ރާއްޖޭގެ ޚަބަރު

ޝައިޚް އިމްރާން އަނބުރާ ޖަލަށް ގެންގޮސްފި

އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

ދިއިސްލާމަށް މައުލޫމާތު ދެއްވި އަދާލަތު ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ޝައިޚް އިމްރާން އަނބުރާ ޖަލަށް ގެންދިޔުމަށް ކަރެކްޝަންގެ އޮފިޝަލުން ޝައިޚް ދިރިއުޅުއްވާ ގެއަށް އައިސްފައިވަނީ ހަވީރު 4 ޖެހިފަހުން ކަމަށެވެ.

ކަރެކްޝަންގެ މުވައްޒަފުން އެގެއަށް ދިޔުމުގެ ކުޑަވަގުތު ކޮޅެއްކުރިން ޝައިޚް އިމްރާންވަނީ ޓުވީޓެއްވެސް ކުރައްވާފައެވެ. މިޓުވީޓުގައި ވިދާޅުވެފައިވަނީ ޖަލުގައި ހުއްޓަސް، މިނިވަންކޮށް ހުއްޓަސް ޝައިޚް ހުންނަވާނީ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެފައެވެ. ޓުވީޓު ނިންމާލައްވަމުން ވިދާޅުވެފައިވަނީ އިންޝާ ﷲ މިއަޒުމެއް ނުގުޑާނެ ކަމަށެވެ.

މިދިޔަ މޭ މަހު 26 ވަނަ ދުވަހު ޝައިޚް އިމްރާން އަނބުރާ ގޭބަންދަށް ބަދަލުކުރީ ރޯދައަށް ކަމަށް ބުނެއެވެ.

ޝައިޚް އިމްރާންއާއެކު ރޯދައަށް ގޭބަންދަށް ބަދަލުކުރި ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމްވެސްވަނީ މިއަދު 3:50 ހާއިރު އަނބުރާ ޖަލަށް ބަދަލުކޮށްފައެވެ.

ޝައިޚް އިމްރާން 12 އަހަރަށް ޖަލަށްލާފައިވަނީ 2015 މެއި އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެގެންނެވެ. ޝައިޚް އިމްރާންގެ ޖަލު ހުކުމަށް ހައި ކޯޓުން ވަނީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް ޝައިޚް އިމްރާންގެ ވަކީލުން ކުރިން ވަނީ ބުނެފަ އެވެ.

 

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *