިގަނޑު ނިވާކުރުން މަނާ ކުރެއްވުން ފިޔަވައި އަންގަވާފައެއް ނުވެއެވެ. އެހެންކަމުން އިސްލާމްދީނުގެ އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވެއެވެ. ބައެއް ބޭފުޅުން ބޮލުގައި އެއްޗިހި އެޅުމަކީ މުސްތަޙައްބު ކަމެއް ކަމުގައި ދެކެވަޑައި ގަންނަވާ އިރު އަނެއްބައި ބޭފުޅުން ވިދާޅުވަނީ އެއީ އާދަކާދައެއް ކަމުގައެވެ. ވީމައި އޭގެ ހުކުމް ޒަމާނާއި ވަގުތާއި މުޖުތަމާ ތަކުގައި ތަފާތުވާނެ ކަމުގައެވެ.
މީހުންގެ އާދަކާދައާއި ދީނާއި ހުރި ގުޅުމާއި މެދުގައި ވާހަކަފުޅު ދައްކަވަމުން އުންމަތުގެ މަޝްހޫރު ޢިލްމުވެރި އިމާމެއްކަމުގައިވާ الشاطبي رحمه الله އެބޭފުޅާގެ “الموافقات” ގައި މި މައްސަލަ ދެ ބަޔަކަށް ބައްސަވާފައިވެއެވެ.
ފުރަތަމަ ބައެއްކަމުގައި ވިދާޅުވެފައިވަނީ: ކަމެއް ރަނގަޅު ނުވަތަ ނުބައި ވުމާއި މެދުގައި ޝަރުޢީ ދަލީލެއް އައިސްފައިވާ ކަންތަކެވެ. އެފަދަ ކަމެއްގައި ކަނޑައެޅިގެން އިތުބާރު ކުރެވޭނީ ޝަރީއަތަށެވެ. (ވާރިދުވެފައިވާ ހުކުމަށެވެ.) މީހުންގެ އާދަކާދައަކަށް އިތުބާރެއް ނުކުރެވޭނެއެވެ. މިސާލަކަށް ޢައުރަ ކަޝްފު ކުރުމަކީ ހުތުރު އަދި ނުބައި ކަމެއް ކަމުގައި ކަނޑައަޅުއްވައި ޝަރީޢަތުގައި އެކަން ނަހީކުރެއްވިފައި ވެއެވެ. އެއާއި ޚިލާފަށް ބަޔަކު އުޅެފި ނަމަ އެއީ އިތުރުބާރު ހުރި ގޮތެއް ކަމުގައި ނުބެލެވޭނެއެވެ.
ދެވަނަ ބަޔާއިމެދުގައި ވިދާޅުވެފައިވަނީ: އެއީ މީހުނަށް އާދަވެފައިވާ ކަމަކާއި މެދުގައި އެކަން ކުރުމާއި ނުކުރުމުގެ މައްޗަށް ޝަރުޢީ އެއްވެސް ދަލީލެއް ވާރިދު ވެފައި ނުވާ ކަންތަކެވެ. އެބާވަތުގެ ކަންތައް ވަނީ ދެބަޔަކަށެވެ. އެއް ވައްތަރަކީ ބަދަލު ނުވާ ކަންކަމެވެ. އެއީ ކެއުމާއި ބުއިމުގެ ބޭނުންތައް ފަދަ ކަންކަމެވެ. އަނެއް ވައްތަރަކީ ރަނގަޅު ކަމެއް ކަމަށް ނުވަތަ ގޯސް ކަމެއް ކަމުގައި އެކި މުޖްތަމާތަކުގައި ތަފާތުކޮށް ދެކެވޭ ކަންކަމެވެ. އޭގެ މިސާލެއްކަމުގައި الشاطبي ވިދާޅުވެފައިވަނީ މިސާލަކަށް ބޮލު އެއްޗިހި އެޅުމެވެ. ބޮލު އެއްޗިހި އެޅުމާއި ނޭޅުމަކީ އެދެވޭ ނުވަތަ ނޭދެވޭ ކަމެއް ކަމުގައި ބެލެވޭނީ އެމީހަކު ދިރިއުޅޭ ތަނުގެ ގޮތުންނެވެ. އިރުމަތީ (އަރަބި) ގައުމުތަކުގައި މުރޫއަތުގެ އަހުލުވެރިންނަށް ބޮލު އެއްޗިހި ނޭޅުމަކީ ހުތުރު ކަމެކެވެ. އަދި މަޣްރިބްގެ ގައުމު ތަކުގައި ބޮލު އެއްޗިހި ނޭޅުމަކީ މުރޫއަތާއި ޚިލާފު ކަމެއް ނޫނެވެ. މިފަދަ ކަންތަކުގައި ޝަރުޢީ ހުކުމް އެކި ތަންތަނުގައި ތަފާތުވާނެއެވެ.” [الموافقات، 2، 284 ].
ވީމައި ބޮލު އެއްޗިހި އެޅުމަކީ ޒީނަތެއް ކަމުގައި އަދި ރިވެތި ކަމެއް ކަމުގައި އަދި އެއާއި ޚިލާފު ވުމަކީ ހުތުރު ކަމެއް ކަމުގައި ދެކެވޭ ތަނެއްގައި ނަމަ ބޮލު އެއްޗިހި އެޅުން އެދެވިގެން ވެއެވެ. ވަކިން ޚާއްސަކޮށް ނަމާދު ގައެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. {{يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ…}} الأعراف 31. “އޭ އާދަމުގެ ދަރީންނޭވެ! ކޮންމެ މިސްކިތަކަށް ދާ އިރު ތިޔަބައިމީހުންގެ ޒީނަތުގައި ހިފާށެވެ!”
ދިވެހި ރާއްޖޭގައި އާދަވެގެން އަބަދު ބޮލު އެއްޗިހި އަޅައިގެން އުޅުމަކީ ދިވެހިންގެ އާދައެއް ނޫނެވެ. ވީމައި ރާއްޖޭގައި ބޮލު އެއްޗިހި ނާޅައި އުޅުމަކީ މުރޫވަތާއި ޚިލާފު ކަމެއް ނޫނެވެ. އެގޮތަށް މިސްކިތަކަށް އެރުމަކީވެސް ޒީނަތާއި ޚިލާފު ކަމެއް ނޫނެވެ. އެހެނީ ބޮލު އެއްޗިހި އެޅުމަކީ ޒީނަތެއް ކަމުގައި އަޅުގަނޑުމެންގެ މުޖްތަމާގައި ނުދެކޭތީއެވެ. އެކަމަކު މިސްކިތަށް އަރާ އިރުގައި އެއީ ރަނގަޅު ކަމެއް ކަމުގައި ދެކެވެއެވެ. ވީމައި މިސްކިތަށް އަރާ އިރު ޒީނަތެއްގެ ގޮތުން ބޮލު އެއްޗިހި އެޅުމަކީ ރަނގަޅު ކަމެކެވެ.
ނަމަވެސް ވަރަށް ގިނަ އިސްލާމީ މުޖްތަމާ ތަކުގައި ދެކެވޭ ފަދައިން ޒީނަތްތެރި ކަމަކާއި ނުލައި ނަމާދަށްޓަކައި ހަމައެކަނި ބޯ ނިވާކޮށްލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި ދެކިގެން ބޮލު އެއްޗިހި އެޅުމަކީ ކަނޑައެޅިގެން ނުބައި ވިސްނުމެކެވެ. ސުންނަތާއި ޚިލާފު ކަމެކެވެ. ބައެއް ތަންތަނުގައި ބޮލު އަޅާ އެއްޗިހި މިސްކިތުގައި ބެހެއްޓިފައި ހުންނަނީ މި ނުބައި ހީކުރުމުގެ ދަށުންނެވެ. މީގެ ފަނަރަ ވަރަކަށް އަހަރު ކުރީގައި ރާއްޖޭގައިވެސް މިގޮތަށް ކަން ކުރެވިފައިވެއެވެ. އެއީ ރަނގަޅު ގޮތެއް ނޫނެވެ. އެފަދަ ބޮލުއަޅާ އެއްޗިހި ކިތަންމެ ދާވެ، ކިލާވެފައި ވީނަމަވެސް އެފަދަ މީހުން ނަމާދު ކުރަނީ އަޅައިގެންނެވެ. ﷲގެ ގެކޮޅަށް ގޮސް މުސްލިމުންނާއި އެއްސަފުގައި އެކަލާނގެ ހަޟުރަތަށް ހުއްޓޭ އިރުގައި ދާވެ، ވަސްނުބައިވެފައިވާ އެއްޗެއް ބޮލުގައި އޮތުމަކީ އިސްވެދިޔަ އާޔަތުގައި އެކަލާނގެ ކުރައްވާފައިވާ ޒީނަތްތެރިކަމުގައި ހިފުމާއި ދިމާ އިދިކޮޅު ކަމެކެވެ.
ބޮލު އެއްޗިހި އެޅުމަކީ ޒީނަތެއްކަމުގައި ނުދެކެވޭ މުޖްތަމަޢެއްގައި ދާއިމުކޮށް ނުވަތަ ބައެއް ފަހަރު ބޮލު އެއްޗިހި އެޅުމަކީ އެއީ ރަނގަޅު ކަމެކޭ ނުވަތަ ނުބައި ކަމެކޭ ނުބުނެވޭނެއެވެ. ނަމަވެސް އެއީ މުސްލިމުންގެ އާދަކާދައެކެވެ. އެއީ ހުއްދަ އަދި މުބާޙު ކަމެކެވެ.
والله أعلم، وصلى الله على محمد وآله وسلم

















ޚިޔާލު