ރާއްޖޭގެ ޚަބަރު

ބައްޔަކީ އިންސާނުން ކުރާ ޢަމަލެއްގެ ސަބަބުން ޖެހޭ އެއްޗެއް: ޑރ. ޒަކަރިއްޔާ

އިންސާނުންގެ ތެރޭގައި ބަލި މަޑުކަމެއް ފެތުރިގެން އަންނަނީ އިންސާނުން އަމިއްލައަށް ކުރާ ޢަމަލެއްގެ ސަބަބުން ކަމަށް ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ވިދާޅުވެއްޖެއެވެ.

ކޮވިޑް19 އާ ގުޅިގެން އިސްލާމިކް މިނިސްޓްރީ އިން ހޭލުންތެރިކުރުމުގެ ގޮތުން ތައްޔާރު ކޮށްފައިވާ ވީޑިއޯ އެއްގައި “ސަބަބުތަކުގައި ހިފުން” އެ މައުޟޫގެ ދަށުން ވާހަކަދައްކަވަމުން ވިދާޅުވީ ކީރިތި ގުރުއާނުންވެސް ބަލި ޖެހެނީ އިންސާނާގެ އަމަލުތަކުގެ ސަބަބުންކަން ވަރަށް ރަނގަޅަށް ދޭހަވެގެންދާ ކަމަށެވެ.

“ބަލިވުން އެއީ އިންސާނުން އެމީހުން އަމިއްލައަށް ކުރެވޭ ކަންތައްތަކެއްގެ ސަބަބުން ކުރިމަތިވާ ކަމެއްކަން މި އާޔަތުން [އައްޝޫރާ ސޫރަތުގެ 80ވަނަ އާޔަތް] ވަރަށް ރަނގަޅަށް އެބަ އިނގޭ،” ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބަލިތަކުން ސަލާމަތްވުމަށް ފަރުދީ ގޮތުން ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުރި ކަމަށާއި އެކަންތައްތައް ކުރަންޖެހޭނެ ކަމަށެވެ. ކާއިނާތުގައި ލައްވާފައިވާ ކަންކަން މާތް ރަސްކަނލާގެ ލައްވާފައި ވަނީ އެ ކަންކަމުގައި [ސަބަބުތަކުގައި] ހިފައިގެން ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ކަމަށް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ. ބަލިތަކަކީ ދުނިޔޭގައި ލައްވަވާފައިވާ އެއްޗެއްކަން ފާހަގަކުރައްވާ ޑރ. ޒަކަރިއްޔާ ވިދާޅުވީ އެ ބަލިތަކުން ސަލާމަތްވާނެ ގޮތްތައް ވެސް މާތްﷲ ލައްވަވާފައިވާ ކަމަށެވެ.

“އެހެންވީމަ އެކަނލާގެ އެ ލައްވަވާފައިވާ ސަބަބުތަކުގައި ހިފައިގެން މެނުވީ އަޅުގަނޑުމެންނަށް ކާމިޔާބީއާ ހަމައަށް ވާޒިލެއް ނުވެވޭނެ،” ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

ޑރ. ޒަކަރިއްޔާ ވިދާޅުވީ ބަލިޖެހުމަކީ އިންސާނީ ކުރާ އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ކަންކަންކަން އެނގޭއިރު އެކަންކަން ރަނގަޅު ކުރެވެން ވެސް އޮތީ މާތްﷲ ލައްވަވާފައިވާ ސަބަބުތަކުގައިވެސް ހިފައިގެން ކަމަށެވެ. ބަލި ޖެހޭ ސަބަބުތައް ކަމާބެހޭ ފަރާތްތަކުން ބުނެދެމުން އަންނައިރު އެކަންކަން އަޑުއަހާ އެކަން ކަމަށް ތައްޔާރުވާން ޖެހޭ ކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *