ރާއްޖޭގެ ޚަބަރު

ލަކުމް ދީނުކުމް ވަލިޔަދީން .. ދެން އެ ނިމުނީ ހެއްޔެވެ؟

އަހަރެންނަކީ މާ ތަޤުވާވެރި މާ ދީންވެރި މީހެކޭ ބުނެ ދައުވާއެއް ނުކުރަމެވެ. އެހެން ނަމަވެސް އަހަރެން ތިބޭފުޅާގެ މަންމަޔާ ބެހޭގޮތުން އަދަބު ކުޑަ އެއްޗެއް ބުނެފިނަމަ ތިބޭފުޅާ އަހަރެން ގައިގަ ރުޅިއައިސްގެން ޖަހާފާނެއެވެ. ނުވަތަ ރުޅިއައިސް ހަޅޭއްލައްވާ ޒުވާބުވެސް ކޮށްފާނެއެވެ. އެހެންނަމަވެސް އަހަރެންމިތާ ބުނަންމިއުޅެނީ ތިބޭފުޅާ އަހަރެންގެ މަންމަޔާ ބެހޭގޮތުން ހައްޤުނޫން އެއްޗެއްބުނި ވާހަކައެއްނޫނެވެ. އަދި ކިޔެއް، ތިބޭފުޅާ އެޔައްވުރެ ބަދުބަހެއް އަހަރުމެންގެ ދީނާ ބެހޭގޮތުން  ބުނެފިއެވެ .  އާނއެކެވެ.. ތިޔަ ހީކުރީ ހަމަ ރަނގަޅަށެވެ. ތިބޭފުޅާ އަހަރެމެންގެ ތެރޭގައި ހުރެގެން އަހަރެމެންނާ އަދި ތިބޭފުޅާވެސް ތިޔަ ނިސްބަތްވެގެން އުޅޭ ދީނަށް ހައްޤުނޫން ބަސްބުނާނަމަ އަހަރުމެންނަށް އޭގެ ރައްދު ދިނުން ހައްގުވެގެން ނުވާކަމުގައި ބުނަނީނަމަ ތިބޭފުޅާ އެކޭ ބުއްދިހަމަނުޖެހޭ ކުޑަކުއްޖެކޭ އެއްގޮތެއްނޫންހެއްޔެވެ؟

އަހަރެން އެއްދުވަހު އޮފީސްތެރޭގައި އިންދާ ތިބޭފުޅާ ބުނާތީ އަޑުއިވެއެވެ. " ރޯދަ ވިއްޔާ ރޯދައެވެ . އޮފީސް ވިއްޔާ އޮފީހެވެ. ކޮންމެސްވެސް އެއްކަމެއް ކުރެވޭނީ " އަހަރެން ތިބޭފުޅާއަށް ޖަވާބެއްވަރަށް ދޭހިތްވިއެވެ. އެހެންނަމަވެސް އެހާ ފިނޑިކަމެއް އެވަގުތު ކުރުމަކީ އަހަރެން އެހާ ކުރާ ހިއްވާކަމެއް ނޫންކަމުން އަހަރެން އަޅާނުލީއެވެ. އެއްވެސް ހާލެއްގައި އަހަރެން އެކަން ބޮލުން ނައްޓާލީކީނޫނެވެ. މަތީގައި އިސްވެދިޔަ އިބާރާތުގެ ޖަވާބުގައިބުނަމެވެ. ކާނާއަކީ އޭގެ ޒާތުގައި އިންޖީނަކަށް ތެޔޮއަޅާ އުސޫލުން އިންސާނުންގެ ހަށިގަނޑައް ބާރުފޯރުވައިދޭ ވަސީލަތެކެވެ. މިކަންމިހެން އޮތްއިރު އަހަރެން ބޯނީ ހުސްފެނޭ ކާއެއްޗެއްސެއްނުކެވޭނެއޭ .. ކޮންމެސް އެއްކަމެކޭ ކުރާނީ ތިބޭފުޅާނުބުނީ ކީއްވެގެންހެއްޔެވެ. އެހެން ބުނެފިނަމަ މޮޔައެއްކަމަށް މީހުން ބުނެފާނެތީ، އެހެން ނުބުނަން ހުރިނަމަ އަޑުއަހާށެވެ. މަތީގައި އިސްވެދިޔަ އިބާރާތައްވުރެ ވަކި މޮޔަ އިބާރާތެއް އެބައޮތްހެއްޔެވެ. އޮފީހަކާ ދީނާ އަޅާ ކީއިރު، އާޅާ ތިކިއުނީ ތިމާ ދިރިއުޅެންޖެހޭ ނިޒާމާ އެނިޒާމުގެ ދަށުގައި ތިމާ އުޅުމައްޓަކައި ކުރަން އޮތް މަސައްކަތާކަން ރޭކާނުލިތާނގަ އެބަހުގެހުރި ނުރައްކާތެރިކަން ނޭގުނީތީ އަހަރެން ހަމަ އަޖައިބު ވެއްޖެއެވެ.

މައްސަލައެއްނެތެވެ. އަނެއްކާވެސް އެހެން އިބާރާތެއް ތިބޭފުޅާ ބުނާތީ އަހަރެން އަޑުއެހީމެވެ. " އެވެނި މީހަކާ ހެދި އަހަރެން ދީން މަތިން ފޫހިވެއްޖެއެވެ." އިސްލާމްދީން ބާވައިލެއްވުނީ އެބުނާ މީހަކަށްބާވައެވެ؟ އެހެންކަމަށްނުވާނަމަ އޭނަ ބުނާއެއްޗަކަށް ބަލައިގެން ނުވަތަ އޭނަ އުޅޭ ގޮތަކަށް ބަލައިގެން އިސްލާމްދީނަށް ހުކުމްކުރުން އެއީ ސިކުނޑީގަ ނުކުޅެދުންތެރިކަމެއްހުރިމީހަކު ނޫނީ ނުވަތަ ކަންކަމުގެ ހަގީގަތް ގަބޫލު ކުރަންބޭނުންވާ ޖާހިލަކު ނޫނީ ނުބުނާނެ އެއްޗެކެވެ. މިހިސާބަށް އާދެވުމުން ތިބޭފުޅާ އަހަރެން ސުވާލެއްކޮށްލަން ބޭނުންވެއެވެ. މީހަކާހުރެ ދީން މަތިން ފޫހިވެޔޭ ބުނާނަމަ ، ބަޔެއް އަނބިންނަކީ އެމީހުންގެ ފިރިންއެއީ އަޅުންކަމަށް ދެކިގެން އުޅޭފާޑުގެ އަންހެނުންނެވެ. އެފަދަ އަންހެނުންނާ ހުރެ އަމިއްލަ އަނބިމީހާ މަތިން ފޫހިނުވީކީއްވެހެއްޔެވެ. ހަޖަމު ނުވެއްޖެނަމަ ވަރަށް ބޮޑަށްމާފަށްއެދެމެވެ. އެހެންނަމަވެސް ހަގީގަތް ހާމަކުރަން ބޭނުންވާތީ މިސާލެއް ބުނެލީއެވެ.

އަދިވެސް ބުނާތީ އަޑުއެހީމެވެ. އެވެނި މީހަކު އެދެން ތަންކޮޅެއް ބޮޑުވަރެވެ. ފަސްވަގުތު ނަމާދުކޮށް މީހަކު ރަސޫލު ﷲ ސައްލައްﷲ ޢަލަހި ވަސައްލަމަގެ މަގަށް ނުވަތަ ސުންނަތައް އުޅެން މަސައްކަތްކުރުމަކީ " ތަންކޮޅެއް ބޮޑުވަރު" ކަމުގަވާނަމަ ދެން ތިބުނާ ބޮޑުނޫންވަރަކީ ކޮބާ ކަން މިކަން ބުނެދީބަލާށެވެ. ތިމާގައިގަ ހުރި ހަޑި ފިލުވައިފަ ނޫނީ އިނގިލި ދިންނުކުރާށޭ މުސްކުޅިވެރިން ބުނާބަހެއްގަ އޮވޭނޫންހެއްޔެވެ. އެއްލައްކަރުފިޔާ އަހަރެން ތިބޭފުޅާއަށްދޭނަމޭބުނެ ކުރިމަތީ ބަހައްޓާ މަސައްކަތެއް ހަވާލުކޮށްފިނަމަ ތިބޭފުޅާ އެމަސައްކަތްކުރާނީ ކުރާ ހިތުންހެއްޔެވެ. ނުވަތަ މަސައްކަތް މުޅިންފުރިހަމަނުކޮށް  ހުންނާނީހެއްޔެވެ. ފަހަރުގައި ތިބޭފުޅާގެ ސިކުނޑީގައި އެކަންކުރާނެ މޮޅު އެހެންގޮތެއް އޮވެދާނެ އެވެ. ނަމަވެސް ހަމަ ބުއްދި ހުރި އިންސާނަކު މިދެންނެވި ކަންތަކާ ދެކޮޅު ހަދާނެ ހެނެއްހިޔެއްނުވެއެވެ. ހަމަ އެގޮތަށް ތިބުނާ ބޮޑުވަރުގަ އުޅޭމީހާ ދީނަށް ފުރިހަމައަށް ތަބާވެގެން އުޅުމަކީ އޭނާ އެ އެދޭކަމެއް އެންމެ ފުރިހަމަ ގޮތުގައި ހާސިލްކުރުމަށް އުޅޭ އުޅުމެއްނޫންހެއްޔެވެ. ދެން އެކަން ބޮޑުކަމަކަށްވެގެން ތިބޭފުޅާގެއުޅުމުގެ ބޭނުމެއްނެތެވެ.
އަނެއްކާވެސް މިޖެހުނީ އަނެއްވާހަކައެއް ދައްކާށެވެ. " ސިގިރޭޓަކީ އޭގެން ވަރަށް ފައިދާ ކުރާ އެއްޗެކޭ ..އޭގެއިން މައިންޑް ރިފްރެޝް ކޮއްދެއޭ" ތިބޭފުޅާ ބުނީމެއްނޫންހެއްޔެވެ. ސިގިރޭޓާބެހޭ ގޮތުން އަހަރެން ފަތުވާއެއް ނެރޭކަށް އެއްވެސްހާލަތެއްގައި ނޫޅެމެވެ. އެކަންކުރާނީ އެކަމުގެ މަސްއޫލުވެރި ފަރާތުންނެވެ. އެހެންނަމަވެސް ރަލާ އޫރުމަހާ، މިއެއްޗިއްސަކީވެސް އޭގެޒާތުގަ ފައިދާއެއްވާ އެއްޗިއްސެވެ. އެހެންނަމަވެސް އޭގެ ފައިދާއަށްވުރެ ލިބޭ ގެއްލުމާ ހަލާކުގެ ބޮޑުކަމުން އެފަދަ އެއްޗެހި ބޭނުންކުރުން ވަނީ މަނާކުރެވިގެންނެވެ. ސިނގިރޭޓާ މިފަދަ އެއްޗެއްސާ އަޅާ ކިޔަނީއެއްނޫނެވެ. އެހެން ނަމަވެސް ވިސްނާލުމައްޓަކާ މިސާލެއްބުނެލީއެވެ.

ލިޔުންމިހިސާބަށްދިޔަ އިރު އަދިވެސް ސުރުޚީގައިވާ ސުވާލުގެ ޖަވާބު އަހަރެންނަށް ނުދެވޭތީ ވަރަށްބޮޑަށް މާފަށްއެދެމެވެ. ޖަވާބުގައި ބުނެލަން އޮތީ އަދި ނުނިމެއެވެ. ސަބަބަކީ ތިބޭފުޅާއަށް ތިބޭފުޅާގެ ދީނޭ ..އަހަރެންނަށް އަހަރެންގެ ދީނޭ ބުނެފަ ހަމަ އެކަމަށް ފާޑު ކިޔަނީވެސް ތިބޭފުޅާއަށެވެ. އެހެންކަމުން ކާފަރެއްގެ ފަރާތުންވިޔަސް މުސްލިމެއްގެ ފަރާތުންވިޔަސް އިސްލާމްދީނަށް ރައްދުކުރެވޭ މިފަދަ ބަސްބަހަށް ރައްދެއްދިނުމަކީ ކޮންމެ މުސްލިމަކު ކުރަންޖެހޭނެކަމެއްކަމުގައި އަހަރެންދެކެމެވެ. ދެކޮޅު ބެލެންސްވާފަދަ ގޮތަކަށް ކަންތައްކުރަންވާނެ ނޫންހެއްޔެވެ. ތިބޭފުޅާ ތިބެހެނީ އަހަރެންގެ ދިރި އުޅުމުގެ ނިޒާމާއެވެ. އެހެން ވެއްޖެނަމަ އަހަރެންނަށްވެސް ތިބޭފުޅާއަށް ރައްދުދިނުމުގެ ފުރިހަމަ އިޚްތިޔާރު މިބުނާ ޑިމޮކްރަސީއެއްގެ ދަށުންވެސް ލިބިގެންވާކަމަށް އަހަންނަށްފެނެއެވެ. އަހަރެން ތިބޭފުޅާއަށް ދޭންބޭނުންވާ ނަސޭހަތަކީ ތިގޮތްދޫކޮށް އިސްލާހު ވުމަށެވެ. އަދި ތިފަދަ ބަސްބަސް ނުބުނުމަށެވެ. އެހެންނޫނިއްޔާމުން ތި ފޭހޭ އިލޮށި ފަހުން ހެރޭނީ ހަމަ އަމިއްލަ ލޮލަށެވެ. ﷲ ސުބުޙާނަހޫ ވަތައާލާ ތިބޭފުޅާއަށް ހެޔޮ ރަހުމަތް ލައްވާށި

ގުޅުންހުރި

9 ޚިޔާލު

  1. މާޝާﷲ! ވަރައް ރަނގަޅުވާހަކަކޮޅެއް! ޖަޒާކަﷲ!

  2. ވަރަށް ފުރިހަމަ ލިޔުމެއް މިއީ!

  3. ށަރީފް މޮޔަ ނުގޮވާށެވެ. ސަރީފުމެންވެސް އަހަރެމެންގެ އަގީދާ އާއި ބެހޭނަމަ އަހަރެމެންވެސް ސަރީފުމެންގެ އަގީދާ އާއި ބެހޭނަމެވެ. ހިތްވަރެް ހުރިއްޔާ މިކޮމެންޓް ޖަހާބަލާށެވެ.

  4. ތިބުނާ އަގީދާސާފުކޮއް ބުނެދީފާނަންތޯ …ކަރިމްގެ އަގީދާއާ މިލިޔުމެއް ބެހުނު ކަމެށް އޅުގަނޑަކަށް ނޭގޭ…………ތިގޮވަނީމޮޔަނޫން ދެންއެހެން ކޮންއްޗްއްތޯއެވެ..

  5. އާޔަތް އަރަބި އަކުރުން ލިޔުނުނަމަ ވަރަށް ފުރިހަމަ ވީސް

  6. ތިބުނާ މާތް މަތިވެރި އަޤީދާ މަތީގައި ލިޔެވިފައި އެވަނީ ދޯ!
    ތިބާ މި ދީނަށް ފުރައްސާރަކުރަނީ، މިދުނިޔޭގައި މި ދީނުގެ ސަބަބުން ތިބާއަށް އުނިވާ އެއްޗެއް އޮތީހެއްޔެވެ؟

  7. ކަރިމްގެ ތިޔަ ބުނާ ފުރިހަމަ އަގީދާ އަކީ ކޮބައިކަން ނިކަން އަހަރެންނައް ބުނެލަދީބަލާށެ!

  8. ކަރިމްގެ ފާޑު ކިޔުން ތަކަށް މަރުހަބާ ކިޔާ ވާހަކަ އަޅުގަނޑު ދަންނަވަމެވެ. އަދި އެޔާ އެކު އަދި އަލުން ލިޔުން ފަހުުމު ވަންދެން ކިޔުއްވުން އެދެމެވެ. ސަބަބަކީ ލިޔުމުގެ މައިގަނޑު މައްސަލަ އަކީ އަޅުގަނޑުމެން މުސްލިމުންގެ ތެރޭގައި ހުރި ނޭދެވޭ ވާހަކަ ތަކެވެ. އަޅުގަނޑަށް ތިވިދާޅުވާ އަޤީދާ ސާފު ކޮއްދެއްވައި ފާނަންތޯ އެވެ؟ ކޮމެންޓް އެޔޮތީ ކެރިގެން ޖަހާފަ އެވެ. ނިކަން ކެރެންޏާ ސާފު ކޮށް ވިދާޅުވެ ދެއްވާށެވެ. އަޅުގަނޑުގެ ނަމަކީ ޝައުން، ބައްޕަގެ ނަމަކީ ޝަރީފް …

  9. މި ލިޔުމުގައި މާގިނައިން ތިބޭފުޅާ ބޭނުންކޮށްފައިވުމުން ލިޔުމުގައި އަޅައިގަންނަގޮތެއް އެބަހުއްޓެވެ. އެބަހީ ސްމޫތުކަމެއްނެތެވެ.

Your email address will not be published. Required fields are marked *