މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގައި ތަޢުލީމު ޙާޞިލް ކުރަމުން ގެންދާ ދިވެހި ކިޔަވާ ކުދިންނާ، މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ.ޢަބްދުލްމަޖީދު ޢަބްދުލްބާރީ ބައްދަލު ކޮއްލައްވައިފި އެވެ. މިއަދު ޢަޞްރު ނަމާދަށްފަހު، ޖާމިޢު ސަމާޙަތުއްޝެއިޚް ޢަބްދުލް ޢަޒީޒް ބިން ބާޒް -ރަޙިމަހުﷲ- (ޖާމިޢާ މިސްކިތު)ގައި އޮތް މި ބައްދަލު ވުމުގައި، ކިޔަވާ ކުދިންނަށް ނަޞޭޙަތް ދެއްވުމުގެ އިތުރުން ދަރިވަރުންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވައި މަޝްވަރާ ކުރައްވާފައި ވެއެވެ.
ދަރިވަރުންނަށް ނަޞޭޙަތް ދެއްވަމުން ޑޮކްޓަރ ވިދާޅުވީ، އަޒުމެއް އޮވެގެން ޓާރގެޓަކަށް ވާސިލް ވުމަށްޓަކައި ހިއްވަރާ އެކު ގަދައަޅައި މަސައްކަތް ކުރުމަކީ ކާމިޔާބީގެ ސިއްރު ކަމުގައެވެ. އަދި ގިނަ ކަންތައްތަކެއް އެއްފަހަރާ ކުރަން އުޅުމުގެ ބަދަލުގައި މުހިއްމު ކަންތައްތައް ފާހަގަކޮށް އެކަންތައްތައް ހާސިލް ކުރަން އުޅުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށްވެސް ޑޮކްޓަރގެ ވާހަކަފުޅުގައި ހާމަ ކުރެއްވިއެވެ. އަދި މި ކިޔެވުން ބިނާވެފައިވަނީ ޢަރަބި ބަހުގެ މައްޗަށް ކަމުގައި ވާތީ، ޢަރަބި ބަސް ވަރަށް ރަނގަޅަށް ދަސްކުރުމަށް ދަރިވަރުންނަށް ނަސޭޙަތް ދެއްވިއެވެ. އަދި ޔުނިވާރސިޓީގެ ބޮޑެތި ޝެއިޚުންނާ ގާތް ގުޅުމެއް ބޭއްވުމަށް ޑޮކްޓަރ ވަނީ ދިވެހި ކިޔަވާ ކުދިންނަށް އިލްތިމާސް ކުރައްވާފައެވެ.
އެއް ގަޑިއިރާ ފަނަރަ މިނުޓް އަށް ދިގުދެމިގެންދިޔަ މި ބައްދަލުވުމުގައި، ގިނަ ވަގުތު ހޭދަވީ ދަރިވަރުންގެ ސުވާލު ތަކާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވުމަށެވެ. މިދުވަސް ވަރު ރާއްޖޭގެ ދިމާވެގެން އުޅޭ ބައެއް މައްސަލަތަކާ، މިނިސްޓްރީގެ ބައެއް މަސައްކަތްތަކާ ބެހޭގޮތުންވެސް ޚިޔާލުބަދަލުކޮށް މަޝްވަރާ ކުރެއްވިއެވެ. އަދި ފިޤުހު އެކަޑަމީގެ މަސައްކަތްތައް ކުރިޔަށް ދާގޮތާ އަދާލަތު ޕާތީ އިން ތައްޔާރު ކުރަމުން ގެންދާ ޤުރުއާން ތަރު ޖަމާ އާ ބެހޭ ގޮތުންވެސް ކުދިން ކުރި ސުވާލުތަކާ ގުޅިގެން ވާހަކަފުޅު ދެއްކެވިއެވެ.
އަދި މިވަގުތު ސަޢޫދީއަރަބިއްޔާ އަށް ވަޑައިގެން އުޅުއްވަނީ ހައްޖުގެ ކަންތައްތަކާ ބެހޭ ބައްދަލުވުމަކަށް ކަމަށް، ދަތުރުފުޅާބެހޭ މައުލޫމާތު ދެއަވަމުން ވިދާޅުވިއެވެ. އަދި ރާއްޖެއިން ހައްޖަށް ގެންދާ މީހުންގެ އަދަދު އިތުރު ކުރެއްވުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް ޑޮކްޓަރ ވަނީ މިބައްދަލުވުމުގައި ވިދާލުވެފައެވެ.
މި ބައްދަލު ވުމަށް އިސްލާމިކް ޔުނިވާސިޓީގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ގިނަ ދަރިވަރުންތަކެއް ވަނީ ބައިވެރި ވެފައެވެ. އަދި މިވަގުތު މަދީނާ އަށް ވަޑައިގެން އުޅުއްވާ ޝެއިޚް ތޮއްޔިބް ވެސް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.

















ޚިޔާލު