ސުޕްރީމްކޯޓުގެ އިދާރީ ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތުތަކާއި، ސުޕްރީމްކޯޓުގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިންގެވުން 4 ބޭފުޅަކާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޤަރާރެއްގެ ދަށުން ހަވާލުކުރިތާ އެއް ދުވަސް ނުވަނީސް އެންމެން އިސްތިއުފާދީފިއެވެ.
ހަބަރު ލިބޭގޮތުގައި އެބޭފުޅުން އިސްތިއުފާ ދެއްވާފައިވާ ގިނަ ބޭފުޅުންގެ ޝަކުވާއަކީ "ރައީސް އޮފީހުން އެބޭފުޅުންނާއި ހަވާލުކުރެއްވި މަސްއޫލިއްޔަތު ނޫން އެހެންކަމެއް ކުރުމަށް ޤަރާރު ނެރެފައިވާ ކަމަށާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެދިވަޑައިގަތީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، 'ގައުމީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާދިނުމަށް އުފައްދަވާ ވަގުތީ ކޮމޝަނެއްގައި ބައިވެރިވެވިދާނެތޯ' ކަމަށާއި، ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ޤަރާރުގައިވަނީ މުޅިން އެހެން ވާހަކަތަކެއްކަމަށް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.
ރައީސް ނެރުއްވި ގަރާރުގައިވަނީ، "ސުޕްރީމްކޯޓު ޤާއިމްކުރެވެންދެން ސުޕްރީމްކޯޓުގެ އިދާރީ ހިންގުމުގެ އެންމެހައި މަސްއޫލިއްޔަތުތަކާއި، ސުޕްރީމްކޯޓުގެ ދަށުން ހިނގަމުން އަންނަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިންގެވުން" ހަވާލުކުރައްވާ ވާހަކައެވެ. ނަމަވެސް އެގޮތަށް މަސައްކަތް ކުރަން އުނދަގޫކަމަށް މިބޭފުޅުންވިދާޅުވެ ދުވަހުން ދުވަހަށް ވަނީ އިސްތިއުފާގެ ސިޓީ ރައީސަށް ފޮނުވާފައެވެ. އިސްތިއުފާދިންކަން ރައީސް އޮފީހުންވެސް ވަނީ މީޑިއާއަށް ކަށަވަރު ކޮށްދީފައެވެ.
ވަގުތީ ގޮތުން ސުޕްރީމްކޯޓާއި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގެވުން ހަވާލު ކުރެއްވީ މ.ގުލްފާމްގޭ އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނާއި، ބ. އޭދަފުށީ ކެލާ އައްޝައިޚު ފައްޔާޒް ޢަލިމަނިކާއި، މއ. ބްލޫގްރާސް އަލްއުސްތާޛު އަޙްމަދު މުރާދާއި، ހދ.ކުޅުދުއްފުށީ ފިނިފެންޖަންބުގޭ އަލްއުސްތާޛު މުޙަންމަދު އިބްރާހީމެވެ.

















ޚިޔާލު