ރާއްޖޭގެ ޚަބަރުލައިވް ބްލޮގް

ކުއްލި ހަބަރު: ޑރ.އަފްރާޝީމް އަށް ވަޅިއަކުން ހަމަލާދީ އަވަހާރަކޮށްލައިފި

އަފްރާޝީމްގެ މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި، ފަސްދާނުލުން ގައުމީ އިއްޒަތުގައި ބާއްވަން ސަރުކާރުން ހަމަޖައްސައިފި

 

[time]11.28[/time] އަފްރާޝީމްގެ ހަށިކޮޅު އާސަހަރާއިން ނެރެގެން އިސްލާމީ މަރުކަޒަށް ގެންދަނީ. މޫނު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައި. ކަށު ނަމާދު އޮންނާނީ އަސުރު ނަމާދަށް ފަހު.

[time]10.40[/time] އަފްރާޝީމަށް ހަމަލާދީ އަވަހާރަކޮށްލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އދ. އިން ވެސް ބަޔާނެއް ނެރެފި.

[time]09.59[/time] އާއިލާގެ ބައެއް ފަރާތްތައް މިހާރު މާލެ ވަޑައިގަތް ތިއްބެވީ އާސަހަރާގައި. އަފްރާޝީމްގެ މަންމަ އާއި ބައްޕަވެސް އާސަހަރާއަށް ވަޑައިގެންފި.

[time]09.30[/time] ވީޑީއޯ: ޑރ އަފްރާޝިމް އަލީ އަވަހާރަވުމުގެ ކުރިން އިސްލާމީ ދިރިއުޅުން ޕްރޮގްރާމްގައި ދެއްކި ވާހަކައިގެ ތެރެއިން

[time]08.35[/time] ޑރ.އަފްރާޝިމު އާ ސަހަރާއަށް ގެންގޮސްފި. އާސަހަރާއިން އިސްލާމީ މަރުކަޒަށް ގެންދާނީ ހިނެވުމުގެ މަސައްކަތް ނިމުމުން.

 [time]06.45[/time] ޑރ.އަފްރާޝިމު ނިސްބަތްވެ ވަޑައިގަންނަވާ އުނގޫފާރު ރައްޔިތުން މި އަމަލު ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށް އެރަށު ކައުންސިލް ގެ ނައިބު ރަޢީސް ވިދާޅުވެއްޖެ.

[time]06.40[/time] ސަން މީޑިއާ ގުރޫޕުގެ އިދާރާ ހުންނަ އިމާރާތް ހުރި ސަރަހައްދުން ތާޒާ ލޭ ހުރި ޓިޝޫ ތަކެއް ސަންގެ ނިއުސްޓީމަށް ފެނިއްޖެކަމަށް ސަން އޮންލައިނުން ރިޕޯޓުކޮށްފި. އަދި އެ ސަރަހައްދު  ފުލުހުން މިހާރު ވަނީ ބަންދުކޮށްފިކަމަށްވެސް ހަބަރުލިބޭ. ޑރ. އަފްރާޝީމް ދިރިއުޅުއްވާ ގެ ހުންނަނީ ސަން މީޑިއާ ގުރޫޕުގެ އިދާރާ އާއި ވަރަށް ކައިރީގައި. ލޭގެ އަސަރު ހުރި ޓިޝޫ ބުރުޒުމަގު ސިނަމާލެއާއި ހަމަޔަށް ވެސް ފެންނަން ހުރި ކަމަށް މައުލޫމާތު ލިބޭ ކަމަށް ސަން އޮންލައިނުން ބުނޭ

[time]06.00[/time] ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރުދާއިރާގެ މެމްބަރ ޑރ އަފްރާޝީމް ނިސްބަތްވާ އުނގޫފާރުން ތިން ދޯންޏެއްގައި މީހުން މާލެ އަޔުމަށް ތައްޔާރުވަމުންދާ ކަމަށް ހަބަރުލިބެއެވެ.

[time]05.40[/time] ރަސްމީ އިއްޒަތުގައި ޑރ.އަފްރާޝީމް ފަސްދާނުލުން މިއަދުގެ އަސުރު ނަމާދަށްފަހު އޮންނާނެކަމަށް ސަރުކާރުން ބުނޭ. އަދި މޫނު ދެއްކުން އިސްލާމީ މަރުކަޒުގައި. ގަނޑި އަދި އިއުލާނެއް ނުކުރޭ

[time]04.50[/time] ވީޓީވީ އާއި ފޯނުން ވާހަކަފުޅު ދައްކަވަމުން ހޯމްމިނިސްޓަ ޑރ.ޖަމީލް ވިދާޅުވީ މިވަގުތު އެންމެ މުހިއްމީ މިހާދިސާ ހިންގި ބަޔަކު ހޯދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ފުލުހުންނަށް ދިނުންކަމަށެވެ.

[time]04.18[/time] އޭޑީކޭ އަށް ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު ވަޑައިގެންނެވުމުން އެތަނަށް އެއްވެފައި ތިބި އާންމުން ހިންހަމަ ނުޖެހުން ފާޅުކުރަމުން އެބަދޭ. އެމީހުން ބުނާގޮތުގައި މޫސަ އެތަނަށް އައީ ހަމަނުޖެހުން އުފައްދަން. މިވަގުތު މޫސަ ވަނީ އޭޑީކޭ ކެންޓީނު ތެރޭގައި ތާށިވެފައި.

[time]04.00[/time] ސިޔާސީ ފަރާތްތަކާއި އާންމުން ދަނީ ޑރ.އަފްރާޝީމް އަވަހާރަކޮއްލެއްވި ހާދިސާ ހަރުކަށި އިބާރާތުން ކުއްވެރި ކުރަމުންނެވެ.

[time]03.50[/time]  މި މައްސަލައިގައި ދާދި ދެންމެއަކު  ފިރިހެނެއް  ހައްޔަރުކޮށްފި ކަމަށް ދިއިސްލާމަށް މުއުތަބަރު ފަރާތަކުން ހަބަރުދޭ. ނަމަވެސް ރަސްމީ ފަރާތަކުން މިކަން ކަށަވަރު ނުކޮއްދޭ

[time]03.45[/time] އަފްރާޝީމަށް ދިން ހަމަލާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ 3322211 އަށް ގުޅުމަށް ފުލުހުން އެދޭ.

[time]03.40[/time] ދާދި ދެންމެއަކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕޮލިސް ކަމިޝަނަރ އަބްދުއްﷲ ރިޔާޟް ވިދާޅުވީ މި ހަމަލާ ތަހުޤީގުކޮށް ވީ އެންމެ އަވަހަކަށް މިކަމުގައި ޝާމިލްވާ މީހުން އިންސާފުގެ ކުރިމަށްޗަށް ގެންނާނެކަމުގެ ޔަގީންކަން ދެއްވާކަމަށެވެ.

ރިޔާޒު ވިދާޅުވި ގޮތުގައި ޑރ. އަފްރާޝީމް އަވަހާރަ ކޮށްލި ހާދިސާއާ ގުޅޭ ގައުމީ ތަހުގީގެއް ހިންގަން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވަނީ އެދިވަޑައިގެންފައި. އަދި އެމަސައްކަތް ފުލުހުން މިހާރު ފަށާފައިވާކަމަށްވެސް ވިދާޅުވި.

އަދި މިހާދިސާ އެއްބަޔަކު އަނެއްބަޔަކު ބޮލުގައި ނާޅުވާ މި މައްސަލަ ތަހުޤީގު ކުރަން ފުރުސަތުދެއްވުމަށް ކަމިޝަނާރ އެދިވަޑައިގަތެވެ.

ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ކަމިޝަނަރ ވިދާޅުވީ މިއީ ދީނީ ކަމެއްކަންވެސް ސިޔާސީ ކަމެއްކަންވެސް އަދި ދަންނަވަން އަވަސް ކަމަށާއި، އެހެންނަމަވެސް މިއީ ބަޔަކު ރާވައިގެން ކޮށްފައިވާ ކަމެއްކަން މިހާތަނަށް ލިބިފައިހުރި މަޢުލޫމާތުން އެނގޭކަމަށެވެ.

[time]03:15[/time] ޑރ. އަފްރާޝީމްގެ އަނބިކަނބަލުން ޤުރެއިޝާ މުހައްމަދާއި ހަވާލާދީ ސަން އޮންލައިންގައި ބުނެފައި ވަނީ ޑރ. އަފްރާޝީމް ސިޑިމަތިން ފެނުނު އިރު ބޮލުގެ ނާށިގަނޑުން ބައެއް ވަކިވެފައިވާ ކަމަށާއި ބުރަކައްޓާ ދިމާއިން ވެސް ހަމަލަ ދީފައި ހުރި ކަމަށެވެ.

[time]03.10[/time] ކުރީގެ ރައީސް މައުމޫން ވެސް މިވަގުތު އޭޑީކޭއަށް ވަޑައިގެން އެބަ ހުންނެވި ކަމަށް ދިއިސްލާމްގެ ނޫސްވެރިން މައުލޫމާތު ދެއެވެ. އަދި އޭޑީކޭ ކައިރިޔަށް މީހުން ޖަމާވަމުންދާކަމަށްވެސް މައުލޫމާތު ދޭ

 

[time]03.05[/time] ރާއްޖޭގެ ރަޢީސުލް ޖުމްހުރިއްޔާ ވަނީ ޑރ.އަފްރާޝީމަށް ވަޅިން ހަމަލާދީ އަވަހާރަ ކޮށްލި ހާދިސާ ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާފައެވެ. އަދި މި ހަމަލާދިން ބަޔަކު ހޯދާ އާއިލާއަށް އިންސާފް ހޯދާދެއްވާނެ ކަމަށް ރައީސް ވިދާޅުވި. އަދި އާއިލާއަށް ތައުޒިޔާ ވިދާޅުވި

[time]03.00[/time] ޑރ.އަފްރާޝީމް އަވަހާރަ ކޮށްލުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ މިކަން ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާފައެވެ. އަދި އާއިލާއަށް ތައުޒިޔާ ރައްދުކުރައްވާފައެވެ. އަދި މާދަމާގެ މަޖިލިސް ޖަލްސާ އޭގެ އަނެއް ދުވަހަށް ފަސް ކުރެވިފާވާކަމަށް ވެސް މަޖިލީހުގެ ރައީސް ޝާހިދު ވިދާޅުވިއެވެ.

[time]02.50[/time] މިވަގުތު އޭޑީކޭއަށް ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ފަރާތްތައް އަންނަމުން ދާކަމަށް އޭޑީކޭގައި ހަރަކާތްތެރިވަމުންދާ ދިއިސްލާމްގެ ނޫސްވެރިން މައުލޫމާތު ދެއެވެ.

[time]02.45[/time] ޑރ.އަފްރާޝީމަށް ހަމަލާދީ އަވަހާރަ ކޮއްލާފައިވާތީ އިސްލާމިކް މިނިސްޓަރ ޝައިހް ޝަހީމް ވަނީ އެކަން ހަރުކަށި އިބާރާތުން ކުއްވެރިކުރައްވާފައެވެ. ދިއިސްލާމާއި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރޭގައި ދެއްކި އިސްލާމި ދިރިއުޅުން ޕްރޮގުރާމް އެމަނިކުފާނު އެކީގައި ބެއްލެވި ކަމަށާއި، އޭގައި އެއްވެސް މައްސަލައެއް ނެއްކަމަށެވެ.

[time]02.40[/time] ޑރ.އަފްރާޝީމް އާއި އެކު މިރޭ ޓީވީއެމް އިން ދައްކާ އިސްލާމީ ދިރިއުޅުން ޕްރޮގްރާމްގައި ބައިވެރިވި ޝައިހް ގުބާދު ވިދާޅުވީ މިރޭގެ ޕްރޮގްރާމްގައި ޑރ.އަފްރާޝީމް ގިނައިން ދެއްކެވީ ކުރިން ކުރެވިފަ ހުރި ގޯސްތަކުގެވާހަކަ އާއި އަދި އެކަމަށް މަޢާފަށް އެދި ތައުބާވާ ވާހަކައެވެ. ޑރ.އަފްރާޝީމަށް ހަމަލާދީ އަވަހާރަ ކޮށްލި ހާދިސާ ޝައިހް ގުބާދު ހަރުކަށި އިބާރާތުން ކުއްވެރި ކުރައްވައެވެ.

[time]02.30[/time] ޑރ. އަފްރާޝީމް އަވަހާރަ ކޮށްލުމާއި ގުޅިގެން ޝައިހް އަބުދުއްﷲ ވިދާޅުވެފައިވަނީ " ކުއްތަކަށް އިއުތިރާފުވެ ރޭ ތަޢުބާވެސް އިއުލާން ކޮށްފައި ވަނިކޮށް ޑރ.އަފްރާޝީމަށް ހަމަލާދީ އޭނާ ނިޔާ ކޮށްލައިފައި ވުމަކީ އިސްލާމްދީނުގައި ވަރަށް ބޮޑު ޖަރީމާއެށް" ކަމަށެވެ.

[time]02.15[/time] ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާ ތަމްސީލު ކުރައްވާ ޑރ.އަފްރާޝީމް އަލީ އޭޑީކޭ ހޮސްޕިޓަލް އަށް ގެންދިޔައިރުވެސް އޮތީ މަރުވެފައި ކަމަށް ހަބަރު ލިބެއެވެ.

[time]02.05[/time] ޑރ.އަފްރާޝީމަށް ހަމަލާދީފައިވަނީ ސްޓެލްކޯ ކައިރީގައި ހުންނަ އޭނާގެ ގޭގެ ސިޑި މަތީގައި ހުއްޓާކަމަށް ހަބަރުލިބެއެވެ.

[time]02.00[/time] ޑރ.އަފްރާޝީމް އަށް ވަޅިއަކުން ހަމަލާދީ ދާދި ދެންމެއަކު އަވަހާރަކޮއްލައިފި.

 

(ތަފްސީލް އަންނަނީ.. )

ގުޅުންހުރި

19 ޚިޔާލު

  1. އިންނާ ލިއްލާޙި ވައިންނާ އިލައިހި ރާޖިއޫން، ތިކަން ކުރި ބަޔަކަށް ހައްޤު އަދަބު ދޭންޖެހޭނެ، މި މިހާރު ވަރަށް ބޮޑު މައްސަލައެއް މަރަށް މަރު ހިފުން މާ ލަސްވެއްޖެ

  2. އިންނާ ލިﷲ ވައިންނާއިލައިހިރާޖިޢޫން. މިޢަމަލު ވަރަށް ބޮޑަށް ކުއްވެރިކުރަން

  3. މިޚަބަރު ލިބުމުން ވަރަށް ކުއްލި ފުންހިތާމައެއް ލިބިއްޖެ

  4. އިންނާ ލިﷲ ވައިނާ އިލައިހި ރާޖިޢޫން.
    އަޅެ، އޭނާ އަވަހާރަކޮށްލީ ކޮންކުށަކާ ލައިގެންތަ؟

  5. إنا لله و إنا إليه راجعون

  6. އިންނާ ލިﷲ ވައިނާ އިލައިހި ރާޖިޢޫން، ކޮންމެ މީހަހު ހަރުކަށި އިބާރާތުން މިކަން ކުއްވެރި ކުރީމަ މިނިމުނީތަ؟؟ މިކަން ކުރި ބަޔަކު ހޯދާ އެމީހުންނަށް މަރުގެ ހުކުން އިއްވަންވީ.. އެހެންނޫނީ މާދަމާވެސް ފެންނާނީ އެހެން ކޮންމެވެސްމީހަކު ކަތިލާފަ އްޮވާ!!

  7. މި ހާދިސާ އެއްވެސް ފަރާތަކުން ސިޔާސީ ނުކުރުމަށް އިލްތިމާސްކުރަން. އެހެން އެކަން ކުރެވިއްޖެނަމަ ކާށިދޫގައި މަރާލި ޕޮލިސްކުއްޖާ ފަދައިން މައްސަލައިގެ ސީރިއަސްކަން ގެއްލި ސިޔާސީ ފައިދާ ހޯދުމަށް އެއްބަޔަކު އަނެްބަޔަކު އުޅެންފަށާނެ. އޭގެ ބަދަލުގައި އެންމެން އެކުވެރިކަމާއިއެކު މިބާވަތުގެ މައްސަލަތައް ހައްލުކުރުމަށް އަތުކުރި އޮޅާލައްވާ.

  8. އިންނާ ލިލްލާއި ވައިންނާ އިލައިހި ރާޖިޢޫން…. މުސްލިމުންގެ ލެއަކީ މާތް ﷲ ހުރުމަތްތެރިކުރައްވާފައިވާ އެއްޗެއް..ނަމަވެސް މިފަދަ ކަންކަމަކީ ޑިމޮކުރަސީ ފައްކާވަމުން އަންނަ ކޮންމެ ގައުމެއްގާ ކަންތައް ތައް ވަމުންދާތީ ދުނިޔެ ތަޖުރިބާ ކޮށްފައިވާ ގޮތް. އިންޑިޔާ، ދުނިޔޭގެ އެންމެ ބޮޑު ޑިމޮކުރަސީ ބައްލަވާ . މީގެ އެތައް އަހަރެއް ކުރިންފެށިގެން ސިޔާސީ ބޮޑެތި ލީޑަރުން ބަޑިންނާ ވަޅިންނާ ބޮން ގޮއްވާލައިގެން އެދަނީ މަރަމުން… މި ޑިމޮކުރަސީ ފައްކާ ވެއްޖެނަމަ ކޮބާ ހާލަކީ…. ސިޔާސީ ދެކޮޅުވެރިކަމާ ހަސަދަވެރިކަން މިއަދު މިވަނީ ި މުސްލިމު ކުޑަކުޑަ މުޖުތަމައު ބައިބައި ކޮށްލާފަ…. އަވަހަށް މިކަމުން ސަލާމަތްވެ ﷲ ގެ ޝަރީއަތަށް ރުޖޫޢަވަމާ ހިންގަވާ. ހުޅަނގުގެ ނަޖިސް ނިޒާމުތަކަށް ނޫނެކޭ ބުނަމާ….. މަރަށް މަރު… ހިފާ ﷲ ގެ ހުކުމްފުޅު މި ބިންމަތީ ތަންފީޒު ކުރަމާ…

  9. إنا لله و إنا إليه راجعون

  10. އަދިވެސް މަރަށް މަރު ހިފަން ލަހީތޯއެވެ.؟ ﷲ ގެ ހުކުމް މި އިސްލާމީ ޤައުމުގައި ތަންފީޛު ކުރަން އަވަހީތޯ؟ ނޫނީ ﷲ ގެ ހުކުމަށްވުރެ މޮޅު ހުކުމެއް އޮތީތޯ؟ ނޫނީ ﷲގެ ހުކުމް ތަންފީޛު ކުރުމުން ގެއްލުމެް ލިބޭނީތޯ؟ މިފަދަ ކަންކަން ތަކުރާރުވާ މިންވަރު އިތުރު ވަނީ މިބިމުގައި ﷲ ގެ ހުކުމް ތަންފީޛު ނުކުރެވިގެންކަން މިއީ އެންމެންވެސް ޤބޫލުކުރާ ކަމެއް. އެހެން ކަމުން ދިވެހިރާއްޖޭގެ އެންމެހާ ރައްޔަތުންގެ ހައްޤުގައި ޤިޞާޞް ހިފުން މިއީ ހައްލެއް ކަމުގައި ދެކެން. މަރަށް މަރު ހިފާ ﷲގެ ހުކުމް މިބިމުގައި ތަންފީޛު ކޮށްދެއްވުމަށް އެންމެހާ ފަރާތްތަކަށް ގޮވާލަން.

  11. إنا لله و إنا إليه راجعون

  12. އިންނާލިﷲވައިންނާ އިލައިހި ރާޖިއޫން މިއަދަކީ ރާށްޖޭ އިލުމުގެ ބައްތިތަކުގެ ތެރެއިންބައްތިއެއް ބަޔަކު ނިއްވާލި ތަން މިކަމުގެ ހުރިހާ ދެރައެއް ހިތާމައެއްލިބޭނީ މިގައުމަށް މަރުހޫމުގެ އާއިލާއަށް ކެއްތެރިކަން ދެއްވާ މަރުހޫމޫގެ ފުރާނަ އަށް ހެޔޮރަހުމަތް ލެއްވުން އެދިދުއާކުރަން އަދިމިސަރުކާރަށް މިގޮވާލަނީ ﷲގެހުކުމްފުޅު މިގައުމުގެ ބިމުގައި ތަންފީޒުކުރުމަށް މިއީދިރުމެއްކަން އެއިރުން އިހުސާސްކުރެވޭނެ

  13. އިންނާލިﷲވައިންނާ އިލާހި ރާޖިއޫން ގެއްލި އެދިޔައީ އަގުހުރިމުދައްރިސެއް ފުންނާބުއުއްސްއިލުމުވެރިޔެއް ވަރުގަދަމުގައްރިރެއް ހެޔޮލަފާބައްޕައެއް ރަގަޅުރަހުމަތްތެރިއެއް ޔާﷲ މަރުހޫމުގެފުރާނައަށްހެޔޮރަހުމަތްލަށްވާށި އާއިލާއަށް ކެއްތެރިކަންދެއްވާށި ތިޔަލޮބުވެތިކުދިންނައް ކެއްތިކަން ދެއްވުންއެދިދުއާކުރަން

  14. إنا لله و إنا إليه راجعون
    ހަމަކަށަވަރުނަވެސް ﷲ އީ އެކަލާނގެ އަޅުތަކުންގެ ހިތްތަކުގައިވާ ކަންތައްތައް މޮޅަށް ދެނެވޮޑިގެންވާ ފަރާތް..އަޅުގަނޑުގެ ހިތުގައިވެސް ކުރިން ޑރ.އަފްރަޝީމް އާ ދޭތެރޭ ހިތްހަމަ ނުޖެހުމެތް އޮތް..ނަމަވެސް އޭރުވެސް ގަބޫލް ކުރީ އޭނާ އެކަމަށް ތައުބާނުވެޔެއް ނުދާނޭ،،އަދި އެކަންތައް މޮޅަށް ދެނެވޮޑިގެންވާނީ ﷲ ތަޢާލާކަން ޤަބޫލްކޮށްގެން ހުރީ….މިއަދު އަހަރެންގެ ދެލޮލުން މި އަޙާ އަށްޓަކާ ހޯސްލާފަ ކަރުނަ ފައިބަމުންދަނީ ތެދަށް ބުނާނަމަ މިގޮތަށް މީހަކު މަރާލެވިގެން އަހަރެން އަށް ނުރޮވޭ ނަމަވެސް މިއަދު ވަރަށް އަސަރު ކުރޭ، ހިތްދަތިވޭ
    މާތް ﷲ މި ލޮބުވެތި އަޙާ އަށް ފާފަފުއްސަވާ އަދި ސުވަރުގޭގެ ދާއިމީނިއުމަތްވެއްވާށި އަދި ޝައީދެއްގެ ގޮތުގައި ލައްވާށި..އާމީން
    އެންމެ ފަހުވަގުތުތަކުގަވެސް މާތްﷲ ގެ އެއްކަެުވަންތަކަމާ ބެހޭގޮތުން ރައްޔިތޔުންނަށް އެތަކެއް އިލްމެއް ދެއްވާފަ ކުރެވުނު ކުށަށް އިއުތިރާފް ވެފަ މަފަށް އެދިފަ އަޅުގަންޑުމެންނާއި އެ ވަކިވެގެން ދިޔައީ…

  15. إنا لله و إنا إليه راجعون…… ޑރ. އަފްރާޝީމް(ރަޙިމަހުﷲ) ވަނީ ކުރީގެ ބަސްފުޅު އަނބުރާ ގެންނަވާ ތައުބާވެފައި…. ޝިރްކާ ގުޅުންހުރި ބަސްތަކުން ތައުބާވުން އިޢްލާންކުރުމާއި، މަރާއި ބައްދަލުވުމާއި ދެމެދުގައި ވީ ވަރަށް ކުޑަ ވަގުތުކޮޅެއް… އަޅަމެން ދުޢާކުރަނީ ތައުބާ ޤަބޫލުކުރައްވާ އިލާހު އެމަރުހޫމްގެ ތަޢްބާ ޤަބޫލުކުރެއްވުމަށް…

    އަދި މިފަދަ ކުފުރުގެ ބަސްތައް ކުރިން ބޭރުކޮށްފައިވާ ފަރާތްތަކުންވެސް އެމަރުޙޫމް ނަމޫނާއަކަށް ބަލައިގެން އަވަހަށް ތައުބާވުމަށް ގޮވާލަން… މަރު ވަނީ ތިބާއާއި ވަރަށް ކައިރީގައި..

    ޑރ. އަފްރާޝީމަކީ އިސްލާމީ ޝަރީޢަތް މިބިގައި ޤާއިމްކުރުމަށް ގޮވާލެއްވި ބޭފުޅެއްކަން މިދަނޑިވަޅުގައި ފާހަގަކުރަން..

    ދައުލަތުގެ ވެރީންނަށް އިންޒާރުދެން… ﷲ ގެ ޝަރީޢަތް މިބިގައި ގާއިމްނުކުރާނަމަ މާދަމާ ތިޔައިން ކޮންމެވެސް މީހެއްގެ ޖަނާޒާގައި ދެންތިބިމީހުން ބައިވެރިވާން ޖެހުން ވަރަށް ކައިރި..

  16. ޝައިޚް އަފްރާޝީމް ގެ ފުރާނައަށް މާތް ﷲ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އަދި ޢާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެވެ. އަދި އިސްލާމް ދީނުގެ ދުޝްމަނުންގެ މަކަރުވެރި ނުބައި ކެހިވެރި މަޅިތަކުން މި ޤައުމުގެ ދީނާއި ރައްޔިތުން ރައްކާތެރި ކުރައްވާށިއެވެ. އެންމެ ހެޔޮ މަގަކީ އިސްލާމް ދީނުގެ މަގުކަން ހެޔޮހިތުން ޤަބޫލު ކުރާ ބަޔަކު ކަމުގައި އަޅަމެން ލައްވާނދޭވެ. އަދި ދިވެހި ރައްޔިތުންގެ ތެރެއިން މަގު ގެއްލިފައިވާ ހުރިހާ ފަރާތްތަކަށް އެންމެ ސީދާވެގެންވާ މަގަށް މަގު ދައްކަވާނދޭވެ. އާމީން.

  17. އިންނާޅިﷲ ވަިންނާއިލަހި ރާޖިޢޫން. ޔާﷲ މަރުޙޫމުގެ ފުރާނައަށް ހޮޔޮރަހުމަތް ލައްވަވާ ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވަވާށި އަދި އާއިލާއަށް ކެތްތެރިކަން މިންވަރުކޮށް ދެއްވަވާށީ އާމީން. މައުމޫނަށް އަދި މައުމޫނުގެ ޕާޓީއަކަށް އަދިވެސް ނުކެރޭ ގޮވާލާކަށެއް މިޤައުމުގައި އިސްލާމީ ޝަރީއަތް ތަންފީޒުކުރާކަށެއް. އޭގެ ބަދަލުގައި ދައްކަނީ ހަރުކަށި އަދަބުގެ ވާހަކަ. އެކަމަކު އަޅުގަނޑުމެން މިގޮވާލަނީ ހައްގުއަދަބު ދިނުމަށް އެއީ މިހާކު މަރައިފިނަމަ އެމީހަކު ނުވަތަ އެބަޔަކު މެރުން. އަތް ކަނޑާވަރުގެ ވައްކަމެއް ނަމަ އަތްކެނޑުމަށް ދެންވެސް އެހެންވެސް ކަންކަމަށް ދޭން އިސްލާމްދީނުގައި ކަނޑައަޅާފައިވާ އަދަބުދިނުމަށް. މީހަކު މެރިމީހަކަށް ހަރުކަށި އަދަބުދޭންނަމަ އެއީ ބޭއިންސާފް. އަޅުގަނޑު ދެކޭގޮތުގައި ހަރުކަށި އަދަބަކަށް ވާނީ މީހަކުމެރިމީހަކު މެރުމަށްފަހުން އެމީހަކުގެ ފުރާނަނެތް މަސްގަނޑަށް އިތުރު ގެއްލުންދިނުން އެކަމަކު މިވެރިން ގޮވާލަނީ އެމީހަކަށް ދައުލަތުން ހަރަދުކޮށްފައި ޖަލުގޭގެ ނަމުގައި ހަދާފައިވާ ކުށްވެރިންގެ ގަނޑުވަރަށް ލުން. އަނެއްކާ މެންބަރު ހާމިދު ބުނަނީ ކީއްކޭބާއޭވެސް ހިތަށްއެބައަރާ. މިބިމުގައި އިސްލާމީ ޝަރީއަަތް ތަންފީޒު ކޮށްދިނުމަށް އެދި ރައްޔިތުން ނިކުމެ މުޒާހަރާ ކުރަން އެދި މިކަން ކޮޅެށްގައި މިފަހަރު ޖެއްސުމަށް.

  18. އުޑުތަކާއި ބިމުގެ ވެރި، ގަދަ ކީރިތިވަންތަ ކުޅަދުންވަންތަ އިލާހުއެވެ. މުޖުރިމުންގެ ކިބައިން ބަދަލު ހިތްޕަވައި އަޅަމެންގެ ޚާއްޞުންނާއި ޢާންމުން، ޢިލްމުވެރިންނާއި މުޞްލިޙުންގެ ލެއާއި އަބުރު ރައްކާތެރި ކޮށްދެއްވައި އަޅަމެންގެ ގައުމުގައި އަމާންކަން ލައްވައި ފިތުނަ ފަސާދަ ނެތި ކުރައްވާންދޭވެ! އަފްރާޝީމްގެ ފާފަ ފުއްސަވައި އޭނާއަށް ޢަފޫ ކުރައްވައި އިބަ އިލާހުގެ ސުވަރުގޭގެ ނިޢުމަތުގައި އޭނާ ލައްވާންދޭވެ! އޭނާގެ ޢާއިލާއަށް ކެތްތެރިކަން ދެއްވައި ދަރުމަ ދެއްވާންދޭވެ! އަޅަމެންނަށް ހިދާޔަތް ދައްކަވައި ދީނުގައި ސާބިތުކަން ދެއްވާންދޭވެ! އާމީން، އާމީން

Your email address will not be published. Required fields are marked *