ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތް މިއަދު ފަށައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ ވާރޗުއަލްކޮށް ބާއްވާ މުބާރާތުގެ ފުރަތަމަ ބުރު އޮންނާނީ މިއަދުން ފެށިގެން މި މަހުގެ 28ވަނަ ދުވަހުގެ ގެ ނިޔަލަށް ކަމަށެވެ. ފައިނަލް ބުރު ކުރިއަށް ދާނީ އަންނަ މަހުގެ 13ވަނަ ދުވަހުން17 ވަނަ ދުވަހާއި ހަމައަށެވެ..
މި މުބާރާތުގައި ބައިވެރިވެވޭނީ އެ މިނިސްޓްރީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވެގެންނެވެ. އެއަށްފަހު އޮޑިޝަން ބުރަށް ހުށަހަޅާ ވީޑިއޯގެ މަންޒަރާއި ކިޔެވުމުގެ އަޑު ސާފުވާންޖެހޭނެ ކަމަށާއި އެހެން ނޫނީ އެ ކިޔެވުމެއް ޑިސްކޮލިފައި ކުރާނެ ކަމަށް އުސޫލުގައިވެ އެވެ.
8 އުމުރުފުރައަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވެވޭނީ މުބާރާތުގައި ހިމެނޭ ދެ ކެޓަގަރީގެ ތެރެއިން ކޮންމެވެސް އެއް ކެޓަގަރީއެއްގައެވެ. އެއީ ދިގު ރާގަށް ކިޔެވުމާއި ކުރު ރާގަށް ކިޔެވުމުގެ ކެޓަގަރީ އެވެ.
ކިޔަވާ ބައިގެ ދިގުމިން 10 ފޮޅުވަތަށް ވުރެ ދިގުވާން ޖެހޭނެކަމަށް މިކަމާއި ގުޅިގެން އެކުލަވައިލައިފައިވާ އުސޫލުގައިވެއެވެ.
ޤުރުއާން މުބާރާތުގެ ފައިނަލް ބުރަށް ހޮވާނީ 80 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ ބައިވެރިންނެވެ. ފައިނަލް ބުރަށް ހޮވާނީ ކޮންމެ އުމުރުފުރާއަކުން ވެސް ދެ ޖިންސު ވަކިން އަދި ކޮންމެ ކެޓަގަރީއަކުން މަތިން މާކްސް ހޯދާފައިވާ ބައިވެރިންގެ ތެރެއިން 25 ބައިވެރިންނެވެ..
މި މުބާރާތް އިފްތިތާޙް ކުރުމަށް އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ޤުރުއާން މުބާރާތް ވާރޗުއަލްކޮށް ބޭއްވުމުން، ކޮވިޑް-19 ކުރިމަތިވެފައިވާ މި ޙާލަތުގައި ރާއްޖޭގެ ގިނަ ބަޔަކަށް ބައިވެރިވުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.
ޤުރުއާނަށް ލޯބިކުރާ، އޭގައި އަންގާފައިވާ ގޮތަށް ޢަމަލުތައް ބައްޓަންކޮށް އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ގޮވާލައިލެއްވިއެވެ.
ސަރުކާރުން މަސައްކަތްކުރަނީ ދިވެހި ޅަދަރީން ތަރުބިއްޔަތުކުރުމުގައި ވެސް ދީނީ ކަންކަމަށް އަހުލުވެރިކޮށް ދީން ދެކެ ލޯބިވާ ބަޔަކަށް ހެދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

















ޚިޔާލު