ރާއްޖޭގެ ޚަބަރު

2019 ވަނަ އަހަރު ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންގެ އަދަދު ދެގުނައަށް އިތުރުވި: ބީއެމްއެލް

2019 ވަނަ އަހަރު އިސްލާމިކް ބޭންކިންގ ފުޅާކުރުމުގެ ގޮތުން މާލޭގައި ބީއެމްއެލް އިސްލާމިކްގެ އައު ހެޑް ކުއާޓާޒް އެއް ހުޅުވައި، އަލަށް ތައާރަފްކުރެވުނު ޕްރޮޑަކްޓްތަކާއެކު ބީއެމްއެލް އިސްލާމިކްގެ ކަސްޓަމަރުންގެ އަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރުވެފައި ވާކަމަށް ބެންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެ އެވެ.

ޓިމް މިފަދައިން ވިދާޅުވީ، އެ ބޭންކުގެ އަހަރީ އާންމު ޖަލްސާގައި 2019 ވަނަ އަހަރު ބޭންކަށް ހޯދުނު ނަތީޖާ އާއި ކޮވިޑްގެ ބަލިމަޑުކަމަށް ބޭންކުގެ އަވަސް އިޖާބައަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޓިމް ވިދާޅުވީ، މިދިޔަ އަހަރު ހަރުދަނާ ނަތީޖާއެއް ހޯދުނުކަމުގައިވިޔަސް ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ބޭންކަށް މިއަދު މިވަނީ ވަރަށް ނޭދެވޭ އަސަރުކޮށްފައި ކަމަށާއި، ކުރިން އަންދާޒާ ނުކުރެވޭ މިފަދަ ބޮޑު ލޮޅުމެއް ވިޔަފާރިތަކަށް ލިބިގެންދިޔުމާއެކު ބޭންކުގެ އާމްދަނީއަށް މިވަނީ ވަރަށް ބޮޑު އަސަރެއްކޮށްފައި ކަމަށެވެ. އަދި 2019 ވަނަ އަހަރު ހޯދި ކާމިޔާބީ ދެމެހެއްޓެމުން ނުދާކަމަށް ފާހަގަކުރައްވާ ކަމަށެވެ.

މިދިޔަ އަހަރަކީ ބޭންކަށް ކާމިޔާބު އަހަރެއް ކަމުގައި އުފަލާއެކު ފާހަގަ ކުރާކަމަށް ފާގަކުރައްވައި ޓިމް ވިދާޅުވީ ބޭންކުގެ ހިންގުމުގެ ފައިދާ މިވަނީ 2018 ވަނަ އަހަރާ އަޅާ ބަލާއިރު %9 އިތުރުވެ، 1.7 ބިލިއަނަށް އަރާފައި ކަމަށެވެ.

"ކުރިންވެސް ލަފާ ކުރެވުނު ފަދައިން ޓެކްސްއަށް ކެނޑުމަށް ފަހު ލިބުނު ސާފު ފައިދާ ވަނީ %5 ދަށްވެފަ. މިގޮތަށް ދަށްވެފައިވަނީ ޕްރޮވިޝަން ޗާޖު އިތުރުވުމުގެ ސަބަބުން. ބޭންކުގެ ޖުމްލަ އެސެޓްސްްއަށް ވަނީ 3.3 ބިލިއަން އިތުރުވެފަ. މިއީ %14 ގެ ކުރިއެރުމެއް. ބޭންކުގެ ރައުސުލްމާލު މިވަނީ ރަނގަޅު މިންވަރެއްގައި ހިފެހެއްޓިފަ. މިގޮތުން ރައުސުލްމާލުގެ ފުދުންތެރިކަންހުރީ %40 އަށް ވުރެ މަތީގަ. މިއީ ޤާނޫނީ ގޮތުން ލާޒިމްކުރާ މިންގަނޑަށް ވުރެ މަތީ އަދަދެއް. މިދިޔަ އަހަރުގެ ކާމިޔާބު ރަމްޒުކޮށްދޭ އެއް ކަމެއްގެ ގޮތުގައި އަޅުގަނޑު ފަހްރުވެރިކަމާއެކު ފާހަގަކޮށްލާނީ 15,000 އަށް ވުރެ ގިނަ ކަސްޓަމަރުން 2019 ވަނަ އަހަރު ބޭންކާ ގުޅިފައިވާކަން.” ޓިމް ވިދާލުވިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން ވަނީ ވިޔަފާރިތަކަށް ބޭނުންވާ ބިޒްނަސް އެޑްވައިޒަރީ ހިދުމަތްދިނުމަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ އެކިކަންކަމަށް ހައްލު ހޯދައިދިނުމުގެ މަގްސަދުގައި އައްޑޫ، މާލެ އަދި ހުޅުމާލޭގައި މިދިޔަ އަހަރު މިވަނީ ބިޒްނަސް ސެންޓަރުތައް ގާއިމްކޮށްފައެވެ. މިދިޔަ އަހަރު ބޭންކުން ވަނީ މާސްޓަރކާޑް އާއި ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިޒްނަސް ޑެބިޓް ކާޑެއް ތަޢާރާފްކޮށްފައެވެ. އަދި އީކޮމާސް ޕްލެޓްފޯމްތައް ތަރައްގީ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ޕޭމަންޓް ގޭޓްވޭ ހިދުމަތަށް ނަގާ ފީ އަށްވެސް ވަނީރަނގަޅު ބަދަލުތަކެއް ގެނެސްފައިވެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *