ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު) ގެ ތިންވަނަ ސައިކަލްގައި މިރޭ އޮންނަ ދިވެހިރާއްޖޭގެ ރިވިއު ސެޝަންގައި ރާއްޖޭގެ އިސްލާމްދީނުގެ އަސްލަކާއި އަދި ޤާނޫނު އަސާސީއާއި ޚިލާފުވާ އެއްވެސް ހުށައެޅުމެއް ބަލައިނުގަންނާނެ ކަމަށް ރާއްޖެއިން ބުނެފިއެވެ.
އދ. ގެ މެންބަރު ޤައުމުތަކުން އިންސާނީ ހައްޤުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ހައްޤުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަތުމަށް ބާއްވާ ޔޫޕީއާރް ސެޝަން އޮންނާނީ މިއަދު ރާއްޖެ ގަޑިން 18:30 ގައި، ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުގައެވެ.
މިއަދުގެ ސެޝަންގައި، ރާއްޖެއިން ވޭތުވެދިޔަ ހަތަރު އަހަރާއި ބައިގެ ތެރޭގައި އިންސާނީ ހައްޤުތައް ރައްކާތެރި ކުރުމަށާއި ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް ރިވިއުކުރާނެއެވެ.
ރާއްޖެއިން މިއަދުގެ ސެޝަންއަށް ތިނެއް ފެބުރުއަރީ 2020 ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތާއި، މަދަނީ ޖަމާއަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑާ ރިޕޯޓުތަކާއި، އދ. ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ރާއްޖެއާ ގުޅޭގޮތުން ޤައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުސަތު ލިބިގެންދާނެ އެވެ.
އެގޮތުން، ރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ޤައުމަކުން އެދިފައިވެއެވެ. ނަމަވެސް، އެޤައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަންތަކުގެ ތެރެއިން ދިވެހިރާއްޖޭގެ އިސްލާމްދީނުގެ އަސްލަކާއި އަދި ރާއްޖޭގެ ޤާނޫނު އަސާސީއާއި ހިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ދިވެހިރާއްޖެއިން ބަލައިނުގަންނާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.
ޤައުމުތަކުން ރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަންތައް ރާއްޖެއިން ބަލައިގަންނަކަން ނުވަތަ ނޫންކަން ޔޫޕީއާރުގެ ވޯކިން ގްރޫޕަށް އެންގުމަށް 14 ޑިސެމްބަރ 2020 އާ ހަމައަށް ފުރުސަތު އޮންނާނެ އެވެ.
އޮންލައިންކޮށް ބާއްވާ ސެޝަންގައި ރާއްޖެ ތަމްސީލުކުރައްވާނީ، ރާއްޖޭގެ ވަފުދުގެ ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު، މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އައިޝަތު މުހައްމަދު ދީދީ، މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާޢީލް އަދި މިނިސްޓާއޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ އެވެ.
ރާއްޖޭގެ ރިވިއު ސެޝަންގައި، އިންސާނީ ހައްޤުތައް ރައްކާތެރިކުރުމުގައި ރާއްޖެއިން ހާސިލްކޮށްފައިވާ ކާމިޔާބީ އާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ސަރުކާރުގެ ސިޔާސަތުތައް ބަޔާންކުރުމަށްޓަކައި، މައިގަނޑު ހަތަރު ދާއިރާއަކުން އިންޓަވެންޝަންތައް ހުށަހެޅުމަށް ހަމަޖެހިފައިވެއެވެ.
އެގޮތުން، ޢަދުލު އިންސާފާއި، މުޖުތަމަޢުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ހިޔާލުފާޅުކުރުމާއި ޖަމްއިއްޔާ ޖަމާއަތްތައް ހެދުމުގެ މިނިވަންކަމާއި، ބިދޭސީ މަސައްކަތްތެރިންނާ ގުޅޭގޮތުން މިނިސްޓަރުން އިންޓަވެންޝަން ހުށަހަޅުއްވާނެ އެވެ.
ޚިޔާލު