ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ގެ ދިފާޢުގައި 38 ޖަމިއްޔާއެއް އެކުވެގެން ބާއްވާ ދަރުސް މިރޭ ފޭސްބުކްއިން ލައިވް ކުރުމަށް ހަމަޖެހިއްޖެއެވެ.
ނަބިއްޔާ صلى الله عليه وسلمގެ ސިޔަރަތާއި، އެކަލޭގެފާނުގެ ދިރިއުޅުއްވުމުގެ އިތުރުން، އެކަލޭގެފާނާއި ދެމެދު ޢާންމުން ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ ދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ ޖަމިއްޔަތުއް ސަލަފް އަދި އިތުރު 37 ޖަމިއްޔާއެއް ގުޅިގެންނެވެ. މި ދަރުސްގެ އެންމެ މައިގަނޑު އެއް މަޤްޞަދެއްކަމުގައި ބެލެވެނީ، އެކަލޭގެފާނު صلى الله عليه وسلم ގެ ޢަދާވަތްތެރިން އެކަލޭގެފާނަށް ކުރަމުންދާ ފުރައްސާރައިން ދިފާޢުކުރުމެވެ.
މި ދަރުސް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 08:30 ގައެވެ. އަދި މި ދަރުސްގައި ވާހަކަފުޅު ދައްކަވާނީ ޖަމިއްޔަތުއް ސަލަފްގެ ޢިލްމުވެރިންގެ މަޖިލީހުގެ މެންބަރު އައްޝައިޚް އަބްދުއްސަލާމް ދާޢޫދެވެ.
“މިދަރުސްގައި ނަބިއްޔާގެ ދިފާޢުގައި އިސްވެ ގޮސްފައިވާ އުއްމަތުގެ ޖީލުތަކުން ކޮށްފައިވާ ބައެއް ކަންތައްތަކާއި އެކަލޭގެފާނު ދެކެ ލޯބިމުމުގެ މަތިވެރިކަމަށް ވެސް އަޅިއަލުވާލާނެއެވެ.“
ދަރުސް އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވާ ސަލަފުގެ އޮފިޝަލަކު ވިދާޅުވިއެވެ.
މި ދަރުސް ފެނިވަޑައިގަންނަވާނީ ޖަމިއްޔަތުއް ސަލަފްގެ ފޭސްބުކް ޕޭޖުންނެވެ. އަދި މި ދަރުސް ގިނަ ރަށްތަކަކުން ލައިވްކޮށް ހޯލު ތަކުގައި އެޅުވުމަށް ތައްޔާރުވަމުންދާ ކަމަށްވެސް އެ ޖަމިއްޔާއިންވަނީ މަޢުލޫމާތު ދީފައެވެ.
ނަބިއްޔާ صلى الله عليه وسلم އާއި ދެކޮޅަށް ހުޅަނގުގެ ޤައުމުތަކުން ޚާއްސަކޮށް ފްރާންސްއިން އެކިއެކި ފުރައްސާރަތައް ކުރުމުގެ ސަބަބުން ގިނަ ޢަދަދެއްގެ މުސްލިމުންވަނީ މިކަމާއި ދެކޮޅަށް ތެދުވެފައެވެ. އަދި މި ކަމުގެ ސަބަބުން ލޮބުވެތި މާތް ނަބިއްޔާ صلى الله عليه وسلم ގެ ސިޔަރަތު، ގިނަ ބަޔަކަށް ފޯރު ކޮށްދިނުމުގެ މަސައްކަތްވެސް އަންނަނީ ގިނަ ޤައުމުތަކުން ކުރަމުންނެވެ.
ޚިޔާލު