'މުސްލިމުންގެ ގުޅުން' ޖަމިއްޔާގެ ރަސްމީ ވެބްސައިޓް ހެކް ކޮށްފިއެވެ.
މީގެ ދެދުވަސް ކުރިން ހެކް ކޮށްފައިވާ 'މުސްލިމުންގެގުޅުން.އޯގް' ގައި ހެކް ކުރުމަށްފަހު ވިހުރެމުންދާ ދިވެހި ދިދައަކާއި 'އަނހާ.... ކިހިނެއް މިވީ' ޖަހާފައިވެއެވެ. އަދި ނުފެންނާނެހެން ހުދުކުލައިން 'ހެކްޑ އެންޑް އޯން' ޖަހާފައިވެއެވެ.
ރާއްޖޭގައި އެންމެ ގިނަ ދުވަސްވީ ޖަމިއްޔާކަމުގައިވާ މުސްލިމުންގެ ގުޅުމުގެ ފަރާތުން ވާހަކަ ދެއްކެވި ފަރާތަކުން ދިއިސްލާމްއަށް ހާމަކުރެއްވިގޮތުގައި 'ވެބްސައިޓް ހެކް ކޮށްފައި ވަނީ މީގެ ދެ ދުވަސް ކުރިން ކަމަށާއި ހެކް ކުރި ބަޔަކު އަދި ނޭނގޭ'ކަމަށެވެ. އެޖަމިއްޔާއިން ހާމަކުރައްވާ ގޮތުގައި 'މުސްލިމުންގެ ގުޅުމުގެ އާ ވެބްސައިޓެއް އިތުރު ބައިތަކާއި އެކު ވުޖޫދަށް އަންނާނެ ކަމަށާއި މުސްލިމުންގެ ގުޅުމަށް ބަޔަކު ދިން މިހަމަލާގެ ސަބަބުން އިތުރަށް ހިތްވަރު ލިބި އިސްލާމްދީނުގެ ދިފާއުގައި މަސައްކަތްތައް އިތުރަށް ކުރިއަށްދާނެ' ކަމަށެވެ.
މުސްލިމުންގެ ގުޅުމުގެ ވެބްސައިޓަކީ އެޖަމިއްޔާގެ ހަބަރާއި މައުޟޫމާތު ފޯރުކޮށްދިނުމަށް ހަދާފައިވާ ވެބްސައިޓެކެވެ. އެޖަމިއްޔާއިން ހާމަކުރައްވާ ގޮތުގައި ކުރިއަށް އޮތްތަނުގައި އާ ވެބްސައިޓަކާއި އެކު ޖަމިއްޔާގެ ހަބަރުގެ އިތުރުން ލާދީނީ ކަންކަމާއި ދެކޮޅަށް ވެބްސައިޓު މެދުވެރިކޮށް ތަފާތު މަސައްކަތެއް ފަށާނެކަމަށާއި 'ހެކް' ކުރުމުގެ ސަބަބުން ޖަމިއްޔާގެ ފަރާތުން ހިންގާ މީޑިއާ ހަރަކާތްތަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ'ކަމަށެވެ.
'މުސްލިމުންގެ ގުޅުން' ގޫގަލްގައި ޖަހާފައި ސާޗްކޮށްލުމުން މުސްލިމުންގެ ގުޅުމުގެ ވެބްސައިޓްގެ ހެކް ކޮށްފައިވާ ސައިޓްގެ ވެބް ހެޑިންގ އަކަށް ލިޔެފައިވަނީ 'ހިއްލަތު.ކޮމް' ކަން ދިއިސްލާމްއަށް ވަނީ ފާހަގަ ކުރެވިފައެވެ.
ފަހަކަށް އައިސް ދީނީ ވެބްސައިޓްތަކަށް ދޭ ހަމަލާތައް ވަނީ އާންމުވެފައެވެ. ދީނީނިއުސް.ކޮމް ބައެއްގެ އަތްދަށަށް ދިއުމަށް އަލުން ލިބިފައިވަނީ ހެކަރުންނާއި ދެކެވުނު ވާހަކަތަކަކަށް ފަހުގައެވެ.


















ހެކްކުރާ ފަރާތްތަކާއިމެދު ދަންނަވާލަން އޮތްވާހަކައަކީ،ހެކްކުރުމުގެ ހުނަރަކީ ތިމީހުންނަށް ލިބިފައިވާ ނިޢުމަތެކެވެ.މިހުނަރު ރަނގަޅުގޮތުގައި ބޭނުންކުރާށެވެ.ގޯސްތުގައި ބޭނުންނުހިފާށެވެ.އިސްލާމްދީނަށް ޚިދުމަތްކުރަމުންގެންދާ ސައިޓުތަކާއި ބްލޮގްތަށް ތިހުނަރު ބޭނުންކުރުން ހަމަ ވަގުތުން ހުއްޓާލުމަށް ނަޞޭޙަތްތެރިވަމެވެ. އަދި ހަމައެޔާއެކު ލާދީނީ ވެބްސައިޓުތަކާއި އެފަދަ ބްލޮގުތަށް ހެކްކުރުމުގެ ހުނަރު ބޭނުން ރަނގަޅަށް ހިފުމަށް ނަޞޭޙަތްތެރިވަމެވެ.އެހެންނޫންކަމައްވަންޏާ ތިމީހުން ދުނިޔެއާއި އާޙިރަތުގައި ހިތާމަކުރަންޖެހިދާނެއެވެ.